Roadha Mihaaru
ޣިޔާސުއްދީންގެ 10 ނޫން ހުރިހާ ގްރޭޑެއް އޮންލައިނަށް

ޣިޔާސުއްދީންގެ ނުވަޔަކުން ދަށުގެ ދަރިވަރުންނަށް ސްކޫލު ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށައިފި

28 ޖެނުއަރީ 2021

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާތީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑު 10 ފިޔަވައި އެހެން ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ގެނައުން ހުއްޓާލައި އޮންލައިންކޮށް ކިޔަވައިދޭން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާތީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑު 10 ފިޔަވައި އެހެން ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ގެނައުން ހުއްޓާލައި އޮންލައިންކޮށް ކިޔަވައިދޭން މިއަދު ފަށައިފި އެވެ.

އެ ސްކޫލުން އިއްޔެ ބެލެނިވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނީ ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

ޕްރިންސިޕަލް އަލީ މުސްތަފާ ސޮއިކުރައްވާފައިވާ ސިޓީގައި ބުނި ގޮތުގައި އެ ފިޔަވަޅު އެޅީ ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުން ވެސް ޑައިރެކްޓް ކޮންޓެކުޓުންނަށް ވެ، ކަރަންޓީނަށް ދާން ޖެހޭކަމުގެ ރިޕޯޓްތައް ވަނީ އިތުރުވެފަ އެވެ. އަދި މާލޭގައި ކޮވިޑް ކޭސްތައް ގިނަވަމުން ދާތީ، ދަރިވަރުންގެ ރައްކާތެރިކަން ޔަގީންކުރަން ވެސް އުނދަގޫވާނެ ކަމަށް، ސިޓީގައިވެ އެވެ.

"ދަރިވަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ މުހިއްމު ކަންތައް. އެއީ ފަރުވާކުޑަކޮށްލެވޭނެ ކަމެއް ނޫން،" ސިޓީގައި ބުންޏެވެ.

"އެހެންވެ، ސްކޫލުގައި ބަލި ފެތުރުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ސްކޫލު މެނޭޖްމަންޓުން ވަނީ ގްރޭޑު 1-9ގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކޮށްފައި. [އެކަމަކު] ގްރޭޑު 10ގެ ކުދިންނަށް ކްލާސްރޫމުގައި ކިޔަވައިދޭނެ."

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރުމާ އެކު، އެންމެ ރަނގަޅަށް އޮންލައިންކޮށް ކިޔަވައިދިން އެއް ސްކޫލަކީ ވެސް ގިޔާސުއްދީނެވެ. އަދި ފަހުން މާލެ ސަރަހައްދުގެ ސްކޫލުތައް ހުޅުވި ނަމަވެސް ޣިޔާސުއްދީނުގައި "ސްމާޓް ޓީޗިން ޓާމް"ގެ ގޮތުގައި ވާޗުއަލްކޮށް ކިޔަވައިދިނުން ކުރިއަށްގެންދިޔަ އެވެ.

ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުން ކޮވިޑަށް ޕޮޒިިޓިވް ވިޔަސް މިހާތަނަށް ސްކޫލު ތެރެއިން ބަލި ފެތުރުނުކަން އެނގޭކަށް ނެތެވެ.