08 ނޮވެމްބަރ 2016
އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް، އަންނަ އަހަރަށް ލަފާކުރާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް، އަންނަ އަހަރަށް ލަފާކުރާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި ޖުމްލަ ބަޖެޓުގެ ތެރޭން 22.2 ބިލިއަން ރުފިޔާ އަންނަ އަހަރު ހަރަދުކުރަން ނިންމާފައި ވާއިރު، އޭގެ ތެރޭން 49.3 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އަދި ހަރަދުގެ 50.7 ޕަސެންޓް ހިމަނާފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓު މައިގަނޑު ގޮތެއްގައި ބަހާލާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ރައްޔިތުންނަށް ދޭ ހިދުމަތަށް ކުރާ ހަރަދު (7.2 ބިލިއަން ރުފިޔާ، 26.7 ޕަސެންޓް) އާއި އިޖުތިމާއީ ތަރައްގީ އަށް ކުރާ ހަރަދު (10.3 ބިލިއަން ރުފިޔާ، 40.2 ޕަސެންޓް) އާއި އިގްތިސާދީ ތަރައްގީ އަށް ކުރާ ހަރަދު (3.5 ބިލިއަން ރުފިޔާ، 12.5 ޕަސެންޓް) އަދި ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރުމުގެ ހަރަދު (5.9 ބިލިއަން ރުފިޔާ، 20.6 ޕަސެންޓް) އެވެ.
ރިކަރަންޓް ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާގެ ތެރޭން އެންމެ ބޮޑު ބައެއް (6.8 ބިލިއަން ރުފިޔާ، 50.2 ޕަސެންޓް) މުވައްޒަފުންގެ ހަރަދަށް ހޭދަވާއިރު، ޕެންޝަނާއި މުސްކުޅިކުރާ މުވައްޒަފުންނަށް 1.4 ބިލިއަން ރުފިޔާ، 10.6 ޕަސެންޓް)، އެހީ އާއި ސަބްސިޑީ އަށް 1.2 ބިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހުށަހަޅައިފަ އެވެ.
ކެޕިޓަލް ހަރަދުގެ ބޮޑު ބައެއް (50.2 ޕަސެންޓް) އަންނަ އަހަރު ވެސް އާއްމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަށް ހަރަދު ކުރަން ނިންމާފައި ވާއިރު، އޭގެ ޖުމްލަ އަށް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ހިއްސާ 54.6 ޕަސެންޓުގައި އުޅޭއިރު، ބާކީ 45.4 ޕަސެންޓް ކަވަރު ކުރަން ހަމަޖައްސާފައި ވަނީ އެހީ އާއި ލޯނުންނެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ، މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި، 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.
މުނައްވަރު ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގެ 1.1 ބިލިއަން ރުފިޔާގެ އަރަނި އަދަދެކެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މަޖިލީހުން ފާސްކޮށް ދިނީ 27.5 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 16.8 ބިލިއަން ރުފިޔާއި އެ ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވާ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހަތަރު ބިލިއަން ރުފިޔާ އެވެ.
- ޖުމްލަ: 21.9 ބިލިއަން ރުފިޔާ
- ޓެކްސް: 14.1 ބިލިއަން ރުފިޔާ
- ޓެކްސް ނޫން: 4.8 ބިލިއަން ރުފިޔާ
- ހިލޭ އެހީ: 878 މިލިއަން ރުފިޔާ
- އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަން: 2 ބިލިއަން ރުފިޔާާ
އެކަމަކު، މުނައްވަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 18.2 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރު ލިބުނު 17.3 ބިިލިއަން ރުފިޔާ އަށް ވުރެ 4.9 ޕަސެންޓުގެ ކުރިއަރުމަކަށް ވިޔަސް، އަންދާޒާކުރި މިންވަރަށް ވުރެ ދެ ބިލިއަން ރުފިޔާ (3.1 ޕަސެންޓް) ވަނީ އާމްދަނީން މަދުވެފަ އެވެ. އެ ގޮތުން، ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އަހަރު ނިމޭއިރު ހުންނާނީ 13.1 ބިލިއަން ރުފިޔާގަ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން 4.5 ބިލިއަން ރުފިޔާ، ޓްރަސްޓް ފަންޑުން 132.1 މިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 874.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ވަނީ ދެ އިސްލާހެއް ގެނެސްފަ އެވެ. އެ ގޮތުން، ބަޖެޓް ބަހުސް ފަށަން ވާނީ މަޖިލީހަށް ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް ބުނި މާއްދާ އުވާލައި ބަޖެޓު ހުށަހަޅާ ދުވަހު ބަހުސް ފެށޭ ގޮތް ވަނީ ހަދާފަ އެވެ. އަދި ބަޖެޓާ ގުޅޭ ގޮތުން ބޭނުންވާ އިތުުރު މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންނެވޭނީ ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް އޮތް އޮތުން ވެސް ބަދަލުކޮށް، ބަޖެޓު ބަހުސް ކުރިއަށް ދާއިރު އެ މައުލޫމާތު ހޯދަން ހުށަހެޅޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ބަހުސް ކުރުން ތާވަލުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ. އެކަމަކު، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު އޮންނާނެ އެވެ.
ބަޖެޓުގައި ހިމަނާފައިވާނީ ޔަގީނުން ވެސް ހޯދޭނެ އާމްދަނީ
ޓެކްސް ނިޒާމަށް ބަދަލު ގެންނާނީ ލޮޅުން ނާރާ ގޮތަށް
1.4 ބިލިއަން ރުފިޔާ ހޯދަން ބޮންޑާއި ސުކުކް ވިއްކަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ފުރާ ދިވެހިންގެ އަތުން ވެސް 25 ޑޮލަރު ނަގަނީ
ބަޖެޓުގެ އިގްތިސާދީ މިންގަނޑުތަކާ ބެހޭ މަޝްވަރާކޮށްފި
ދަރަނި 43 ބިލިއަން ރުފިޔާ އަށް، ބޮންޑު ވިއްކަނީ
ބަޖެޓު ދިރާސާ ކުރުމަށް މެމްބަރުންނަށް ހަފުތާއެއް ދީފި
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