Roadha Mihaaru
އެމެޒަން އިން ޑްރޯން މެދުވެރިކޮށް ޑެލިވަރީކުރަން ފަށަނީ

އެމެޒަން އިން ޑްރޯން މެދުވެރިކޮށް އެމެރިކާގައި ޑެލިވަރީކުރަން ފަށަނީ

15 ޖޫން 2022

އެމެޒަން އިން ޑްރޯން މެދުވެރިކޮށް އެމެރިކާގެ ބައެއް ހިސާބުތަކުގައި މި އަހަރު ޑެލިވަރީކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމެޒަން އިން ޑްރޯން މެދުވެރިކޮށް އެމެރިކާގެ ބައެއް ހިސާބުތަކުގައި މި އަހަރު ޑެލިވަރީކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޑްރޯން މެދުވެރިކޮށް އެ ކުންފުނިން ޑެލިވަރީކުރަން އުޅޭ މިއީ އަދި ފުރަތަމަ ފަހަރެވެ. އެ ހިދުމަތަށް ދީފައިވާ ނަމަކީ "ޕްރައިމް އެއާ" އެވެ.

އެމެޒަން އިން ބުނީ އެ ހިދުމަތް އެންމެ ފުރަތަމަ ދޭނީ 4،000 މީހުން ދިރިއުޅެމުން އަންނަ ކެލިފޯނިއާގެ ހިސާބެއް ކަމަށްވާ ލޮކީފޯޑްގައި ކަމަށެވެ. މިހާރު އެކަމަށް ބޭނުންވާ އެންމެފަހުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެ ޑްރޯންތައް ޕްރޮގްރާމްކޮށްފައި ވަނީ ލޮކީފޯޑްގެ ކޮންމެ ގޭބިސީއެއްގެ ގޯތިތެރެ އަށް ޕާރުސަލްތައް ގެންގޮސްދޭ ގޮތަށް ކަމަށް ބުންޏެވެ. އެ ޑްރޯންތަކުގައި ހަރުކޮށްފައިވާ ސެންސާތަކުގެ އެހީގައި އެހެން އެއާކްރާފްޓުތަކާއި މީހުންނާއި ދިރިއެއްޗެއްސާއި އަދިވެސް އެހެން ތަކެއްޗަށް އުނދަގޫނުވާނެ ގޮތަށް އެ ދަތުރުކުރާނެ ކަމަށް ވެސް ބުންޏެވެ.

ޑްރޯން މެދުވެރިކޮށް ޑެލިވަރީ ފަށަން އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު ވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެ، އެ މަސައްކަތް ވަނީ ލަސްވެފަ އެވެ.

ލޮކީފޯޑްގައި ޑްރޯން ޑެލިވަރީ ފަށައި، ވަރަށް އަވަހަށް އެ ހިސާބުތަކަށް ވެސް އެ ހިދުމަތް ފުޅާކުރާނެ ކަމަށް ބުންޏެވެ.

އެ ކުންފުނީގެ އަމާޒަކީ އޯޑަރު ދޭތާ ގަޑިއިރެއްގެ ތެރޭގައި ޑެލިވަރީކުރުމެވެ.

އެމެޒަންގެ ވެރިޔާ ޖެފް ބޭޒޯސް 2013 ވަނަ އަހަރު ވަނީ ފަސް އަހަރުގެ ތެރޭގައި ޑެލިވަރީ ޑްރޯންތަކުން އުޑުމަތި ފުރާލާނެ ކަމަށް ވައުދުވެފަ އެވެ. އެކަމަކު މިއަދާ ހަމަ އަށް ވެސް އެކަން އަދި ހާސިލުވެފައެއް ނުވެ އެވެ.