Roadha Mihaaru
މިއަދުގެ ހުތުބާ ކިޔަން މާމެންދޫ އިމާމު ދެކޮޅު ހަދައިފި

މިއަދުގެ ހުތުބާ ކިޔަން މާމެންދޫ އިމާމު ދެކޮޅު ހަދައިފި

16 ފެބުރުއަރީ 2018

ލ. މާމެންދޫގައި މިއަދު ހުކުރު ކުރަން ހަމަޖެއްސި އިމާމު ހުތުބާ ކިޔަން ދެކޮޅު ހެދުމުން އެ އަތޮޅު ގަމުން އިމާމެއް ގެންގޮސްގެން ހުކުރު ކުރަން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލ. މާމެންދޫގައި މިއަދު ހުކުރު ކުރަން ހަމަޖެއްސި އިމާމު ހުތުބާ ކިޔަން ދެކޮޅު ހެދުމުން އެ އަތޮޅު ގަމުން އިމާމެއް ގެންގޮސްގެން ހުކުރު ކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް ފޮނުވާފައިވާ މިއަދު ހުތުބާގެ މައުޟޫއަކީ "ޙާކިމާ (ވެރިމީހާ) އަކީ ނިއުމަތެއް" މި އެވެ. ހުތުބާ ލިއެފައި ވަނީ ވެރިމީހާއަށް ކިޔަވަންވުމުގެ މައްޗަށެވެ. އެއީ، ވަރަށް ބޮޑަށް ސިޔާސީކޮށްފައިވާ ޚުތުބާއެއް ކަމަށް ބައެއް ދީނީ އިލްމުވެރިން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަބްދުލްމުހުސިން މުހައްމަދު ވިދާޅުވީ އެ ރަށުގައި މިއަދު ހުކުރު ކުރަން ހަމަޖައްސާފައިވާ އިމާމު، ޚުތުބާއާ މެދު ހިތްހަމަ ނުޖެހިގެން ހުކުރު ކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ.

"އެ ބޭފުޅާ ވިދާޅުވީ ހުތުބާގައި ދީނާ ޚިލާފް މައުލޫމާތުތައް ހިމެނޭތީ އެ ޚުތުބާ ކިޔަން ބޭނުންނުވާ ކަމަށް. އަޅުގަނޑުމެންނަކަށް ނޭންގެ ހުތުބާގަ އޮތް އެއްޗެއް. އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އެއީ. އަޅުގަނޑުމެންނަކީ ދީނީ ކަންކަން ބަލާ ބައެއް ނޫންތާ ދެއްތޯ،" އެމްޑީޕީ ތިން ކައުންސިލަރުން ހިމެނޭ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެ އިމާމު ހިތްހަމަނުޖެހުނީ ޚުތުބާގައި ހުރި ކޮން ވާހަކަތަކަކަށްތޯ ބެލުމަށް އޭނާއާ ގުޅުމުން ފޯނަށް ޖަވާބެއް ނުދެ އެވެ.

މާމެންދޫގައި ހުކުރު ކުރުމުގެ ހުއްދަ އޮންނަ ހަތަރު މީހުންގެ ތެރެއިން ރަށުގައި މިއަދު ހުރީ ޚުތުބާ ކިޔަން ދެކޮޅު ހެދި އިމާމު އެކަންޏެވެ. އެރަށުގައި ދެ މިސްކިތް ހުންނައިރު އެ ދެ މިސްކިތުގައި ވެސް ތިބެނީ ވަގުތީ އިމާމުންނެވެ. އޭގެ ތެރެއިން ހުކުރު ކުރުމުގެ ހުއްދަ އޮންނަނީ އެންމެ އިމާމަކަށެވެ. އޭނާ ހުރީ ކޯހެއްގައި ކިޔެވުމަށް ލ. ގަމުގަ އެވެ.

ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި އެ އިމާމު ގެނެސްގެން އެ ރަށުގައި މިއަދު ހުކުރު ނަމާދު ކުރާނެ އެވެ.

ޚުތުބާއާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކުރެއްވި ޝޭހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ ޒައިދު ވިދާޅުވީ ހުތުބާގެ ސުރުހީ ފެނުމުން ވެސް ހައިރާންވެވަޑައިގެންނެވި ކަމަށެވެ. ކޮންމެ ކަމެއް ސިޔާސީ ކުރަން ނުޖެހޭ ކަމަށާއި، ކޮންމެ ހާލަތެއްގައި ވެރިޔާއަކީ ނިއުމަތަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުކުރު ހުތުބާއާ މެދު ކަންބޮޑުވުން ފާޅުކޮށް ޝައިހް ޒައިދު ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓް--

ހުތުބާއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.