Roadha Mihaaru
އީރާނުން ޖަލަށް ހުކުމްކުރި މީހާ ފިލައިގެން ލަންޑަނަށް

އީރާނުން ޖަލަށް ހުކުމްކުރި މީހާ ފައިމަގުގައި ބޯޑަރު ހުރަސްކޮށް ފިލައިފި

04 ފެބުރުއަރީ 2021

ލަންޑަން (ފެބްރުއަރީ 4) - އީރާނުން ނުވަ އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުރި، އިނގިރޭސި ވިލާތުގެ ވެސް ރަށްވެހިކަން އޮންނަ އީރާނުގެ ރައްޔިތަކު ފިލައިގެން ލަންޑަނަށް ދިޔަ ގޮތް އޭނާ ކިޔައިދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ފެބްރުއަރީ 4) - އީރާނުން ނުވަ އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުރި، އިނގިރޭސި ވިލާތުގެ ވެސް ރަށްވެހިކަން އޮންނަ އީރާނުގެ ރައްޔިތަކު ފިލައިގެން ލަންޑަނަށް ދިޔަ ގޮތް އޭނާ ކިޔައިދީފި އެވެ.

މުޖްތަމައުތެރޭގައި ހިނގާ އިޖްތިމާއީ ނުރަނގަޅު ބައެއް އާދަތައް ހުއްޓުވުމަށް މަސައްކަތް ކުރާ ކަމީލް އަހުމަދީ އަކީ އީރާނުގައި އަންހެން ކުދިން ޚިތާން ކުރުމާއި ޅަ އުމުރުގައި ކުދިން ކައިވެނި ކުރުމާ ދެކޮޅަށް ކެމްޕޭން ކުރަމުން ދިޔަ މީހެކެވެ. ނުވަ އަހަރަށް ޖަލަށް ހުކުމް ކުރި ނަމަވެސް އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. މައްސަލަ އިސްތިއުނާފް ކުރި ނަމަވެސް ކާމިޔާބު ނުވާނެކަން އަހުމަދީ އަށް އެނގެ އެވެ. އެހެންވެ އޭނާގެ ބޮޑުވަމުން ދިޔަ ދަރިފުޅާ ބައްދަލު ނުވެ އީރާނުގެ ޖަލުގައި ދުވަސްތައް ހޭދަ ކުރުމުގެ ބަދަލުގައި އަހުމަދީ ނިންމީ ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިވި ނަމަވެސް ފިލައިގެން އީރާނުން ދިއުމަށެވެ. އޭނާ ފިލި ގޮތް ވަނީ ލަންޑަނަށް ގޮސް ބީބީސީ އާއި ދަ ގާޑިއަން އަށް ކިޔައިދީފަ އެވެ.

"ވަރަށް އާދައިގެ ގޮތަކަށް ހަމަ ފިލަން މަސައްކަތް ކުރީ. ދަބަހަކަށް ބައެއް ފޮތްތަކާއި ލެޕްޓޮޕަކާއި ފިނި ހެދުން ލައިގެން ނައްޓާލީ،" ބީބީސީ ރޭޑިއޯ އަހުމަދީ ބުންޏެވެ.

ބޭރުގެ އަދާވާތްތެރި ދައުލަތަކާ ގުޅުން އޮންނަ ކަމަށް ބުނެ ހައްޔަރު ކުރުމަށް ފަހު ތެހެރާނުގެ އަނިޔާވެރި އެވިން ޖަލުގައި އަހުމަދީ ވަނީ ތިން މަސް ދުވަސް ހޭދަކޮށްފަ އެވެ. އެ ދުވަސްތަކުގައި ނަފްސާނީ ގޮތުން ބަލިކޮށްލަން ވަރަށް އަނިޔާ ދިން ކަމަށް އަހުމަދީ ބުންޏެވެ.

އޭގެ ފަހުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް ފަހު މިދިޔަ ޑިސެމްބަރު މަހު ވަނީ ނުވަ އަހަރަށް ޖަލަށްލާން ހުކުމްކޮށް 722،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އިނގިރޭސި މީޑިއާތަކުން ބުނެފައި ވަނީ އަހުމަދީ ފިލީ އޭނާގެ މައްސަލަ އިސްތިއުފާން ކުރާތީ ކަފާލާތުގެ ދަށުން ދޫކޮށްލައިފައި ހުއްޓަ އެވެ. އޭނާގެ އިސްތިއުފާން ބަލައިނުގަންނަން މިދިޔަ ހޯމަ ދުވަހު ވަނީ ނިންމައިފަ އެވެ. އަހުމަދީ ބުނެފައި ވަނީ އިސްތިއުނާފް ކުރި އިރު ވެސް އެގޮތަށް ކަންވާނެކަން އޭނާ އަށް އެނގޭ ކަމަށެވެ.

އީރާނުން ފިލަން ފެށި ދަތުރު އަހުމަދީ ސިފަ ކުރަނީ "ވަރަށް ދިގު، ވަރަށް އަނދިރި، ވަރަށް ފިނިގަދަ އަދި އެހާމެ ބިރުވެރި ދަތުރެއްގެ" ގޮތުގަ އެވެ.

