19 އެޕްރީލް 2021
ދަ ގްރާންޑޭގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ހޯދުމުގެ ރޭހުގައި މާޒިޔާގެ ފަހަތުން ވެލެންސިއާ ވިއްދައިފި އެވެ.
ދަ ގްރާންޑޭގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ހޯދުމުގެ ރޭހުގައި މާޒިޔާގެ ފަހަތުން ވެލެންސިއާ ވިއްދައިފި އެވެ.
މެޗު ކާމިޔާބުކޮށް، ވެލެންސިިއާ ވަނީ، މާޒިޔާ އާ ހަތަރު ޕޮއިންޓަށް އަނެއްކާވެސް ފަރަގުކުޑަކޮށްފަ އެވެ. މާޒިޔާއިން ހޯދާފައި ވަނީ 28 ޕޮއިންޓެވެ. މިރޭ ހޯދި ތިން ޕޮއިންޓާ އެކު ވެލެންސިއާއިން ވަނީ ޖުމުލަ 24 ޕޮއިންޓް ހޯދާފަ އެވެ.
ގްރާންޑޭ އާއި ވެލެންސިއާ ފުރަތަމަ ބުރުގައި ކުޅުނު މެޗު ގްރާންޑޭ ކާމިޔާބު ކުރީ 2-1 ންނެވެ. މިރޭ ގެ މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާއިން ދެ ލަނޑު ޖެހި އެވެ. ވެލެންސިއާގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި ސްޕެއިންގެ ފޯވަޑް ބޮރްހާސް މާޓިން ކާމިޔާބު ކުރީ އަހްމަދު ރިލްވާން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ރިލޭ އޭރިއާ ތެރެއަށް ވަދެ ނަގައިދިން ބޯޅަ މާޓިން ވަނީ ފަސޭހަ ކަމާއެކު ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ.
ވެލެންސިއާ އާއި ދަ ގްރާންޑޭ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭގެ ކުރިން ތަނަވަސްވީ ފުރުސަތުތަކުގައި، އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ފުރުސަތުތައް ލިބިފަ އެވެ. އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ވެސް އަމާޒުވީ ގޯލް ދަނޑިއަށެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ގްރާންޑޭއިން ތަނަވަސް ކުރި އެވެ.
މެޗުގައި ލަނޑު ޖެހުމަށް ފަހު ވެލެންސިއާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ފުރަތަމަ ހާފުގައި ގްރާންޑޭއަށް ލިބުނު ހިލޭ ޖެހުމަކުން، އުޒްބެކިސްތާންގެ މިޑްފީލްޑަރު އަހްރޯރް އުމަރުޖަނާވް ވަނީ ނުރައްކާތެރި ބޯޅައެއް ފޮނުވާލާފަ އެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ. ދެ ވަނަ ހާފުގައި، މުހައްމަދު ޝަހާއު (ބޭލް) ތަނަވަސް ކޮށްދިން ފުރުސަތަކުން ޔަޝްފާދު ހަބީބު (މުލަކޭ) އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. މުލަކޭ ފޮނުވާލި ބޯޅަވެސް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ވެލެންސިއާގެ ދެ ވަނަ ލަނޑު ސެންޓޭ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކޯނަރު ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ސެންޓޭ ނެގި ކޯނަރު ގްރާންޑޭގެ ކުޅުންތެރިންގެ ތެރެއިން ގޮސް ގޯލް ލައިން ހުރަސް ކުރި ފަހުން އެ ޓީމުގެ ކީޕަރު އިޔާން އަބްދުލް އަލީމް ވަނީ އަތުން ޖަހައި ދިފާއުކޮށްފަ އެވެ. ނަމަވެސް ގޯލު ލައިން ހުރަސް ކޮށްފައިވާ ކަމަށް ލައިސްމަން ދިދަ ނެގުމުން ރެފްރީ ނިންމީ ގޯލެއް ކަމަށެވެ.
ދެ ވަނަ ހާފުގައި ދަގަނޑޭ ފޮނުވާލި ހަމަލާއެއްވެސް ގޯލު ދަނޑިއަށް އަމާޒުވި އެވެ. ވެލެންސިއާގެ ތިން ވަނަ ލަނޑު މާޓިން ކާމިޔާބު ކުރީ ދަގަނޑޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދަގަނޑޭ ބޯޅަ ހިފައިގެން ދާ އުޅުމުން ގްރާންޑޭގެ ޑިފެންޑަރު އަހްމަދު ޝިފާން (ޝިފާންޓޭ) ހުރަސް އަޅަން މަސައްކަތް ކުރުމުން ދަގަނޑޭ ވަނީ އޭނާގެ ކައިރިން ނައްޓާލައި މާޓިން އަށް ބޯޅަ ފޯރުކޮށްދީފަ އެވެ. މާޓިން ވަނީ އޭރިއާގެ ތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މެޗުގެ 86 ވަނަ މިނެޓްގައި ދަ ގްރާންޑޭގެ ގޯލް ޝިފާންޓޭ ކާމިޔާބު ކުރީ، ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ. ވެލެންސިއާގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން މުލަކޭ އޭރިއާ ތެރެއަށް ނަގައިދިނުމުން ކީޕަރު ފައިސަލް ކުރިއަށް ނުކުމެ އެ ބޯޅަ ޕަންޗު ކުރަން މަސައްކަތް ކުރި އެވެ. ފައިސަލް އަތުގައި ބޯޅަ ލައްވައި ނުލައި ގްރާންޑޭގެ ރަސަލްގެ ބޮލުގައި ޖެހިފައި ބޯޅަ ލިބުނީ ޝިފާންޓޭ އަށެވެ. އޭނާ ވަނީ އެއްފަހަރުން ޖަހައި ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
މެޗަށް ފަހު ގްރާންޑޭގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނީ މެޗުން ބަލިވުމުން މާޔޫސްވާ ކަމަށާއި ނަމަވެސް މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހުންވެސް ލިބޭ ކަމަށެވެ.
"ޓީމެއްގެ ގޮތުގައި އަޅުގަނޑު ހިތްހަމަޖެހޭ ވަރަށް މިރޭ ޓީމު ކުޅުނު. ވަރަށް ގިނަ ޗާންސްތަކެއްވެސް ލިބުނު،" މެޗަށް ފަހު އިންމަ ބުންޏެވެ. "އެހެންނަމަވެސް ކުރިންވެސް އަޅުގަނޑު ބުނި ފަދައިން ޓޮޕް ސްޓައިކަރެއް ނެތުމުގެ އުނިކަން ޓީމުން އެބަ ފެނޭ." އިންމަ ބުންޏެވެ.
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ދިވެހި ޕްރިމިއާ ލީގު މާޒިޔާއިން ކާމިޔާބުކޮށްފި
ގްރާންޑޭ ބަލިކޮށް މާޒިޔާ އަށް ފަސް ޕޮއިންޓްގެ ލީޑެއް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
މާޒިޔާ އަށް މަޑުޖެހުމެއް ނެތް، އެއްވަނައިގައި ކުރިއަށް
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ގްރާންޑޭ ބަލިކޮށް ސަސް ޕްރެޝަރު ކަނޑުވާލައިފި
ޓީމުގެ އެތެރޭގެ މައްސަލަތައް ހައްލުވެއްޖެ: އިންމަ
މޮޅުވީ މާޒިޔާ، އެކަމަކު ކޯޗު ހިތްހަމަނުޖެހިފައި
ގުރާންޑޭ އޮތީ މައްސަލަގަނޑެއްގެ ތެރޭގައި: އިންމަ