Roadha Mihaaru
ޖެފް ބެޒޯސް އެމެޒޯންގެ ސީއީއޯގެ މަގާމު ދޫކޮށްލަނީ

ޖެފް ބެޒޯސް އެމެޒޯންގެ ސީއީއޯގެ މަގާމު ދޫކޮށްލަނީ

03 ފެބުރުއަރީ 2021

ދުނިޔޭގެ އޮންލައިން ވިޔަފާރީގައި ރަސްކަންކުރާ އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯންގެ ސީއީއޯގެ މަގާމުން އެ ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް އިސްތިއުފާ ދެއްވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އޮންލައިން ވިޔަފާރީގައި ރަސްކަންކުރާ އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯންގެ ސީއީއޯގެ މަގާމުން އެ ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް އިސްތިއުފާ ދެއްވަން ނިންމައިފި އެވެ.

މިކަން އަންގާރަ ދުވަހު އިއުލާންކުރައްވަމުން ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ވިދާޅުވީ އޭނާ ކުންފުނީގެ ސީއީއޯގެ މަމާގު ރަސްމީކޮށް ދޫކޮށްލައްވާނީ މި އަހަރުގެ ޖުލައި މަހުގެ 1 އިން ފެށިގެން ކަމަށެވެ. އޭގެ ފަހުން އެމެޒޯންގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިހާރު ކުންފުނީގެ ވެބް ސާވިސްގެ ޗީފް އެކްޒެކެޓިވްގެ މަގާމުގައި ހުންނެވި އެންޑީ ޖެސީ އެވެ.

ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން މުވައްޒަފުންނަށް ފޮނުއްވި މެމޯއަކުން އިއުލާންކުރައްވައި ބެޒޯސް ވިދާޅުވީ އޭނާ މިހާރު އެންމެ ބޮޑަށް ފޯކަސްކުރައްވަން ބޭނުންވެވަޑައިގަންނަވަނީ އެމެޒޯންގެ ދަށުން ހިންގާ ޑޭ ވަން ފައުންޑާއި ބެޒޯސް އާތު ފަންޑްގެ އިތުރުން ބައްލަވައިގެންވާ ނޫސް ދަ ވޮޝިންޓަން ޕޯސްޓް ފަދަ މަސައްކަތްތައް ހިންގެވުމުގައި ކަމަށެވެ.

އެންޑީ ޖެސީ.

އެންޑީ ޖެސީ.

އެމެޒޯންގެ ސީއީއޯގެ މަގާމު ބެޒޯސް ދޫކޮށްލައްވާ އިރު އެ ކުންފުންޏަކީ އޭނާ މީގެ 27 އަހަރު ކުރިން ވުޖޫދަށް ގެނައި ކުންފުންޏެކެވެ. އަދި އެމެޒޯން އަކީ މިހާރު 1.7 ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެކެވެ. އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 1,225,300 އަށް ވުރެ ގިނަ އެވެ.

ބެޒޯސް، 57، ގެ އަމިއްލަ މިލްކިއްޔާތު 185.7 ބިލިއަން ޑޮލަރަށް އަރަ އެވެ.