Roadha Mihaaru
ބޮޑު މޮޅަކާ އެކު މާޒިޔާ އަށް ހަ ޕޮއިންޓުގެ ލީޑެއް

ބޮޑު މޮޅަކާ އެކު މާޒިޔާ އަށް ހަ ޕޮއިންޓުގެ ލީޑެއް

03 ފެބުރުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު ލީގުގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު ލީގުގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ނުވަ މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިއަދު ހަވީރު ޓީސީ އަތުން މޮޅުވި ވެލެންސިއާ އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބުނު ނަމަވެސް މިއީ އަދި ވަކި ގޮތެއް ނިންމަން އަވަސް ވަގުތެއް ކަމަށެވެ.

"ބާކީ 12 މެޗު އެބައޮތް. އަހަރެން ދެކޭ ގޮތުގައި އެއީ ވަރަށް ބައިވަރު ގޮތްތަކެއް ވުމުގެ ފުރުސަތު އޮތް މެޗުތަކެއް. ހަ ޕޮއިންޓަކީ (މި ލީޑަކީ) އެ ގޮތަށް ބަލާއިރު މާ ބޮޑު އެއްޗެއް ނޫން. އަހަރެމެން ވަރަށް ސީރިއަސްކޮށް ދެން ހުރި މެޗުތަކަށް ނުކުމެ މެޗަކަށް ވުރެ މެޗެއް ރަނގަޅުކުރުން އޮތީ،" ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ އިން މިރޭގެ މެޗަށް ނުކުތީ އެންމެ ފަހުން ކުޅުނު މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް އެއް ބަދަލު ގެނެސްގެންނެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲގެ ބަދަލުގައި ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އަށް ފުރުސަތުދިންއިރު، ކުރިން އަސަދުﷲ ކުޅުނު މަގާމަށް ކުޅުނީ އިބްރާހިމް އައިސަމް އެވެ.

ވަރުގަދަކޮށް ފެށި މާޒިޔާ އިން ލީޑުނެގީ މެޗުގެ އަށް ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުންނެވެ. އައިސަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަމްޕު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަ ގްރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) އަތުގައި ޖެހިފަ އެވެ. އޭގެ ފަހުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ދެ ހަމަލާއެއް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ކައުންޓަ އެޓޭކުގައި ދަ ގްރާންޑޭ އިން ވެސް ގޯލު ޖަހަން މަސައްކަތްކުރި ނަމަވެސް އެ ޓީމަށް މާޒިޔާ ފަހަތުން މާ ބޮޑު ޖާގަތަކެއް މި ހާފުގައި ނުލިބުނެވެ. ޕްރެސްކޮށްގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ މާޒިޔާ އިން ލީޑުފުޅާކުރީ މެޗުގެ 31 ވަނަ މިނިޓްގަ އެވެ. ހަމްޕު ތިރިތިރިން ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ހަތް މިނިޓް ފަހުން ހާފު މެދުތެރެއިން ހަމްޕު ޖެހި ބާރު ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ކީޕަރު އިޔާން އަތުގައި ޖެހިފައި އެ ބޯޅަ ވެއްޓުނީ ގޯލު ތެރެއަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދެ މިނިޓް ތެރޭ ދަ ގްރާންޑޭގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ޖެހި ޝޮޓެއް މާޒިޔާގެ ކީޕަރު ސާބިއާގެ ނިކޮލަ ވުޔަނަކް ވަނީ މަތަކޮށްފަ އެވެ. މާޒިޔާގެ ހަތަރު ވަނަ ގޯލު ޖެހި މެޗުގެ 57 ވަނަ މިނިޓްގައި ހުސެއިން ނިހާން (ނިހާޓް) އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ނިހާޓް ވަނީ ފަސޭހައިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ 10 މިނިޓް ފަހުން ކޯނޭ ވަނީ ދަ ގްރާންޑޭ ޑިފެންޑަރުންނާއި ކީޕަރު އިޔާނަށް ލިބުމުގެ ކުރިން ބޯޅަ ހޯދައި މާޒިޔާ އަށް ފަސް ވަނަ ގޯލެއް ޖަހައިދީފަ އެވެ.

މާޒިޔާ އަށް އިތުރު ގޯލުތަކެއް ޖަހަން އައިސަމް އާއި ހަމްޕު އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަސަދުﷲ ފޮނުވާލި ހަމަލާތައް ކީޕަރު އިޔާން ވަނީ ހުއްޓުވައިފަ އެވެ. ދެ ވަނަ ހާފުގައި ކުޅެން އެރުވި ދަ ގްރާންޑޭގެ އަޔާޒް އަހުމަދު (އަޔާ) މެޗުގެ ފަހު ކޮޅު ޖެހި ޝޮޓެއް މާޒިޔާ ކީޕަރު ނިކޮލަ ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް މާޒިޔާގެ ކޯޗު ވިޑަކޮވިޗް ވަނީ ބުނެފަ އެވެ. އެކަމަކު އޭނާ ދެކޭގޮތުގައި އެ ޓީމަށް މި އަށް ވުރެ ރަނގަޅަށް ވެސް ކުޅެވިދާނެ އެވެ. ރަނގަޅުކުރަންވީ ޓީމެއްގެ ގޮތުގައި ކުޅުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށް އޭނާ ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މާޒިޔާ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ ކުޅުންތެރިން ތިބި ޓީމު ކަމަށްވެފައި އެ ޓީމުން އަތުން ބަލިވުމަކީ މާޔޫސްވާންޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭނެ ކަމަށެވެ. އެހެން ނަމަވެސް މެޗު ދިޔަ ގޮތަށް ބަލާއިރު ފަރަގު ބޮޑުވާން ދިޔަ ސަބަބަކީ ވަރަށް ސީރިއަސް ބޮޑެތި މިސްޓޭކްތަކެއް ހެދުން ކަމަށް އިންމަ ބުންޏެވެ.

"އައީ ހުރިހާ ކަމަކަށް ވެސް ތައްޔާރުވެގެން. ޑިފެންސްލައިނުން ހެދި ވަރަށް ސީރިއަސް މިސްޓޭކްތަކަކުން ގޯލު ވަދެފައި އެބަހުރި. ފަސް ގޯލުން ތިން ގޯލަކީ މިސްޓޭކް ކަމަށްވަންޏާ އެއީ ގޯހެއް. އެއީ ރަނގަޅުކުރަން ޖެހޭ ކަމެއް. ފަހުން ފަހުން އައިސް ކުޅުން މުޅިއަކުން ގޯހެއް ނޫން. ފަހު ހާފުގައި ފަހުން ކޮންފިޑެންސާ އެކު ކުޅެލުމަކީ ދެން ހުރި މެޗުތަކަށް ރަނގަޅަށް ދިޔަކަމެއް،" އިންމަ ބުންޏެވެ.

އިންމަ ބުނީ މެޗުގެ ފަހު ކޮޅުގައި ކީޕަރު އިޔާންގެ ފަރާތުން ފެނުނު ސޭވްތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.