Roadha Mihaaru
"ޕްރިމިއާ ލީގަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތް"

ޕްރިމިއާ ލީގަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތް: ވިލަސް ބޮއާސް

06 މެއި 2020

ޕެރިސް (މެއި 6) - އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ ހަވާލުވާން ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ޕްރިމިއާ ލީގުގެ ޗެލްސީގެ ކުރީގެ ކޯޗު އަންދްރޭ ވިލަސް-ބޮއާސް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (މެއި 6) - އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ ހަވާލުވާން ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ޕްރިމިއާ ލީގުގެ ޗެލްސީގެ ކުރީގެ ކޯޗު އަންދްރޭ ވިލަސް-ބޮއާސް ބުނެފި އެވެ.

އުމުރުން 42 އަހަރުގެ ވިލަސް-ބޮއާސް މިހާރު ކޯޗުކޮށްދޭ ފްރާންސްގެ މާސޭ އަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފަ އެވެ. ފްރާންސް ސަރުކާރުގެ އެންގުމާ އެކު ފްރެންޗް ލީގު ކެންސަލްކޮށް މަގާމުތައް ކަނޑައެޅިއިރު، މާސޭ އަށް ލިބުނީ ދެ ވަނަ އެވެ. މިއާ އެކު އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންވީ އެވެ.

މާސޭގައި މި ސީޒަނުގައި ވިލަސް-ބޮއާސް ކާމިޔާބު މަސައްކަތްތަކެއްކޮށްފައިވާތީ އޭނާ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން އަންނަނީ ލިބެމުންނެވެ. އެ ގޮތުން ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑަކީ އޭނާ ގެންދަން ބޭނުންވާ އެއް ކްލަބެވެ.

ވިލަސް-ބޮއާސް ބުނީ އޭނާގެ އެޖެންޓު މެދުވެރިކޮށް އަބަދުވެސް އެކި ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައީ އިނގިރޭސި ކްލަބްތަކުގެ އޮފާތައް ކަމަށެވެ.

"އަހަންނަށް އަބަދުވެސް އެނގޭ ހުށަހެޅުންތައް ލިބޭކަން. ހާއްސަކޮށް އިނގިރޭސި ޕްރިމިއާ ލީގުން. އަހަރެން ބޭނުމެއް ނޫން އަލުން ޕްރިމިއާ ލީގަށް ދާން. އަހަރެން އެ ތަނުގައި މަސައްކަތްކޮށްފިން. ދެން ބޭނުންވަނީ އެހެން މަސައްކަތްތައް ކުރަން،" ޗެލްސީ އާއި ޓޮޓެންހަމަށް ކުރިން ކޯޗުކޮށްދިން ވިލަސް-ބޮއާސް ބުންޏެވެ.

ވިލަސް-ބޮއާސްގެ ކޯޗިން ކެރިއަރު ފެށީ ޒުވާން އުމުރުގައި 2009 ވަނަ އަހަރު ޕޯޗުގަލްގެ އެކެޑަމިކާ އިންނެވެ. އޭގެ އެއް އަހަރު ފަހުން ޕޯޓޯއާ ހަވާލުވެ ކުރި ކާމިޔާބު މަސައްކަތާ އެކު ވިލަސް-ބޮއާސްއާ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯއާ އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ބުނެ މީޑިއާގައި ވާހަކަ ދެކެވުނެވެ. ޗެލްސީން ވިލަސް-ބޮއަސް ގެންދިޔަ އެންމެ ބޮޑު ސަބަބަކީ ވެސް މި އެވެ. ޗެލްސީގައި ވިލަސް-ބޮއަސް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އޭނާއާ އެއް އުމުރުގެ ކުޅުންތެރިންތަކަކަށް ކޯޗުކޮށްދޭން ޖެހުމުން ދިމާވި ގޮންޖެހުންތަކުގެ މައްސަލަ އެވެ.

"ޕްރިމިއާ ލީގު ދިޔައީ އަހަންނަށް އެންމެ އުފާވެރި ކޮށެއް ނޫން. އެކަމަކު ޓޮޓެންހަމްގައި އަހަރެން ހޭދަކުރި ސީޒަން އެއީ އުފާވެރި ދުވަސްތަކެއް އަހަރެމެން ކްލަބްގެ ޕޮއިންޓް ރެކޯޑެއް ގާއިމްކުރިން. އެކަމަކު ޗެލްސީގައި ހޭދަވި ފަޅި ސީޒަނާއި ޓޮޓެންހަމްގެ ފުރަތަމަ ދުވަސްތައް ރަނގަޅު ތަޖުރިބާއެއް ނޫން. މިހާރު އެއީ މާޒީ. އަހަރެންގެ ކެރިއަރުގައި މި ވަގުތު އެހެން ޕްލޭންތަކެއް އެބަހުރި،" ވިލަސް-ބޮއަސް ބުންޏެވެ.

މިދިޔަ އަހަރު މާސޭ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ވިލަސް-ބޮއާސް ވަނީ ރަޝިއާގެ ޒެނިޓު ޕީޓާސްބާގާއި ޗައިނާގެ ޝަންހާއީ އެސްއައިޕީޖީ އަށް ކޯޗުކޮށްދީފަ އެވެ.