26 ޖެނުއަރީ 2021
މިދިޔަ އަހަރު ތ. ތިމަރަފުށީ ދޯންޏަކުންނާއި އެ ރަށުން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރު ތ. ތިމަރަފުށީ ދޯންޏަކުންނާއި އެ ރަށުން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. މިމައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެ މީހުންގެ މައްސަލަތައް އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކޮށް ދައުވާކުރަން ފޮނުވި މީހުންނަކީ؛
އަބްދުﷲ ޝަރީފް، 34، ތ. ތިމަރަފުށި/ފެހިވިދުވަރު
އަހްސަން މުހައްމަދު، 32، ތ. ތިމަރަފުށި/ކެނެރީގެ
އަލީ މުނީޒު، 28، ތ.ތިމަރަފުށި/ކެނެރީގެ
މުހައްމަދު އާސިރު، 34، ތ. ތިމަރަފުށި/އަސުރުމާގެ
އަލީ އަރުހަމް މުހައްމަދު، 18، ރ. ކަނދޮޅުދޫ/ފެހިވިލާ
ޝަމާހް ޝަރީފް، 20، ތ. ތިމަރަފުށި/ސައިމާ
އިބްރާހިމް ލޫތު، 21، ނ.ކުޑަފަރި/ރޯޒްމީޑް
އަބްދުﷲ އިމާދު، 29، ރ. މަޑުއްވަރި/ބީޗް ހައުސް
ޓެރަރިޒަމުގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. ފުލުހުން ބުނީ އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާ ކަމަށެވެ. ދޯނިންނާއި މާލެއިން އަދި ތިމަރަފުށިން ހައްޔަރުކުރި ހަ މީހުންނާ ބެހޭ ގޮތުން ފުލުހުން ބުނީ މި މީހުންގެ ތެރޭގައި އައިސިސް އިން "އަމީރު" ކަމަށް ކަނޑައަޅާފައިވާ މީހަކު އިސްކޮށް ހުންނަ ކަމަށާއި ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލްތައް ވެސް، ހައްޔަރުކުރި މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.
"ނަސާހް-3" ދޯނި ބަލައި ފާސްކުރުމަށް ފަހު އެ ދޯނިން އައިއީޑީއެއް ހެދުމަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް ފެނުނު ކަމަށާއި ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ފެނިފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ މި މީހުންނަކީ އައިސިސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ ބައެއް ކަމަށެވެ.
އޮޕަރޭޝަންގައި އަތުލައިގަތް "ނަސާހް 3" ދޯންޏަކީ މި ގްރޫޕްގެ އިސް މީހަކު އޮޕަރޭޓްކުރާ ދޯންޏެއް ކަމަށް ބެލެވޭ ކަމަށާއި އެ ދޯނި އަތުލައިގަތީ އޭގައި އައިއީޑީއެއް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. މި މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ތަމްރީނުތައް ހަދައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކުރާ ބައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި މީހުން ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިއުމާއި ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް މި މީހުންގެ މައްޗަށް ތުހުމަތުކުރެ އެވެ.
އަތުލައިގަތް ދޯންޏާ ބެހޭ ގޮތުން ފުލުހުން ބުނީ ދޯނީގައި އައިއީޑީ ހަދަން އުޅޭ ކަމާއި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތްކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައި ވާއިރު ދޯނިން ހައްޔަރުކުރި މީހަކު އައިއިސްއާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗްކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
"މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިތްވަރުލި ބިގަތީ ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާއި ގުޅިގެން" ކަމަށް ފުލުހުން ބުންޏެވެ. އަދި އައިސިސްގެ ފަރާތުން ދީފައިވާ މެސެޖުގައި "ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެ ނަމަ، ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގައެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ހަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި، ޗިސްޗިސްކޮށްލުމުގައެވެ. އަންދާލުމުގަޔާއި، ދަންޖެއްސުމުގައެވެ." މިފަދައިން ގޮވާލައި ޓެރަރިޒަމްގެ ޢަމަލެއްކުރުމަށް ހިންގުމަށް ގޮވާލައި ހިތްވަރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އައިސިސްގެ ތަރުޖަމާނު ދިން ޚިތާބަށް ފަހު، ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދިޔަ އެވެ.
"މިގޮތުން 2020 ވަނަ އަހަރު ތ.އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާއި ދިމާކޮށް އެސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމާއި، މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މިމައްސަލާގައި ތިމަރަފުށިން 16 ގެއެއް ބަލައި ފާސްކޮށް، "ނަސާހް-3" ދޯންޏާއި، ތިމަރަފުށިން އިތުރު ދެތަނެއް ފާސްކުރި އިރު، ތުހުމަތަށް ހައްޔަރުކުރި މީހެއްގެ ފޯނުން އައިސިސް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ.ތިމަރަފުށީ ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާ ކަމުގެ ލިޔުމެއް ފެނިފައިވެ އެވެ.
