Roadha Mihaaru
ބޮންޑުގެ އާ ފިލްމު ތިން ވަނަ ފަހަރަށް ފަސްކޮށްފި

ބޮންޑުގެ އާ ފިލްމު ތިން ވަނަ ފަހަރަށް ފަސްކޮށްފި

23 ޖެނުއަރީ 2021

ޖޭމްސް ބޮންޑްގެ ކުރިއަށް އޮތް ފިލްމު "ނޯ ޓައިމް ޓު ޑައި" އަށް ކުރަން ޖެހޭ އިންތިޒާރު އަނެއްކާ ވެސް ދިގުލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖޭމްސް ބޮންޑްގެ ކުރިއަށް އޮތް ފިލްމު "ނޯ ޓައިމް ޓު ޑައި" އަށް ކުރަން ޖެހޭ އިންތިޒާރު އަނެއްކާ ވެސް ދިގުލައިފި އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 2 ގައި ރިލީޒްކުރަން އޮތް ފިލްމު ކޮވިޑް-19 ހެދި އެ އަހަރުގެ ނޮވެމްބަރު 12 އަށް ފަސްކުރުމަށް ފަހު، ފަހުން އަނެއްކާ މި އަހަރުގެ އެޕްރީލަށް ފަސްކޮށްފައިވެ އެވެ. އެންމެ ފަހުން ނިންމާފައި އޮތީ މި އަހަރުގެ އެޕްރީލް 2 ގައި ރިލީޒްކުރާށެވެ.

ނަމަވެސް މިހާރު ތާވަލްކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 8 އަށް ކަމަށް ޖޭމްސް ބޮންޑްގެ ރަސްމީ ޓްވިޓާގައި ބުނެފައިވެ އެވެ. އެހެންވެ މިއީ ފިލްމުގެ ތާރީހު ފަސްކުރި ތިން ވަނަ ފަހަރެވެ. މިގޮތަށް ނިންމީ ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމާފައި އޮތް އިނގިރޭސިވިލާތް ކޮވިޑްގެ އާ ވޭރިއަންޓަކާ ހެދި ލޮކްޑައުންއެއްގައި އޮތުމުންނެވެ.

ބޮންޑް ސީރިޒްގެ 25 ވަނަ ފިލްމު ފަސްކުރަމުން މި ގެންދަނީ ސިނަމާތަކުގައި ނޫނީ ނުދައްކަން ޕްރޮޑިއުސަރުން ބޭނުންވާތީ އެވެ.

"ނޯ ޓައިމް ޓު ޑައި" އަކީ ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލުން ފެންނާނެ ފަސް ވަނަ އަދި ފަހު ފިލްމެވެ. ބޮންޑްގެ ފިލްމަކަށް އެންމެ ފަހުން ސިނަމާތަކަށް އައީ 2015 ގެ "ސްޕެކްޓާ" އެވެ.

ކެރީ ޖޯޖީ ފުކުންގާ ޑައިރެކްޓްކޮށްފައިވާ "ނޯ ޓައިމް ޓު ޑައި" ގެ ކާސްޓްގައި ރަމީ މާލިކް، ލިއާ ސިޑޫ، ލަޝާނާ ލީންޗް، ނިއޯމީ ހެރިސް، ކްރިސްޓޯފާ ވޯލްޒް، ރާފް، ފިއެނެސް އަދި ޖެފްރީ ރައިޓް ފަދަ ތަރިން ހިމެނެ އެވެ.