Roadha Mihaaru
ނޭމާ ހިމެނޭ ގޮތަށް ފަސް ރަތް ކާޑު ދައްކައިފި

ޕީއެސްޖީ ބަލިވިއިރު ނޭމާ ހިމެނޭ ގޮތަށް ފަސް ރަތް ކާޑު ދައްކައިފި

14 ސެޕްޓެމްބަރ 2020

ޕެރިސް (ސެޕްޓެމްބަރު 14) - ފްރެންޗް ލީގުގައި ރޭ މާސޭ އިން 1-0 އިން ޕީއެސްޖީ ބަލިކުރި މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަަމަނުޖެހުންތަކުގެ ތެރޭގައި އެ ޓީމުގެ ތަރި ނޭމާ ހިމެނޭ ގޮތަށް ފަސް ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައިފި އެވެ.

ޕެރިސް (ސެޕްޓެމްބަރު 14) - ފްރެންޗް ލީގުގައި ރޭ މާސޭ އިން 1-0 އިން ޕީއެސްޖީ ބަލިކުރި މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަަމަނުޖެހުންތަކުގެ ތެރޭގައި އެ ޓީމުގެ ތަރި ނޭމާ ހިމެނޭ ގޮތަށް ފަސް ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައިފި އެވެ.

ރޭގެ މެޗުގެ އިތުރު ވަގުތަށް ދެއްކި ހަތް މިނިޓްގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި މާސޭގެ ޑާރިއޯ ބެނެޑޭޓޯ އާއި ޕީއެސްޖީގެ ލެއަންޑްރޯ ޕަރޭޑޭސް ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި ދެ ކުޅުންތެރިންގެ މެދުގައި ފުރަތަމަ ހަމަނުޖެހުމެއް ހިނގި އެވެ. އެ ވަގުތު ދެ ޓީމުގެ ކުޅުންތެރިން އެއްވެ އުޅުނު ގަޑީގައި އިތުރު ހަމަނަޖެހުންތަކެއް ހިނގި އެވެ. އެ ވަގުތު ޕީއެސްޖީގެ ލަވިން ކުރްޒާވާ އާއި މާސޭގެ ޖޯޑަން އަމާވީ ވަނީ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކު ގައިގައި ޖަހައިފަ އެވެ. މި ކަންތައްތައް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލައި ރެފްރީ ވަނީ ޕަރޭޑޭސް، ކުރްޒާވާ، އަމާވީ އަދި ބެނެޑޭޓޯ އަށް ރަތް ކާޑު ދައްކައިފަ އެވެ.

ނޭމާ އަށް ރަތް ކާޑު ދެއްކީ މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒް ބޮލުގައި އަތުން ޖެހުމުންނެވެ. ނޭމާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކުރުމުންނެވެ. މެޗަށް ފަހު ނޭމާ އެނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުން ހަގީގަތުގައި ޖަހަން ބޭނުންވަނީ އޭނަގެ މޫނުގައި ކަމަށެވެ.

މެޗުގެ ރެފްރީ ޕީއެސްޖީގެ ޕަރޭޑޭސް އާއި ބެނެޑޭޓޯ އަށް ރަތް ކާޑު ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ރެފްރީ ޕީއެސްޖީގެ ޕަރޭޑޭސް އާއި ބެނެޑޭޓޯ އަށް ރަތް ކާޑު ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

މާސޭގެ ކޯޗު އަންދްރެސް ވިލަސް ބޮއަސް ބުނީ ގޮންޒާލޭޒަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ފަރާތުން ނަސްލީ ތަފާތު ކުރުން ފަދަ ދަށު ދަރަޖައިގެ އަމަލެއް ފެންނާނެ ކަމަށް ގަބޫލުނުކުރާކަމަށެވެ. އަދި ގޮންޒާލޭޒް އެކަން ކުރި ނަމަ ހައްގު އަދަބު ދޭން ޖެހޭނެ ކަމަށް ވިލަސް ބޮއަސް ބުންޏެވެ.

ރޭގެ މެޗުން ބަލިވުމާ އެކު ޕީއެސްޖީ މި ފަހަރުގެ ލީގުގެ ފުރަތަމަ ދެ މެޗުން މި ވަނީ ބަލިވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެސްޖީ ވަނީ އަލަށް ޕްރޮމޯޓްވި ލެންސް އަތުން ބަލިވެފަ އެވެ. މިއީ މިދިޔަ 41 އަހަރު ތެރޭ ޕީއެސްޖީ ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވި ފުރަތަމަ ފަަހަރެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ލެންސާ ދެކޮޅަށް ޕީއެސްޖީ ކުޅުނީ އެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ނޭމާ އާއި ޑިމާރިއާ އަދި ޕަރޭޑޭސް ނުލަ އެވެ. ރޭގެ މެޗަކީ މި ފަހަރުގެ ސީޒަނުގައި އެ ކުޅުންތެރިންގެ ފުރަތަމަ މެޗެވެ. ރޭގެ މެޗުގައި ޕީއެސްޖީ އަށް ލީޑުނަގައިދޭން މާކޯ ވެރާޓީ އާއި ނޭމާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ކޮވިޑް-19 ޖެހިފައިވާތީ، ރޭގެ މެޗުގައި ވެސް އެމްބާޕޭ އާއި މާކުއީނިއޯސް އަދި މައުރޯ އިކާޑީ ނުކުޅެ އެވެ.

ވިހި މެޗަށް ފަހު ޕީއެސްޖީ އަތުން މާސޭ އަށް ފުރަތަމަ މޮޅު ހޯދައިދިން ގޯލު ރޭގެ މެޗުގައި ކާމިޔާބުކުރީ މިދިޔަ ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ވިންގް ފްލޯރިއަން ތޯވާން އެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ތޯވާން ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.