Roadha Mihaaru
ބިޑްތަކުން ނާޖާއިޒް ފައިދާ ނެގުން ބޮޑު ވައްކަމެއް

ދައުލަތުގެ ބިޑްތަކުން ނާޖާއިޒް ފައިދާ ނެގުމަކީ ވެސް ވައްކަމެއް: ޚުތުބާ

22 ޖެނުއަރީ 2021

ރާއްޖޭގައި ވައްކަމާއި ހިޔާނާތް ފެތުރިފައި އޮތްލެއް ވަރުގަދަކަމުގެ މައްޗަށް ބިނާކޮށް މިއަދު ދިން ހުތުބާގައި، ދައުލަތުގެ އެކި ފަންތީގެ މުވައްޒަފުންނަށް ދީނީ ގޮތުން ބޮޑެތި ކުށްތަކެއްގެ މަތިން ހަނދާންކޮށްދީ، އަމަލްތައް އިސްލާހުކުރަން ގޮވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ވައްކަމާއި ހިޔާނާތް ފެތުރިފައި އޮތްލެއް ވަރުގަދަކަމުގެ މައްޗަށް ބިނާކޮށް މިއަދު ދިން ހުތުބާގައި، ދައުލަތުގެ އެކި ފަންތީގެ މުވައްޒަފުންނަށް ދީނީ ގޮތުން ބޮޑެތި ކުށްތަކެއްގެ މަތިން ހަނދާންކޮށްދީ، އަމަލްތައް އިސްލާހުކުރަން ގޮވާލައިފި އެވެ.

ވައްކަމާއި ފޭރުމާއި ހިޔާނާތަށް ބިނާކޮށް، "ހައްގު ނޫން މުދާ" ލިބިގަތުމުގެ ނުބައިކަމުގެ މައްޗަށް އިއްވި ހުތުބާގެ އެއް ބައި ހާއްސަކުރީ ދައުލަތުގެ މުދަލަށް އެކި މުވައްޒަފުން ވަމުންދާ ހިޔާނާތަށެވެ.

ހުތުބާގައި ފާހަގަކުރި އެއް ކަމަކީ ދައުލަތުގެ އޮފީސްތަކަށް ގަންނަ މުދަލާ ގުޅިގެން ކުރާ ބިޑްތަކުން ނާޖާއިޒް ފައިދާ ހޯދުމާއި ދައުލަތުގެ މުދަލުން ވައްކަންކުރުމެވެ. އޭގެ ނުބައިކަން ބޮޑުކަމުން އެކަން ހުއްޓާލަން ވެސް ހުތުބާގައި ގޮވާލި އެވެ.

ހުތުބާގައި ސިފަކުރި ގޮތުގައި ވައްކަމާއި ފޭރުމާއި މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދައި، ދައުލަތުގެ މުދަލަށް އަރައިގަތުމަކީ މިހާރު ކުރިމަތިވެފައި އޮތް ވަބާއެކެ"ވެ. އަދި އެ ވަބާ ވަރަށް ބޮޑަށް ފެތުރިފައި އޮތް ކަމަށް ވެސް، ހުތުބާގައި ބުންޏެވެ.

ދައުލަތުގެ މުދަލަށް ވަމުން ދާ ހިޔާނާތުގެ ކުދިކުދި ތަފުސީލުތަކުގައި ފާހަގަކުރީ ބިޑްތަކުން ނަގާ ނާޖާއިޒް ފައިދާތަކެވެ. އެގޮތުން ބިޑުތަކުން ނާޖާއިޒު ފައިދާ ނެގުމުގެ އިތުރުން އޮފީހުގައި ހުންނަ މުދާ މުވައްޒަފުން ވަގަށް ނެގުމާއި ބައެއް މުދާ ހަލާލުވި ކަމަށް ހެދުމަށް ފަހު މުވައްޒަފުންގެ ގެއަށް ގެންދިއުމަކީ ވެސް ހިޔާނާތާއި ވައްކަން ކަމަށް، ޚުތުބާގައި ފާހަގަކުރި އެވެ.

