04 ޖެނުއަރީ 2021
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އިތުރު ވަގުތުގައި ކޮމިލޯވް އަބްދުރަސުލް ޖެހި ގޯލުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ޗެމްޕިއަން މާޒިޔާއާ 2-2 އިން އެއްވަރުކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އިތުރު ވަގުތުގައި ކޮމިލޯވް އަބްދުރަސުލް ޖެހި ގޯލުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ޗެމްޕިއަން މާޒިޔާއާ 2-2 އިން އެއްވަރުކޮށްފި އެވެ.
މި ނަތީޖާއާ އެކު މާޒިޔާ ވަނީ ލީގުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. މާޒިޔާ އަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ވެލެންސިއާ މާދަމާ ހަވީރު ކުޅޭ މެޗުން އީގަލްސް އަތުން މޮޅުވެގެން އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.
އެންމެ ފަހުން ކުޅުނު މެޗަށް ފަހު މާޒިޔާ ކޯޗުކަމުގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާދީފައިވާތީ މި މެޗުގައި މާޒިޔާގެ ހެޑް ކޯޗެއްގެ ޒިންމާ އުފުލީ ގިނަ އަހަރުތަކެއްވަންދެން މާޒިޔާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ. މާޒިޔާ އިން ވަނީ މިއަދު ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗާ އެ ޓީމު ހަވާލުކޮށްފަ އެވެ. އޭނާ އެ ޓީމަށް އިރުޝާދުދޭނީ ދެން އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މެޗުން ފެށިގެންނެވެ.
ވެލެންސިއާ މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނެސްގެން މެޗަށް މާޒިޔާ އިން ނުކުތްއިރު، އެ ޓީމުން ލީޑުނެގީ މެޗުގެ 13 ވަނަ މިނިޓްގައި މޫސާ ޔާމީން (ޔާމްބެ) ޖެހި ހިތްގައިމު ގޯލުންނެވެ. މުޖުތާޒް މުހައްމަދު (މުޖޭ) އަރިމަތިން ނެގި ހުރަސް ދަ ގްރާންޑޭ ޑިފެންޑަރުން ސަލާމަތްކުރި ނަަމަވެސް އޭރިއާ ބޭރުން އެ ބޯޅަ ހޯދައި ޔާމްބެ ވަނީ ތިރިތިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މެޗުގެ ފުރަތަމަ 20 މިނިޓަށް ފަހު ދަ ގްރާންޑޭ އިން މެޗުގެ ތެރެއަށް ވަދެ ހަމަލާއެއް ތިން ވަރަކަށް ހަމަލާ އުފެއްދި އެވެ. އެކަމަކު އޭގެން އެއްވެސް ބޯޅައެއްގައި ބާރެއް ނެތުމުން މާޒިޔާގެ ގޯލުގައި ހުރި ސާބިއާގެ ކީޕަރު ނިކޮލަ ވުޔަނަކް އަށް މާ ބޮޑު އުނދަގުލެއް ކުރިމަތިނުވެ އެވެ.
މާޒިޔާ އިން ފުރަތަމަ ހާފު ނިންމާލީ ވަރުގަދަ ކޮށެވެ. ލީޑުފުޅާކުރީ ޕެނަލްޓީ އަކުން ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) މެޗުގެ 41 ވަނަ މިނިޓްގައި ގޯލުންނެވެ. މިއީ ދަ ގްރާންޑޭގެ ކުޅުންތެރިން އޭރިއާތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ތިން ވަނަ ގޯލެއް ޖަހަން މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ދަ ގްރާންޑޭ ގޯލުގައި ހުރި އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ މަތަކޮށްފަ އެވެ.
ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ޔާމްބެ (ކ) އާއި އިއްބެ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ވަަނަ ހާފް ފަށައިގެން ދަ ގްރާންޑޭ އިން މާޒިޔާ ހާފް ތެރޭގައި ގިނަ ވަގުތު ކުޅެން ފެށި އެވެ. މާޒިިޔާ އޭރިއާ ތެރެއިން އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ލަނޑެއް ޖަހަން ދަ ގްރާންޑޭ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 61 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު އަޔާޒް (އަޔާ) އެވެ. މާޒިޔާގެ ހަތަރު ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އަޔާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީކަނަށެވެ.
މާޒިޔާ އިން ދެ ވަނަ ހާފްގެ ފުރަތަމަ ނުރައްކާތެރި ހަމަލާ އުފެއްދީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު އަބްދުﷲ (ލިލީ) ނެގި ހުރަހަކުން ފޭދޫ އިއްބެ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދަ ގްރާންޑޭ އިން މެދުނުކެނޑި މެޗުގެ ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި ދަ ގްރާންޑޭގެ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) ޖައްސާލި ބޯޅަ އޭރިއާބޭރުގައި ހުރި ރަސުލް ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަންއިރު އެ ހުއްޓުވަން ކީޕަރު ނިކޮލަ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
މެޗުން ލިބުނު ޕޮއިންޓާ އެކު ދަ ގްރާންޑޭ އިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ ތިން ވަނައިގަ އެވެ.
