Roadha Mihaaru
ބޮން ގޮއްވަން އުޅުނު މީހާގެ ބޮލަށް 75،000 ޑޮލަރު

ކޮންގްރެސްގައި ބޮން ގޮއްވަން އުޅުނު މީހާގެ ބޮލަށް 75،000 ޑޮލަރު

22 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 22) - ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ފަރާތަތަކުން އެމެރިކާގެ ކެޕިޓަލް އިމާރާތަށް މި މަހު 6 ވަނަ ދުވަހު ދިން ހަމަލާގައި ޕައިޕް ބޮން ހަރުކުރަން އުޅުނު މީހާ ހޯދައިދިން ފަރާތަކަށް 75،000 ޑޮލަރުގެ އިނާމެއް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހުށަހަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 22) - ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ފަރާތަތަކުން އެމެރިކާގެ ކެޕިޓަލް އިމާރާތަށް މި މަހު 6 ވަނަ ދުވަހު ދިން ހަމަލާގައި ޕައިޕް ބޮން ހަރުކުރަން އުޅުނު މީހާ ހޯދައިދިން ފަރާތަކަށް 75،000 ޑޮލަރުގެ އިނާމެއް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހުށަހަޅައިފި އެވެ.

ސެކިއުރިޓީ ކެމެރާތަކުން ފެންނަ ގޮތުގައި އެ މީހާ ހުރީ އަޅި ކުލައިގެ ހުޑެއް އަޅައިގެން ކަޅު ކުލައިގެ އަންގިއެއް ލައްވައިގެން އަދި މާސްކަކުން މޫނު ނިވާކޮށްގެންނެވެ. ވީޑިއޯ އިން ފެންނަ އެ މީހާ ވަނީ ކެޕިޓަލްއާ ކައިރީގައިވާ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން އޮފީހުގައި ބޮން ހަރުކުރަން އުޅެފަ އެވެ.

އެ ބޮންތަކެެއް ނުގޮވަ އެވެ. ނަމަވެސް އެއީ ގާނޫނު ހަދާ މަޖިލީހަށް ޓްރަމްޕުގެ ސަޕޯޓަރުން ދޭން އުޅުނު ހަމަލާގެ ނުރައްކާ އަންގައިދޭ ކަމެއް ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

ކެޕިޓަލް ޕޮލިސްގެ ވެރިޔާ ވެސް ހިމެނޭ ގޮތުން ބައެއް ތަޖްރިބާކާރުން ބުނެފައި ވަނީ ބޮން ހަރުކޮށް ގޮއްވާލަން އުޅުނީ ސަލާމަތީ ފަރާތްތަކުން ދުރަށް ޖެހޭ ވަގުތު ކެޕިޓަލް އިމާިރާތަށް ސަޕޯޓަރުން ވަނުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށެވެ.

އެފްބީއައި އިން ބުނީ ބޮން ހަރުކުރަން އުޅުނު މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެ ފަރާތަށް ނޭނގޭ ކަމަށެވެ. އެ މީހާއާ ބެހޭ މައުލޫމާތެއް ދިން ފަރާތަކަށް ކުރިން ހުށަހަޅާފައި ވަނީ 50،000 ޑޮލަރެވެ.

އިންތިޚާބުގައި ޖޯ ބައިޑަން ހޯއްދެވި ކާމިޔާބީ ކޮންގްރެސް އިން ރަސްމީކޮށް ނިންމަން ބޭއްވި ބައްދަލުވުމަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ވަނީ 117 މީހެއްގެ މައްޗަށް ދައުވާ ކުރަން ނިންމައިފަ އެވެ. އެއީ 35 ސްޓޭޓަކުން ވޮޝިންޓަނަށް ދިޔަ މީހުންނެވެ. ގިނަ މީހުން ހޯދައިފައި ވަނީ ސޯޝަލް މީޑިއާގެ އެހީގަ އެވެ. އެ ހަމަނުޖެހުމުގައި ފަސް މީހުން މަރުވި އެވެ.

ޖެނުއަރީ 6 ވަނަ ދުވަހުގެ ހަމަނުޖެހުމަށް ހިތްވަރު ދިންކަމުގެ ކުށުގައި ޓްރަމްޕު ވަނީ ކޮންގްރެސްގެ ދަށުގެއިން އިމްޕީޗްކޮށްފަ އެވެ. ރައީސްކަމުން ވަކިވެވަޑައިގަތް ނަމަވެސް ޓްރަމްޕުގެ ޝަރީއަތް ސެނެޓުގައި ކުރިއަށް ގެންދާނެ އެވެ. ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ދެ ފަހަރަށް އިމްޕީޗްކުރި ފުރަތަމަ ރައީސް އެވެ.