Roadha Mihaaru
ޔުނައިޓެޑާއި އާސެނަލް އެއްވަރު، ސިޓީ އަށް ލީޑެއް

ޔުނައިޓެޑާއި އާސެނަލް އެއްވަރު، ސިޓީ އަށް އެއް ވަަނައިގައި ލީޑެއް

31 ޖެނުއަރީ 2021

މެންޗެސްޓާ (ޖެނުއަރީ 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

މެންޗެސްޓާ (ޖެނުއަރީ 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ލީގުގައި ޖެހިޖެހިގެން ހޯދި އަށް ވަނަ މޮޅާ އެކު ސިޓީ އެއް ވަނައިގައި އޮތީ 20 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 21 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. ސިޓީން މެޗު ހަމަކުރާއިރު ލީޑު ހަ ޕޮއިންޓަށް ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.

ސިޓީ ދަނޑުގައި ރޭ ކުޅުނު މެޗަށް އެ ޓީމުން ގިނަ ބަދަލުތަކާ އެކު ނުކުތްއިރު ހަމައެކަނި ގޯލު ޖެހީ ނުވަ ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް އެވެ. ފެރަން ޓޮރޭޒް ދިން ބޯޅައަކުން ޖީސޫސް ޖެހި މި ގޯލަކީ މިދިޔަ ނޮވެމްބަރު މަހަށް ފަހު ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ޖީސޫސް އާއި ޓޮރޭޒް އަދި ފިލް ފޯޑެން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއްނުހިފުނެވެ. މެޗުގެ ފަހު ވަގުތު ޝެފީލްޑް އިން ވެސް ނުރައްކާކުރި އެވެ. އެ ގޮތުން އެ ޓީމުގެ ޖޯން ފްލެކް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ،

ރޭގެ މެޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ލިބުނު 500 ވަނަ މޮޅެވެ. ގާޑިއޯލާ ބުނީ ސިޓީ އަށް ޝެފީލްޑް އަތުން އުނދަލުން މޮޅެއް ލިބުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ލީގުގައި ކޮންމެ މެޗެއް އެއްގޮތް ވާނެ ކަމަށް ހީކުރުމަކީ ގޯހެއް ކަމަށް ގާޑިއޯލާ ބުންޏެވެ.

"އަހަރެމެން މި މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު މެޗުން 5-0 އިން މޮޅުވީމަ އޭގެ މާނަ އަކީ މި މެޗުން 5-0 އިން މޮޅުވާނެއޭ އެއް ނޫން. މިއީ ލިޔެވިފައިވާ ވާހަކައެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

އާސެނަލް ދަނޑުގައި ރޭ ޔުނައިޓެޑުން ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތު ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. އާސެނަލްގެ އަލެކްސަންޑަ ލަކަޒޭޓް ފޮނުވާލި ހިލޭ ޖެހުމެއް ހުރަސްދަނޑިއަށް އަމާޒުވިއިރު، އެ ޓީމުގެ ނިކޮލަަސް ޕެޕޭ ފޮނުވާލި ދެ ބޯޅަ ވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ޔުނައިޓެޑް މޮޅުކޮށްދޭން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ އެޑިންސަން ކަވާނީ އަށެވެ. އޭނާ ޖެހި ދެ ޝޮޓެއް ގޯލާ ސީދާނުވެދިޔައިރު، މާކަސް ރެޝްފޯޑަށް ލިބުނު ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެެވެ.

ލީގުގައި ރޭ އެވަޓަން ދަނޑުގައި 2-0 އިން ކުރިހޯދައި ނިއުކާސަލް ޔުނައިޓެޑް ވަނީ ލީގުގައި ހަ މެޗަށް ފަހު މޮޅުވެފަ އެވެ.