Roadha Mihaaru
މާޒިޔާ ގޮވައިގެން އިންމައާ ދެކޮޅަށް ސުޒެއިރު ނުކުންނަނީ

މާޒިޔާ ގޮވައިގެން އިންމައާ ދެކޮޅަށް ސުޒެއިރު ނުކުންނަނީ

03 ޖެނުއަރީ 2021

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އަކީ މާޒިޔާ އެންމެ ރަނގަޅަށް އެނގޭނެ ކޯޗު ކަމަށާއި އޭނާއާ ދެކޮޅަށް ނުކުންނަން އުނދަގޫތަކެއް ހުރި ނަމަވެސް މެޗުން މޮޅުވެވޭނެ ކަމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައޮ މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ މާޒިޔާގެ ވަގުތީ ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އަކީ މާޒިޔާ އެންމެ ރަނގަޅަށް އެނގޭނެ ކޯޗު ކަމަށާއި އޭނާއާ ދެކޮޅަށް ނުކުންނަން އުނދަގޫތަކެއް ހުރި ނަމަވެސް މެޗުން މޮޅުވެވޭނެ ކަމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައޮ މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ މާޒިޔާގެ ވަގުތީ ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) ބުނެފި އެވެ.

މާޒިޔާގެ ކޯޗުގެ މަގާމު ހުސްވީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗަށް ފަހު މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާ ދިނުމުންނެވެ. އާ ކޯޗެއް ހޯދުމުގެ މަސައްކަތް މާޒިޔާ އިން ކުރަމުން އަންނައިރު މިރޭގެ މެޗުގައި ޓީމަށް އިރުޝާދުދޭނީ ސުޒެއިރު އެވެ. މިއީ ކްލަބްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ސުޒެއިރު އަށް ބޮޑު ޒިންމާ އެކެވެ. ސުޒެއިރަށް މި މެޗާ ކުރިމަތިލާއިރު ދެން އޮތް ޗެލެންޖަކީ އިންމައާ ދެކޮޅަށް ނުކުންނަން ޖެހުމެވެ. މާޒިޔާގައި ދެ ފަހަރެއްގެ މަތިން އިންމަ ހޭދަކުރި ގިނަ އަހަރުތަކެއްގައި ސުޒެއިރު ވަނީ އިންމައާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

"ގާތްގަނޑަކަށް އަށެއް ނުވަތަ ނުވަ ވަރަކަށް އަހަރު އެސިސްޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރިން. އިންމައާ ދެކޮޅަށް ނުކުންނައިރު އުނދަގޫ ކަމެއް ހުންނާނެ. އެއީ އިންމަ އަކީ ކޯޗެއްގެ އިތުރުން ވަރަށް ގާތް ރައްޓެއްސެއް ވެސް މެ. މިސާލަކަށް މާޒިޔާގައި އުޅުނުއިރު ވެސް ވަރަށް ގިނަ ވަގުތު އިންމައާ އެކު ހޭދަކުރަން. އިންމަ އަށް ވެސް އެނގޭނެ އަހަރެންގެ ކަންތައްތައް. އިންމަގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް މިކޮޅަށް އެނގޭ. މި ކަންކަން ހުރިކަމަށް ވިޔަސް މެޗުން މޮޅުވާން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން،" ސުޒެއިރު ބުންޏެވެ.

2018 ވަނަ އަަހަރުގެ ޕްރީ ސީޒަން މެޗެއްގެ ތެރެއިން އިންމަ (ވ) އާއި ސުޒެއިރު. -- ފޮޓޯ: މިހާރު ފައިލް ފޮޓޯ

2018 ވަނަ އަަހަރުގެ ޕްރީ ސީޒަން މެޗެއްގެ ތެރެއިން އިންމަ (ވ) އާއި ސުޒެއިރު. -- ފޮޓޯ: މިހާރު ފައިލް ފޮޓޯ

މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށީއްސުރެ އެ ޓީމާ ހަވާލުވެ ހުރި އިންމަ އެ ޓީމުން ފުރަތަމަ ވަކިވީ 2014 ވަނަ އަހަރުގެ ސީޒަނުގެ ކުރީކޮޅުގަ އެވެ. އޭގެ ފަހުން 2017 ވަަނަ އަހަރުގެ ސީޒަން ފަހުކޮޅު ހަވާލުވެ 2018 ވަނަ އަހަރުގެ ސީޒަން އެއްކޮށް ފުރިހަމަކުރި އެވެ. ދެ ފަހަރު ވެސް ސުޒެއިރުއާ އެކު ގިނަ މަސައްކަތްތަކެއް ކުރި އެވެ.

"އެއްކޮށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރިން. އޮންނާނެ އެޑްވާންޓޭޖްތަކެއް ވެސް. ފައިދާނެގޭނެ ގޮތްތައް ދެ ފަަރާތަށް ވެސް އެނގޭނެ. މީގެ ތަފާތަކީ ހުރިހާ ކަމެއް މިހެން ހުރި ކަމުގައި ވިޔަސް މާޒިޔާ ގައި މިހާރު އެ ތިބި ޕްލޭޔަރުންނަކީ ރާއްޖޭގައި މި ވަގުތު ތިބި އެންމެ މޮޅެތި ޕްލޭޔަރުންނަށް ވުން. އަޅުގަނޑު ބުނާނީ އިންޑިވިޖުއަލީ ވެސް ނަތީޖާ ނެރޭނެ ފެންވަރު ކުޅުންތެރިންނޭ އެއީ،" އިންމަ ބުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރެ ހެޑް ކޯޗެއްގެ ޒިންމާ ވެސް ދެ މެޗެއްގައި ނެގި އިންމަ ބުނީ ޓީމެއްގެ ކޯޗު ބަދަލުވުމަކީ އޭގެ ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް މާޒިޔާގައި އޮތް ސްކޮޑަށް ބަލާއިރު ކޮންމެ ކޯޗެއް ހުއްޓަސް އިންޑިވިޖުއަލީ ވެސް ނަތީޖާ ނެރޭނެފަދަ ކުޅުންތެރިން އެ ޓީމުގައި އެބަހުރި ކަމަށެވެ.

"މި މެޗުގެ 90 މިނިޓްގެ ތެރެއިން ކޮންމެ މިނިޓަކީ ވެސް ސަމާލުވާން ޖެހޭ މިނެޓެއް. ފަސޭހަކޮށްލެވޭނެ އަދި އަންޑައެސްޓިމޭޓްކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް. ފުލް ކޮންސަންޓްރޭޝަންގައި ހުރިހާ ކުޅުންތެރިން ޖެހޭނެ މަސައްކަތްކުރަން. ރަނގަޅު ޑިސިޕްލިންއެއްގައި ކުޅެފިއްޔާ އަޅުގަނޑުމެންނަށް ވެސް މި މެޗުން ހޯދޭނެ އެއްޗެއް އޮންނާނެ،" މިދިޔަ ސީޒަނުގައި ދަ ގްރާންޑޭއާ ހަވާލުވެ އެ ޓީމަށް ފުރަތަމަ ސީޒަނުގައި ލީގުގެ ފަސް ވަނަ ހޯދައިދިން އިންމަ ބުންޏެވެ.

ދަ ގްރާންޑޭގެ އުޒްބެކިސްތާން ފޯވާޑް ހައިދަރޯފް އޮޓަބެކްގެ އަނިޔާގެ މައްސަލައެއް އުޅޭ ކަމަށާއި އެއްކޮށް ފިޓް ނޫންނަމަ އޭނާ ރިސްކުނުކުރާނެ ކަމަށް އިންމަ ބުންޏެވެ.

މާޒިޔާ އާއި ދަ ގްރާންޑޭއާ މި ފަހަރު ލީގުގައި މިހާތަނަށް މެޗަކުން ބައްޔެއްނުވެ އެވެ. ލީގުގައި މިދެ ޓީމު މިރޭ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.