"ވައްކަމާއި ނަހަމަ ގޮތްގޮތުން ފައިސާ އާއި މުދާ ހޯދާ މީހާއަށް އެ ތަކެތިން ވަގުތީ އުފަލެއް ލިބުނު ކަމުގައި ވިޔަސް، އެ ތަކެތި ވެގެން ދާނީ އޭނާގެ އަނބިދަރިންގެ ހަލާކަށެވެ،" ދީނީ ގޮތުން އިންޒާރު ދެމުން ހިތުބާގައި ބުންޏެވެ.

މި ވަބާ މިހާރު ރާއްޖެއަށް ފެތުރިފައިވާ އޮތީ، ހުތުބާގައި ބުނި ގޮތުގައި، "އަފުރާދުންގެ މެދުގައި އޮންނަން ޖެހޭ ހަރުދަނާ އަގީދާ އާއި އީމާންކަން ބަލިކަށިވާ" ފަދަ މިންވަރަކަށެވެ. އަދި އެފަދަ ނުބައި ކަމެއްގެ ތެރެއަށް މުޖުތަމައު ވެއްޓިފައި އޮތީ "ދުނިޔެވީ އެދުންތަކުގެ ޝިކާރަކަށް އެ މީހުން ވުމުން" ކަމަށް ވެސް، އާންމު ރައްޔިތުންނަށް، ހަފުތާގެ ދީނީ އެންމެ ބޮޑު އެއްވުމުގައި، ހަނދާންކޮށްދިނެވެ.

"މިއަދު އަހަރުމެންގެ ހާލު މިވަނީ މުދަލާއި ފައިސާގެ ވާދަވެރިކަމުގައި ގުޅުން ކަނޑައި، އަދާވާތްތެރިވެ، އެއްވެސް ޖެހިލުމެއް ނެެތި މީސްމީހުންގެ ފުރާނައަށް ގެއްލުން ދޭން ވެސް ޖެހިލުން ނުވާ ހިސާބުގަ އެވެ،" ޚުތުބާގައި ބުންޏެވެ.

ވައްކަމާއި ނަހަމަ ގޮތުގައި ފައިސާ ހޯދުމުގެ ވަބާއިން މުޖްތަމައުގެ ހަލާކުކޮށްލާ އިރު އެއަށް ދޭނެ ވެކްސިނެއް ހޯދުމުގައި ގިނަ ގައުމުތައް ނާކާމިޔާބު ވެފައިވާ ކަމަށް ވެސް، ހުތުބާގައި ލިއުނެވެ.

ވައްކަމުގެ ނުބައިކަމުގެ މައްޗަށް މާތް ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅުތައް ވެސް ހުތުބާގައި ހިމެނި އެވެ. އެގޮތުން ރިސާލަތުގެ އެންމެ ކުރީކޮޅު މައްކާގައި މުސްލިމުން އެންމެ ނިކަމެތި ހާލުގައި ތިބިއިރު ވެސް، ވައްކަން ނުކުރަން ރަސޫލާ އަހުދު ކަށަވަރު ހިއްޕެވި ހިއްޕެވުން، މިސާލެއްގެ ގޮތުގައި ދެއްކި އެވެ. އަދި މީހަކު ކުރާ ހެޔޮ އަމަލުތައް ގަބޫލުކުރައްވާނީ ހަލާލު ގޮތުގައި މުދާ ހޯދުމުން ކަމަށް ވެސް، އާންމު ރައްޔިތުންނަށް ހުތުބާގައި ހަނދާންކޮށްދިނެވެ.

ވައްކަމާއި މީހުންގެ މުދަލާއި ފައިސާ ނުހައްގުން ބޭނުން ކުރުމަކީ ހެޔޮ އަމަލުތަކުގެ ބަރަކާތް ކެނޑި، އީމާންކަން ނެތިކޮށްލާނެ ފަދަ ކަމެއް ކަމަށް، ހުތުބާގައި އިއްވި އެވެ.

ރާއްޖޭގައި ހިޔާނާތާއި ވައްކަމާއި ފޭރުން ވެސް ގިނަވެފައި އޮތް ޒަމާނެއްގައި މިއީ އެކަންކަމުގެ ނުބައިކަން ދީނީ ގޮތުން ރައްޔިތުންނަށް ތަކުރާރުކޮށް އަންގައިދޭ އެންގުންތަކުގެ އިތުރު ބޮޅެކެވެ.