Roadha Mihaaru
ސިޓީ އަތުން ބަލިވެ، ޔުނައިޓެޑް ވެއްޓިއްޖެ

ސިޓީ އަތުން ބަލިވެ، ޔުނައިޓެޑް ވެއްޓިއްޖެ

07 މާޗް 2022

މެންޗެސްޓާ (މާޗް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުމު މެޗުން 4-1 އިން ބަލިވެ، ލީގް ތާވަލުގެ ފަސްވަނަ އަށް ވެއްޓިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (މާޗް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުމު މެޗުން 4-1 އިން ބަލިވެ، ލީގް ތާވަލުގެ ފަސްވަނަ އަށް ވެއްޓިއްޖެ އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗަށް މެންޗެސްޓާ ޑާބީ އަށް ޔުނައިޓެޑުން ރޭ ނުކުތީ އަނިޔާގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެޑިންސަން ކަވާނީ ޓީމުގައި ނުހިމަނަ އެވެ. ޔުނައިޓެޑުގެ އެންމެ ކުރިޔަށް މި މެޗުގައި ކުޅުނީ ބްރޫނޯ ފެނާންޑޭޒް އެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާތީ ޑިފެންޑަރު ލޫކް ޝޯ އާއި ރަފޭލް ވަރާން ވެސް ޓީމުގައި ނުހިމަނަ އެވެ.

މެޗުގެ ފަސްވަނަ މިނިޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާގެ އެހީތެރިކަމާއެކު ކެވިން ޑިބްރޭނާ އެވެ. މެޗުގެ 22 ވަނަ މިނިޓުގައި ޕައުލް ޕޮގްބާ ދިން ބޯޅައެއް ހޯދައިގެން އޭރިއާ ތެރެއަށް ވަދެ ޖޭޑަން ސަންޗޯ ޔުނައިޓެޑަށް އެއްވަރު ކޮށްދިން ނަމަވެސް ސިޓީން ވަނީ ހަ މިނިޓު ތެރޭ އިތުރު ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފަ އެވެ. ބެނާޑޯ ސިލްވާ ފޮނުވާލި ބޯޅަ ކީޕަރު ޑޭވިޑް ޑެހެއާ ދިފާއު ކުރުމުން ރީބައުންސް ބޯޅަ ޔުނައިޓެޑުގެ ޑިފެންޑަރުންނަށް ސާފު ކޮށްނުލެވުމުގެ ފައިދާ ނަގައި މި ލަނޑު ވެސް ސިޓީއަށް ޖަހައިދިނީ ޑިބްރޭނާ އެވެ.

މަހްރޭޒް ރޭގެ މެޗުގައި ސިޓީގެ ހަތަރުވަނަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މަހްރޭޒް ރޭގެ މެޗުގައި ސިޓީގެ ހަތަރުވަނަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފަހު ހާފުގައި ސިޓީން ޖެހި ދެ ލަނޑު ވެސް ޖަހައިދިނީ ރިޔާދް މަހްރޭޒް އެވެ. މަހްރޭޒްގެ ފުރަތަމަ ލަނޑު 68 ވަނަ މިނިޓުގައި ޖެހީ ޑިބްރޭނާ ކޯނަރުން ނަގައިދިން ބޯޅަ ޕެނަލްޓީ އޭރިއާ ރޮނގު މަތީ ހުރެ ތިރިތިރިން ގޯލުގެ ތެރަށް ފޮނުވައިލައިގެންނެވެ. ސިޓީގެ ފަހު ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި މަހްރޭޒް ޖެހީ އިލްކޭ ގުންޑޮގާންގެ އެހީތެރި ކަމާ އެކު އެވެ. އެންމެ ފުރަތަމަ މި ލަނޑުގައި މަހްރޭޒް އޮފްސައިޑު ކަމަށް ލައިންސްމަން ދިދަ ނެގި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އެ ގޯލު ބަލައިގެންފަ އެވެ.

މި ނަތީޖާއާއެކު މެންޗެސްޓާ ސިނީ ވަނީ ދެވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ހޯދައިފަ އެވެ. ސިޓީ އެއްވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ކުޅުނު 27 މެޗުން ވަނީ 63 ޕޮއިންޓް ހޯދައިފަ އެވެ. އަދި ތިންވަނައިގައި އޮތް ޗެލްސީ އޮތީ 26 މެޗު ކުޅެގެން ހޯދި 53 ޕޮއިންޓާ އެކު އެވެ.

މާޓިނެލީ އާސެނަލްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މާޓިނެލީ އާސެނަލްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އާސެނަލް ވަނީ ރޭ ވަޓްފޯޑް ބަލިކޮށް 25 މެޗުން 48 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ހަތަރުވަނައަށް ޖެހިލައިފަ އެވެ. ސިޓީ އަތުން ބަލިވެ، ފަސްވަނައަށް ވެއްޓުނު ޔުނައިޓެޑް މިހާތަނަށް ކުޅުނު 28 މެޗުން ލިބިފައި ވަނީ 47 ޕޮއިންޓެވެ.

ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ވަޓްފޯޑާ ވާދަކޮށް އާސެނަލް މޮޅުވީ 3-2 އިންނެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓުގައި އާސެނަލް އިން ލީޑު ނެގީ ބުކަޔޯ ސަކާ ތަނަވަސް ކޮށްދިން ފުރުސަތަކުން މާޓިން އޮޑިގާޑް ޖެހި ލަނޑުންނެވެ. އޭގެ ހަ މިނިޓު ފަހުން ކިކޯ ފެމެނިއާ ނަގައިދިން ބޯޅައަކުން ކޫޗޯ ހެނާންޑޭޒް ވަނީ ބައިސިކަލް ކިކަކުން ގޯލު ޖަހައި ވަޓްފޯޑަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް އެލެކްޒެންޑާ ލަކަޒޭޓް ދިން ޕާހަކުން ސަކާ ވަނީ އާސެނަލް އަށް އަލުން ލީޑު ނަގައިދީފަ އެވެ.

އާސެނަލްގެ ތިންވަނަ ލަނޑު 52 ވަނަ މިނިޓުގައި ޖަހައިދިނީ ގެބްރިއެލް މާޓިނެލީ އެވެ. މި ލަނޑު ވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ލަކަޒޭޓް އެވެ. ވަޓްފޯޑުގެ ދެވަނަ ލަނޑު 87 ވަނަ މިނިޓުގައި ޖަހައިދިނީ މޫސާ ސިސޯކޯ އެވެ.