މެޗާ ބެހޭގޮތުން މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރު ބުނީ ބަދަލުތަކެއް ގެނެސްގެން މަސައްކަތްކުރީ ރަނގަޅު ކުޅުމެއް ދެއްކުމަށް ކަމަށާއި އެކަމަކު އެ ކުޅުންތެރިން މެޗުތަކެއް ނުކުޅެ ހުރުމުން ފިޓްނަސްގެ މައްސަލަތަކެއް ފެނުނު ކަމަށެވެ. އަދި ޖުމްލަކޮށް ބަލާއިރު ބަދަލުގައި އެރި ކުޅުންތެރިންނަށް ވެސް އެންމެ އެކަށީގެންވާ ކުޅުމެއް ދައްކަން އުނދަގޫވި އެއް ސަބަބަކީ ގާތްގާތުގައި އެއް ޓީމެއް މާ ބޮޑަށް ބޭނުންކުރެވިފައި ހުރުމުން ކަމާށާއި އާ ކޯޗާ އެކު ކަންތައްތައް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"އެއްވަރަކަށް މެއިންޓެއިނެއް ނުކުރެވޭ. މިސާލަކަށް ދެ މެޗެއްވަރު ނުކުޅެ މި އަރުވާ ޕްލޭޔަރުގެ ފިޓްނަސް ލެވަލް މި އިނީ ވަރަށް ބޮޑަށް ވެއްޓިފައި. އެހެންކަންނޭނގެ މިވީ. މި މެޗަށް މި ނުކުތީ ފަސް ވަރަކަށް ބަދަލުކޮށްގެން. ކޮންމެ ގޮތެއް ވިޔަސް ތިން ޗޭންޖްކުރެވެނީ. އެ ތިން ޗޭންޖަށް ފަހު ވެސް ފެނުނު ދަނޑުމަތިން ވަރުބަލިކަން ގިނަ ދުވަހު ނުކުޅެ ތިބި ޕްލޭޔަރުންގެ ފަރާތުން،" ސުޒޭރު ބުންޏެވެ.
މެޗުގެ ކުރިން ސުޒޭރު އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ)އާ އެކު އަށް ވަރަކަށް އަހަރު އެއްކޮށް މަސައްކަތްކޮށްފައިވުމުން އުނދަގޫކަމެއް ހުންނާނެ ކަމަށެވެ. މި މެޗުގައި މި ނަތީޖާ ނުކުތުމުގައި ދިމާވީ އެކަމެއް ނޫން ކަމަށާއި ފަހު ގޯލުގައި ކޮންމެވެސް ވަރަކަށް ނަސީބުގެ އެހީތެރިކަން ވެސް ލިބުނު ކަމަށް ސުޒޭރު ބުންޏެވެ.
އިންމަ ބުނީ ސުޒޭރާ އެކު މަސައްކަތްކޮށްފައިވުމުން މި މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔަ ވަގުތުތަކުގައި އެޑްވާންޓޭޖް ނެގުނު ކަމަށެވެ.
"ކޮއްކޮ އަކީ އަޅުގަނޑުގެ މުޅި ކެރިއަރުގައިހެން އަޅުގަަނޑާ އެކު މަސައްކަތްކޮށްފައިހުރި ވަރަށް އިންޓެލިޖެންޓް ކޯޗެއް. ކޮންމެ ގޮތެއްވިޔަސް މިހާ ދުވަހު އެއްކޮށް މަސައްކަތްކޮށްފައި ހުރީމަ ކުރީދުވަހު ވެސް ބުނިން އެޑްވާންޓޭޖް ވެސް ހުންނާނެއޭ. އެހެން ނަމަވެސް އަޅުގަނޑު މި މެޗުގައި ޕްލޭޔަރުން ކައިރީގައި ބުނެފައި އައީ މި މެޗުން ކޮންމެސް އެއްޗެއް ހޯދަން ހިނގާށޭ. 90 މިނިޓް ޑިސިޕްލިން ހިފަހައްޓައިގެން އެ މަސައްކަތް މިކުރީ،" އިންމަ ބުންޏެވެ.
ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި އަލަށް ވާދަކުރަން ފެށި ދަ ގްރާންޑޭ އިން މިދިޔަ އަހަރު ވަރަށް ގިނަ މެޗުތަކެއްގައި ފަހު ވަގުތާ ހަަމައަށް މަސައްކަތްކޮށް މެޗުތަކުގައި ނަތީޖާ ހާސިލްކޮށްފައިވެ އެވެ. މި މެޗުގައި މާޒިޔާއާ ދެކޮޅަށް އެ ރޫހު ފެނުމުން އިންމަ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. މި ފަހަރު ލީގުގައި މިހާތަނަށް ބަލިނުވެ އޮތް ހަތަރު ޓީމުގެ ތެރޭގައި ދަ ގްރާންޑޭ ހިމެނެ އެވެ.
ގްރަންޑޭ ބަލިކޮށް ވެލެންސިއާ ފަރަގު ކުޑަކޮށްފި
ލީގު ނުފެށި ކްލަބްތައް ކެތްތެރިކަން ކޮޅުންލަނީ!
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ކުއްލިއަކަށް ލީގު ހުއްޓާލުމުން ކޯޗުންނަށް ޗެެލެންޖް ބޮޑު
ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި
ބޮޑު މޮޅަކާ އެކު މާޒިޔާ އަށް ހަ ޕޮއިންޓުގެ ލީޑެއް
މާޒިޔާ ފައިދާ ނަގަން، ދަ ގްރާންޑޭ ދުލެއް ނުދޭނެ
މާޒިޔާ ގޮވައިގެން އިންމައާ ދެކޮޅަށް ސުޒެއިރު ނުކުންނަނީ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