Roadha Mihaaru
އަވަށްޓެރި ގައުމުތަކުގައި ކޮވިޝީލްޑް ޖަހަން ފަށައިފި

ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލުގައި ކޮވިޝީލްޑް ވެކްސިން ދޭން ފަށައިފި

29 ޖެނުއަރީ 2021

އަވަށްޓެރި ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮވިޝީލްޑް ވެކްސިން ދޭން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަވަށްޓެރި ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮވިޝީލްޑް ވެކްސިން ދޭން ފަށައިފި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާ ކުންފުނީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ހުއްދަ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީ ރޭ އެކަން އިއުލާނުކޮށްފައިވެ އެވެ. ނަމަވެސް ރާއްޖޭގައި ވެކްސިން ޖަހަން ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

އިންޑިއާ އިން ވަނީ އެ ވެކްސިންގެ 100،000 ޑޯޒް މިދިޔަ ހަފުތާގެ ބުދަ ދުވަހު ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ. ރާއްޖޭގެ އިތުރުން ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް އަދި މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައިވެ އެވެ.

އިންޑިއާ އިން ލަންކާ އަށް ކޮވިޝީލްޑްގެ 500،000 ޑޯޒް އިއްޔެ ހަދިޔާކޮށްފައިވެ އެވެ. އެ ގައުމުގައި ވެކްސިން ޖެހުމުގެ ހުއްދަ ދީ މިއަދު ވަނީ ވެކްސިން ޖަހަން ފަށައިފަ އެވެ. ލަންކާގައި އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ އަސްކަރިއްޔާގައި މަސައްކަތްކުރާ ތިން މީހަކަށެވެ.

ވެސްޓާން ޕްރޮވިންސްގެ ހަ ހޮސްޕިޓަލެއްގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނެ އެވެ.

ނޭޕާލަށް ވެކްސިންގެ އެއް މިލިއަން ޑޯޒް ދީ ވެކްސިން ޖަހަން މިދިޔަ ބުދަ ދުވަހު ފަށާފައިވެ އެވެ. އެ ގައުމުގައި އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ސިއްހީ ހިދުމަތްތެރިންނަށެވެ.

ބަންގްލަދޭޝް އިން ވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ވެކްސިންގެ ފަސް މިލިއަން ޑޯޒް ގަނެފަ އެވެ. އޭގެ އިތުރުން އިންޑިއާ އިން ހިލޭ ދިން ދެ މިލިއަން ޑޯޒްގެ ވެކްސިނާއެކު، ބަލިން ރައްކާތެރިވުމުގެ އެންމެ މުހިއްމު ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖަހަން މިދިޔަ ބުދަ ދުވަހު ފަށާފައިވެ އެވެ.

ބަންގްލަދޭޝް އިން ވެކްސިން ޖެހި ފުރަތަމަ ގްރޫޕުގެ ތެރޭގައި ޑޮކްޓަރަކާއި ނަރުހަކާއި ޓްރެފިކް ފުލުހެއް ހިމެނެ އެވެ.

ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތައުރީފު ވެސް ލިބިފައިވާ އިންޑިއާ އިން ބުނެ އެވެ.

އެ ވެކްސިނަކީ އިންޓްރާ-މަސްކިއުލާ އިންޖެކްޝަންގެ ދެ ޑޯޒް ޖަހަންޖެހޭ ވެކްސިނެކެވެ. ދެ ވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖަހާތާ 4-12 ހަފްތާ ފަހުންނެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުން އަދި ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތައް ކުރަންޖެހެ އެވެ. ކޮވިޝީލްޑް ވެކްސިން ގުދަންކުރާއިރު ފިނިހޫނުމިން ހުންނަންވާނީ 2-8 ޑިގްރީ ސެންޓިގްރޭޑްގަ އެވެ.