ކަމީލް އަހުމަދީ: އީރާނުން ފިލީ އެހެން އެއްވެސް ގޮތެއް ނެތިގެން. --ފޮޓޯ: ގާޑިއަން

ކަމީލް އަހުމަދީ: އީރާނުން ފިލީ އެހެން އެއްވެސް ގޮތެއް ނެތިގެން. --ފޮޓޯ: ގާޑިއަން

ފިލައިގެން ގޮސް އަހުމަދީ މިހާރު ހުރީ ލަންޑަނުގައި އޭނާގެ އަންހެނުންނާއި ކުޑަ ދަރިފުޅުގެ ގާތުގަ އެވެ.

ގާޑިއަން އަށް އަހުމަދީ ބުނީ އޭނާ ފިލައިގެން ލަންޑަނަށް ދިޔަކަން އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވާކަން ނޭނގޭ ކަމަށެވެ. އަހުމަދީ ބުނީ އޭނާ އަކީ އީރާނުގެ ހުޅަނގުގެ ކުރުދީ ސަރަހައްދަކަށް ނިސްބަތްވާ މީހަކަށް ވާތީ އީރާނުގެ ބޯޑަރު ސަރަހައްދުގައި ދަތުރުކުރާ ބައެއް މަގުތައް އެނގޭ ކަމަށެވެ. އެހެންވެ އީރާނުން ފިލައިގެން ދާން އޭނާ އިޚްތިޔާރު ކުރީ އިރާގާއި ތުރުކީން ވަގަށް މުދާ އެތެރެކުރަން ބޭނުން ކުރާ މަގެކެވެ. ބޯ ސްނޯގެ ތެރޭގައި ގަދަ ފިނީގައި ފައިމަގުގައި ފިލަން އަހުމަދީ މަސައްކަތް ކުރީ ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއްގައެއް ނޫނެވެ. އީރާނުގެ ނިއުކްލިއާ ސައެންޓިސްޓް މުހްސިން ފަޚްރިޒާދާ އަވަހާރަކޮށްލި ފަހުން ބޯޑަރުގެ ސެކިއުރިޓީ ވަނީ ވަރުގަދަ ވެސް ކޮށްފަ އެވެ.

ބީބީސީ އަށް އަހުމަދީ ބުނީ އޭނާ ފިލަން އުޅެނިކޮށް ބޯޑަރު ގާޑުންގެ އަތްދަށުވި ނަމަ އަދަބު ދެ ގުނަ ބޮޑުވީސް ކަމަށެވެ.

"އަޅުގަނޑަށް އަބަދުވެސް އެނގޭ މިއީ އީރާނުން ބޭނުންވާނެ އަގު ބޮޑު މުދާގަނޑެއްކަން. އެކަމަކު އެއީ އަޅުގަނޑު އެއްވެސް ކުށެއް ކޮށްގެން ނޫން،" ބީބީސީ އަށް އަހުމަދީ ބުންޏެވެ.

އުމުރުން 18 އަހަރުގައި އަހުމަދީގެ މައިންބަފައިން ވަނީ ކިޔެވުމަށް އޭނާ އިނގިރޭސި ވިލާތަށް ފޮނުވައިފަ އެވެ. ޔުނިވާސިޓީ އޮފް ކެންޓް އާއި ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން ކިޔެވުމަށް ފަހު އަހުމަދީ ގަސްދުކުރީ އިނގިރޭސި ވިލާތުގައި ދިރިއުޅޭށެވެ. އެހެންވެ އިނގިރޭސި ވިލާތުގެ ރަށްވެހިކަން އޭނާ ހޯދި އެވެ. ނަމަވެސް ބައްޕަ މުސްކުޅިވެފައިވާތީ ބައްޕަ ބެލުމަށް އަހުމަދީ ގަސްދުކުރީ 2010 ވަނަ އަހަރު އެނބުރި އީރާނަށް ދާށެވެ. އީރާނުގައި ހުރެގެން އޭނާ ވަނީ އަންހެން ކުދިން ޚިތާން ކުރުމާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ.

އަހުމަދީ ބުނީ އޮގަސްޓް 2019 ގައި ތެހެރާނުގައި ހުންނަ އޭނާގެ ގޭގެ ދޮރުގައި މީހަކު ޓަކި ދިނުމަށް ފަހު އެއީ ޕޯސްޓްމަނެއް ކަމަށާއި ދޮރު ހުޅުވަން އެދުނު ކަމަށެވެ. އޭނާ ދޮރު ހުޅުވާލި އިރު ތިބީ ރިވޮލިއުޝަނަރީ ގާޑުގެ 16 ސިފައިން ކަމަށް ބުންޏެވެ. އޭނާ ހައްޔަރުކޮށްގެން އެވިން ޖަލަށް ގެންދިޔަ އެވެ.

އަހުމަދީ ބުނީ އީރާނުން އޭނާ ފިލީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށްވާތީ ކަމަށެވެ.

"10 އަހަރު ޖަލުގައި އަޅުގަނޑަކަށް ނޯވެވޭނެ. ޖަލުން ބޭރުގައި އެއަށް ވުރެ ޒިންމާދާރު މަސައްކަތްތައް ކުރެވޭނެ. އަޅުގަނޑުގެ އާއިލާ ވެސް ބަލަހައްޓަންޖެހޭ،" އަހުމަދީ ބުންޏެވެ.