ތިމަރަފުށިން ފާސްކުރި ގެއަކުން އައިއީޑީއެއް ތައްޔާރުކުރަން ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާތަކެތި ތައްޔާރުކުރުމާއި ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފުލުހުންނަށް ވަނީ ފެނިފަ އެވެ. ފުލުހުން ބުނީ މިމައްސަލައިގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރުކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވާ މީހަކު އައިސިސް އަށް ތާއީދުކޮށް އެޖަމާއަތުގައި ހަރަކާތްތެރިވާ މީހުންނަށް ފައިސާގެ އެހީތެރިކަން ދޭން ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސްކުރުމުގެ ހަރަކާތްތައް ހިންގައި އެކިފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވާފައިވެ އެވެ. އަދި ރާއްޖޭގައި ލިބެންހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ރޭވުމާ ބެހޭ ގޮތުން ފުލުހުން ބުނީ ތުހުމަތުކުރެވޭ ބައެއް މީހުންގެ ޑިޖިޓަލް ޑިވައިސްތަކުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި، އެ މީހުން މަސައްކަތްކުރަމުން ދިޔައީ އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން ކަމަށެވެ. މި މީހުން ހަމަލާދޭން ގަސްދުކޮށްފައިވާ ބައެއް ތަންތަން ކަނޑައަޅާފައިވާކަން ފާހަގަކުރެވުނު ކަމަށާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ހަރަކާތް ހިންގުމަށް ކަނޑައަޅާފައިވާ ޓީމުތަކެއް އެކުލަވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުން، ހަރުކަށި ފިކުރަށް މީހުން ލެނބުވުމަށް ކުރާ ގިނަ ކަންތައްތަކެއް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަރުކަށި ފިކުރު ގަބޫލުކޮށް އެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ ކުރާ ކަމަކީ ދީނީ ކަންކަމަށް ހިތްވަރު ދިނުން ކަމަށް ވިޔަސް އޭގެ ފަހުން، މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެކަމަށާއި ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަ ނުވާނެކަމަށްބުނެ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުވުމަށް ބާރުއަޅާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ދީނީގޮތުން ޚިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކާ، ހަރުކަށި ފިކުރާއި ގުޅުންހުރި ޕްރިންޓްކޮށްފައިވާ އެކި ފޮތްތައް އެފަރާތްތަކާއި ހަވާލުކޮށް އެ ކިޔުމަށް ބާރުއަޅައި، ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރިއަށްގެންދާ ދަރުސްތަކާއި، ކްލާސްތަކުގައި ބައިވެރިވުމަށް ބާރުއަޅާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"...އަދި މައިންބަފައިންގެ ބަސް ކޮންމެހެން ގަބޫލުކުރަން ނުޖެހޭކަމަށް ބުނެ އެ ފިކުރު ގަބޫލުކުރާ ފަރާތްތައް އެއީ އަޚުންކަމަށް ދައްކައި އެގޮތަށް އުޅުމަށް ބާރު އަޅައި، އެހެން މީހުންނަކީ އިސްލާމްދީނުގައި ބަލައިގަންނަ ބައެއް ނޫންކަމަށް ބުނެ އެފަރާތްތަކާއި ދުރުވާން ބާރު އަޅާ" ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
މިގޮތަށް ހައްލާލެވޭ ކުދިންނަށް އެކިގޮތްގޮތުން ފައިސާ ނުވަތަ އެއްޗެހި ދީގެން އެހީތެރިވެދީ، އެކުދިންގެ ހިތް އަނބުރާލުމަށް މަސައްކަތްކުރާ ކަމަށާއި އޭގެ ނަތީޖާއަކަށްވަނީ ހަރުކަށި ފިކުރުގެ ހުރިހާ އަމަލުތަކަށް ތާއީދުކޮށް، ސުވަރުގެ ދިއުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޖިހާދުކުރުންކަމަށް ދައްކުވައިގެން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަކުރުމަށް އެ ފަރާތްތަކަށް ބާރުއަޅާކަން ފާހަގަކުރެވޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި، ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ދަރިން މައިންބަފައިންނާ ވަކިވެ، ވަކިން އުޅެން ފަށައި، ބައެއްފަހަރު މައިންބަފައިން ކާފަރުކޮށް، މައިންބަފައިން ގަތުލުކުރަންޖެހޭކަމަށް ދެކި، އަޚުންގެ ގޮތުގައި ދައްކަދީފައިވާ ފަރާތްތަކަކީ ރަށުގެ އާންމުންނަށް މުހިއްމު ބައެއްކަމަށް ދެކެން ފެށި، އާއްމުންނާ އޮންނަ ގުޅުން ކުޑަވެގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.
ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ފުލުހުން ބުނި ގޮތުގައި އައިސިސް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމެވެ.
ހައްޔަރުކުރި އެކަކީ އައިސިސް އިން އައްޔަންކުރި އަމީރެއް
ނާޒިމް ދައުވާއަށް އިންކާރު،މައްސަލަ ކުރިއަށް ގެންދެެވޭނެ
ހަމަލާ ރޭވިކަމުގެ ތުހުމަަތަށް ދެ މީހަކު ހައްޔަރުކޮށްފި
ހަމަލާދޭން އުޅުނީ ކުޑަކުދިންގެ ހަވީރަކަށް ނޫން: ޕޮލިސް
ތޫނު ހަތިޔާރުން ހަމަލާދޭ މީހާ އަނެއްކާ ހައްޔަރުކޮށްފި
ޔޫގެންޑާގެ ސްކޫލަކަށް ހަމަލާދީ 38 ކުދިން މަރާލައިފި
ޓެރަރިޒަމްގެ ފޮޓޯ އާއި ވީޑިއޯ ގެންގުޅުން ސާބިތެއް ނުވި
ހައްޔަރުކުރި މީހުން ދޫކޮށްލަން "ފަހު އިންޒާރު" ދީފި!
ގޮއްވާލަން އެތައް ފަހަރަކު އުޅެފި، އަދިވެސް ޖޯކެއް؟
"ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލެއް ފެނުނު"