Roadha Mihaaru
ބޭނުންނުވާ ކުޅުންތެރިއަކު ގެނައުމުން ކޯޗު އިސްތިއުފާދީފި

ބޭނުންނުވާ ކުޅުންތެރިއަކު ގެނައުމުން ކޯޗު އިސްތިއުފާދީފި

03 ފެބުރުއަރީ 2021

ޕެރިސް (ފެބްރުއަރީ 3) - ކްލަބްގެ މެނޭޖްމަންޓަށް އޭނާ ހުށަހެޅި ޓްރާންސްފާ ލިސްޓުގައި ނެތް ކުޅުންތެރިއަކު ސޮއިކުރުމުން މާސޭގެ ކޯޗު އަންދްރެސް ވިލަސް ބޮއަސް މަގާމުން އިސްތިއުފާދީފި އެވެ.

ޕެރިސް (ފެބްރުއަރީ 3) - ކްލަބްގެ މެނޭޖްމަންޓަށް އޭނާ ހުށަހެޅި ޓްރާންސްފާ ލިސްޓުގައި ނެތް ކުޅުންތެރިއަކު ސޮއިކުރުމުން މާސޭގެ ކޯޗު އަންދްރެސް ވިލަސް ބޮއަސް މަގާމުން އިސްތިއުފާދީފި އެވެ.

ޓްރާންސްފާގެ ފަހު ދުވަހު މާސޭ އިން ވަނީ ސެލްޓިކަށް ކުޅެމުން އައި މިޑްފީލްޑަރު އޮލިވިއޭ އެންޗަމް ގެނެސްފަ އެވެ. ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުރިން ކުޅުނު އޮލިވިއޭ، މާސޭ އަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުންނެެވެ. ވިލަސް ބޮއަސް ބުނީ އޮލިވިއޭ ގެނައި ހަބަރު އޭނާ އަށް ލިބުނީ މީޑިއާ އިން ކަމަށާއި އޭނާ އަކީ އެ ޓީމަށް ބޭނުންވާ ކުޅުންތެރިއެއް ނޫންކަން ކްލަބްގެ މެނޭޖްމަންޓަށް ވެސް ކުރިން އަންގާފައިވާނެ ކަމަށެވެ.

"އަހަރެން ވަރަށް ސާފުކޮށް ނޫނެނޭ ބުނެފައިވާނީ މި ޑީލަށް. މިއީ އަހަރެންގެ ނިންމުމެއް ނޫން. މި ގޮތަށް ކުރިއަށްދާން ބޭނުންނުވާތީ މަގާމުން އިސްތިއުފާދޭން ނިންމައިފިން،" ވިލަސް ބޮއަސް ބުންޏެވެ.

ވިލަސް ބޮއަސް ހިތްހަމަނުޖެހުނު ސަބަބަކީ އޭނާގެ ޕްލޭނުގައި ހިމެނޭ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ މޯގަން ސެންސޮން އެސްޓަން ވިލާ އަށް 21 މިލިއަން ޑޮލަރަށް ވިއްކާލުމަށް ފަހު ބަދަލުގައި ރަނގަޅު ކުޅުންތެރިއެއް ގަންނަން ހަރަދުކުރަން ކްލަބްގެ މެނޭޖްމަންޓުން ދެކޮޅު ހަދައި ފަހުން ލޯނަކަށް އޮލިވިއޭ ގެންނަން ނިންމުމުންނެވެ.

މި ސީޒަނުގެ ނިޔަލަށް މާސޭ ކޮންޓްރެކްޓްގައި ހުރި ވިލަސް ބޮއަސް މީގެ ކުރިން ވަނީ އޭނާގެ އެއްބަސްވުން ހަމަވުމުން ޓީމު ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ. ކުރިން ޗެލްސީ އާއި ޓޮޓެންހަމަށް ކޯޗުކޮށްދިން ވިލަސް ބޮއަސްގެ އިސްތިއުފާ ގަބޫލުކުރުމެއް ނެތި އެ ޓީމުން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. އެކަމާ ބެހޭގޮތުން ވިލަސް ބޮއަސް ބުނީ ޓީމު ދޫކޮށްދާއިރު ބަދަލުގައި އެއްވެސް އެއްޗެއް އޭނާ ބޭނުންނުވާ ކަމަށެވެ.

މާސޭގެ ނަތީޖާތައް ދަށްވެފައިވާ މި ދަނޑިވަޅުގައި ދާދި ފަހުން އެ ކްލަބްގެ ބައެއް ސަޕޯޓަރުން ވަނީ އެ ޓީމުގެ ޓްރެއިނިން ދަނޑުގެ ބޭރުގައި އެއްވެ އަޑުއުފުލައި ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ. ވިލަސް ބޮއަސް ބުނީ އިސްތިއުފާ ދިނުމާއި ސަޕޯޓަރުންގެ އެކަންކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.