Roadha Mihaaru
ވަގަށްނެގި ޕެލޯސީގެ ލެޕްޓޮޕް ރަޝިޔާއަށް ވިއްކަން އުޅުނު

ޕެލޯސީގެ ލެޕްޓޮޕް ވަގަށް ނަގައި ރަޝިޔާ އަށް ވިއްކަން އުޅުނު މައްސަލަ ބަލަނީ

19 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 19) - އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ސަޕޯޓްކުރާ ފަރާތްތަކުން މި މަހު 6 ވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރު ނެންސީ ޕެލޯސީގެ ލެޕްޓޮޕް ވަގަށް ނަގައި ރަޝިޔާގެ ޖާސޫސީ ފަރާތްތަކަށް ވިއްކަން އުޅުނު ކަމަށް ބެލެވޭ 22 އަހަރުގެ އަންހެނެއްގެ މައްސަލަ އެފްބީއައި އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އެފްބީއައިގެ އެޖެންޓަކު ކޯޓަށް ދިން މައުލޫމާތުގައިވާ ގޮތުން ރިލޭ ޖޫން ވިލިއަމްސް ނަމަކަށް ކިޔާ މީހަކު ވަނީ ކެޕިޓަލް އިމާރާތަށް މީހުން ވަންދަން މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން އެ މީހާ ގެއްލުނު ކަމަށް ބުނެފައިވެ އެވެ. ޕެލޯސީގެ ލެޕްޓޮޕް ވަގަށް ނަގަން ވިލިއަމްސް އުޅުނު ކަމުގެ މައުލޫމާތު އެފްބީއައި އަށް ދީފައި ވަނީ އޭނާގެ ކުރީގެ ލޯބިވެރިއެކެވެ. ވަގަށް ނެގި ލެޕްޓޮޕް ނުވަތަ ހާޑް ޑިސްކް ވިލިއަމްސް އުޅުނީ ރަޝިޔާގައި ހުރި އޭނާގެ ރައްޓެއްސަކަށް ފޮނުވާނެ އެވެ. އޭގެ ފަހުން އެ މީހާ ރާވާފައި ވަނީ އެ ލެޕްޓޮޕް ރަޝިޔާގެ ފޮރިން އިންޓަލިޖެންސް ސާވިސް އަށް ވިއްކާލުމަށެވެ.

ޖެނުއަރީ 6 ވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި ޓްރަމްޕުގެ ސަޕޯޓަރަކު ޕެލޯސީގެ އޮފީހުގައި. --ފޮޓޯ:އޭއެފްޕީ

ޖެނުއަރީ 6 ވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި ޓްރަމްޕުގެ ސަޕޯޓަރަކު ޕެލޯސީގެ އޮފީހުގައި. --ފޮޓޯ:އޭއެފްޕީ

ކޮންގްރެސްގެ އިމާރާތުގައި ހަމަނުޖެހުން ހިންގިތާ ދެ ދުވަސް ފަހުން ޕެލޯސީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޑްރޫ ހައްމިލް ވަނީ ޕެލޯސީގެ އޮފީހަށް ދިން ހަމަލާގައި ލެޕްޓޮޕް ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވެ ޓްވީޓްކޮށްފަ އެވެ. އެކަމަކު އެއީ ހަމައެކަނި ޕްރެޒެންޓޭޝަންތަކަށް ބޭނުންކުރާ ލެޕްޓޮޕެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑަން ހޯއްދެވި ކާމިޔާބީ ކޮންގްރެސް އިން ރަސްމީކުރުމަށް ބޭއްވި ޖަލްސާއާ ދިމާކޮށް ޓްރަމްޕުގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުމުގައި ފަސް މީހުން މަރުވި އެވެ. ހަމަނުޖެހުމުގައި ތަންތަނަށް ގެއްލުން ދިން މީހުން ހޯދާ މިހާރު ދަނީ ހައްޔަރު ކުރަމުންނެވެ.