Roadha Mihaaru
އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލަ ބަލަން އާ ބޭފުޅަކު

އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލައިގެ ތަހުގީގުގެ އިސްވެރިއަކަށް އާ ބޭފުޅެއް

18 މެއި 2017

ވޮޝިންޓަން (މެއި 18) - އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވާ އަދި ޓްރަމްޕުގެ ކެމްޕޭނަށް އެ ގައުމުން އެހީވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ އިސްވެރިއެއްގެ ގޮތުގައި އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ރޮބަޓް މުލާ ޖަސްޓިސް ޑިޕާޓްމަންޓުން ހަމަޖައްސައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 18) - އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވާ އަދި ޓްރަމްޕުގެ ކެމްޕޭނަށް އެ ގައުމުން އެހީވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ އިސްވެރިއެއްގެ ގޮތުގައި އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ރޮބަޓް މުލާ ޖަސްޓިސް ޑިޕާޓްމަންޓުން ހަމަޖައްސައިފި އެވެ.

ތަހުގީގުގެ ސްޕެޝަލް ކައުންސެލްގެ މަގާމަށް މުލާ ހަމަޖެއްސިކަން އިއުލާން ކުރައްވަމުން އެޓާނީ ޖެނެރަލްގެ ނައިބް ރޮޑް ރޮސެންޓެއިން ވިދާޅުވީ އެފްބީއައިގެ ބޭރުން ބޭފުޅަކު ގެނައުމަކީ ގިނަ ބަޔަކު ބޭނުންވާ ގޮތް ކަމަށެވެ. ޖަސްޓިސް ޑިޕާޓްމަންޓުގެ މި ނިންމުމަށް ދެ ޕާޓީން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި މައްސަލަ ބަލަމުން ދަނިކޮށް އެފްބީއައިގެ ޑިރެކްޓަރުގެ މަގާމުން ޖޭމްސް ކޯމޭ ވަކި ކުރުމާ ގުޅިގެން އެ ތަހުގީގު ކުރިއަށް ގެންދިއުމަށް ސްޕެޝަލް ޕްރޮސެކިއުޓަރަކު ހަމަޖެއްސުމަށް ސިޔާސީ ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ. އެފްބީއައި އާއި ކޮންގްރެސް އިން މިހާރު ދަނީ ޓްރަމްޕުގެ ކެމްޕޭން ޓީމާއި ރަޝިޔާއާ އޮތް ގުޅުން ތަހުގީގު ކުރަމުންނެވެ. އެމެރިކާގެ ޖާސޫސީ އިދާރާ އިން ތުހުމަތު ކޮށްފައިވާ ގޮތުގައި ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ރަޝިޔާ އިން ވަނީ މަސައްކަތް ކޮށްފަ އެވެ.

ތަހުގީގުގެ އިސްވެރިޔާގެ މަގާމަށް މުލާ ހަމަޖެއްސިކަން އިއުލާން ކުރުމާ އެކު ޓްރަމްޕް ވަނީ އާ ތަހުގީގުން އޭނާ އާއި ކެމްޕޭން ޓީމުގެ ކުށެއް ނެތްކަން ސާފުވާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. ވައިޓް ހައުސް އިން ކުރިން ބުނެފައި ވަނީ ތަހުގީގު ކުރިއަށް ގެންދިއުމަށް ބޭރުން މީހަކު ގެނައުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެފްބީއައިގެ ޑިރެކްޓަރުގެ މަގާމުން ކޯމޭ ދުރުކުރި އިރު އެފްބީއައިގެ ތަހުގީގަށް ޓްރަމްޕް ނުފޫޒު ފޯރުވަން އުޅުނުކަން ވަނީ ހާމަވެފަ އެވެ. ޓްރަމްޕުގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ފްލައިން ރަޝިޔާއާ ގުޅުން ބޭއްވި މައްސަލަ އެފްބީއައި އިން ތަހުގީގު ކުރަމުން ދަނިކޮށް އެ މައްސަލަ ހުއްޓާލުމަށް ޓްރަމްޕް އެދިވަޑައިގެންނެވި ކަމަށް އެމެރިކާގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.

މުލާ، 72، ވަނީ އެފްބީއައިގެ ޑިރެކްޓަރުގެ މަގާމު 12 އަހަރު އަދާކުރައްވައިފަ އެވެ. އޭނާ އެ މަގާމު އަދާކުރެއްވީ ސެޕްޓެމްބަރު 4، 2001 އިނ ސެޕްޓެމްބަރު 4، 2013 އަށެވެ.