Roadha Mihaaru
ރިސޯޓު މުވައްޒަފުންނަށް 10،000 ޑޯޒު ހާއްސަކޮށްފި

ރިސޯޓު މުވައްޒަފުންނަށް 10،000 ޑޯޒު ވެކްސިން ވަނީ ހާއްސަކޮށްފައި: ޑރ. މައުސޫމް

02 ފެބުރުއަރީ 2021

ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ވެކްސިން އެންމެ އަވަހަށް ޖަހާ މީހުންގެ ތެރޭގައި ރިސޯޓުތަކުގައި ޓޫރިސްޓުންނާ ބައްދަލުވާ މުވައްޒަފުން ހިމެނޭނެ ކަމަށް ޓޫރިޒަމް މިިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ވެކްސިން އެންމެ އަވަހަށް ޖަހާ މީހުންގެ ތެރޭގައި ރިސޯޓުތަކުގައި ޓޫރިސްޓުންނާ ބައްދަލުވާ މުވައްޒަފުން ހިމެނޭނެ ކަމަށް ޓޫރިޒަމް މިިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. މައުސޫމް ވިދާޅުވީ މިހާރު ވެސް ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށް 10،000 ޑޯޒު ހުންނާނެ ކަމަށެވެ. ދެ ޑޯޒު ދޭން ޖެހޭތީ އެއީ 5،000 މުވައްޒަފުންނަށް ހިމާޔަތް ލިބޭނެ މިންވަރެވެ.

މިހާރު ވެކްސިން ދިނުމުގައި އިސްކުރަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަށް ކަމަށް ވާތީ، އެ ބައިގައި ރިސޯޓްތަކުގެ މުވައްޒަފުން ނުހިމަނަނީ ކީއްވެގެންތޯ، އިންޑަސްޓްރީގެ ބައެއް މީހުން ސުވާލު އުފައްދަ އެވެ.

އެކަމަކު ޓޫރިޒަމް މިނިސްޓްރީން މިހާރު އަންނަނީ ރިސޯޓު މުވައްޒަފުންގެ ތެރެއިން ޓޫރިސްޓުންނާ އެންމެ ގިނައިން ބައްދަލުވާ މުވައްޒަފުންގެ މައުލޫމާތު ނަގަމުންނެވެ. އެހެންކަމުން ހައި ރިސްކު ކެޓަގަރީގެ މީހުންނަށް ވެކްސިން ދޭން ފެށުމާ އެކު ރިސޯޓު މުވައްޒަފުންނަށް ވެސް އެ ވެކްސިން ދޭނެ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

"ރާއްޖެއަކީ ޓޫރިސްޓުންނާއި އެ ދާއިރާގެ މުވައްޒަފުންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ވެސް ރިސޯޓު މުވައްޒަފުންނަށް 10،000 ޑޯޒު ޔަގީން ކުރެވިއްޖެ، އެ މުވައްޒަފުންނަށް ދެވަނަ ޑޯޒް ޖެހޭއިރު އިތުރު ވެކްސިން ލިބި ބާކީ ތިބި މުވައްޒަފުންނަށް ވެސް ވެކްސިން ދެވޭ ވަރުވާނެ."

ރާއްޖޭގެ ރިސޯޓުތައް އަލުން ހުޅުވާލި ފަހުން ކޮވިޑަށް ޕޮޒިޓިވްވާ ރިސޯޓު މުވައްޒަފުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ވެކްސިން ލިބުމުގެ ކުރިން އެކަން ހައްލުކުރަން ރިސޯޓްތަކުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިސޯޓުތަކުގައި ކޮވިޑް ކޮންޓްރޯލްކުރަން އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ސޯޝަލް ޑިސްޓެންސް ބެހެއްޓޭ ގޮތަށް އެކޮމޮޑޭޝަން ހަމަޖެއްސުން ހިމެނެ އެވެ.