Roadha Mihaaru
ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެ: މަޓީ

ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެ: މަޓީ

18 ޖެނުއަރީ 2021

ރިސޯޓްތަކުން ކަނޑަށް އަޅަނީ ކާބޯތަކެތިން އުފެދޭ، ފަސޭހައިން ހަލާކުވާ ކުނި ކަަމަށާއި އެކަން ކުއްލިއަކަށް ހުއްޓުވައިފި ނަމަ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރިސޯޓްތަކުން ކަނޑަށް އަޅަނީ ކާބޯތަކެތިން އުފެދޭ، ފަސޭހައިން ހަލާކުވާ ކުނި ކަަމަށާއި އެކަން ކުއްލިއަކަށް ހުއްޓުވައިފި ނަމަ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ބުނެފި އެވެ.

ރިސޯޓްތަކުގައި ކާބޯތަކެތިން އުފެދޭ ކުނި ކަނޑަށް އަޅަނީ ޓޫރިޒަމް ދާއިރާއަށް، ހާއްސަކޮށް އެންވަޔަރްމެންޓް މިނިސްޓްރީން މާކުރިން ހަދާފައިވާ ގަވައިދަކުން ބާރުލިބިގެންނެވެ. އެކަމަށް ހައްލެއް ހޯދަން މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޓީގެ އިތުރުން އެންވަޔަރްމެންޓް މިނިސްޓްރީ އާއި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ވެމްކޯ އިން ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ އެކަން ކުއްލިއަކަށް ހުއްޓާލަން ޖެހިއްޖެ ނަމަ ވަރަށް އުނދަގޫ ވާނެ ކަމަށާއި ހާއްސަަކޮށް ސަފާރީތަކަށް ވަރަށް އުނދަގޫ ކަަމަކަށް އެކަން ވާނެ ކަމަށެވެ.

"އެމީހުން އަޅުގަނޑަށް ހީވަނީ ހަމަ ކަނޑަށް ޑިސްޕޯޒް ކުރަނީއޭ. އެއީ އެމީހުންނަށް ވަރަށް އުނދަގޫ ރަށްރަށަށް ދާން. ވިިތިން ވަން ވީކް ޓޫވީކް ޓުއާގައި،" އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ކުއްލިއަކަށް ގަވައިދު ބަދަލުކޮށް ސަފާރީތައް ޖޫރިމަނާކުރަން ފަށައިފިއްޔާ ސަފާރީތައް ދުއްވާ ފަރާތްތައް ބަނގުރޫޓްވާނެ ކަމަށެވެ. އެހެންވީމާ ކުނި އުކައިލެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ފަހު ތިރީހަކަށް ދުވަހުގެ މުހުލަތެއް ދީފައި، ކަނޑަށް ކުނި އެޅުން މަނާކުރަން މަޓީން ތާއީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓޫރިޒަމް އިންޑަސްޓްރީގެ އެހެން ފަރާތްތަކުން ވެސް އެކަމަށްް އެއްބާރުލާނެ ކަމަށް ގަބޫލުކުރައްްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޓީގެ އެންވަޔަރްމެންޓް ކޮންސަލްޓެންޓް އަބްދުލް އަޒީޒް އަބްދުލް ހަކީމް ވިދާޅުވީ ރިސޯޓްތަކުން ބާކީވާ ކާބޯތަކެތި ފަދަ ފަސޭހައިން ހަލާކުވާ ކުނި ކަނޑަށް އެޅުން ހުއްޓޭނީ ކުނި މެނޭޖްކުރާ ފެސިލިޓީތަކެއް ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމްކޮށްގެން ކަމަށެވެ.

އެގޮތުން ރ. ވަންދޫގައި ހަދާފައިވާ ފެސިލިޓީ ހިންގަން ފަށައި އެ ފެންވަރުގެ އެހެން ފެސިލިޓީތައް ރާއްޖޭގެ ދެކުނުގައި ވެސް ގާއިމްކުރުމަކީ އެ މައްސަލައަށް އޮތް ހައްލު ކަމަށް އޭނާ ވިދާޅުވި އެވެ. ކަނޑަަށް ކުނި އެޅުން ހުއްޓުވުމަަށް ޓަކައި ކުރަން ޖެހޭ ދެވަަނަ ކަމަކީ އޭނާ ވިދާޅުވީ ކުނި ނައްތައިލުމުގެ ހިދުމަތް ދޭ ފަރާތްތަކުން ކުނި އުފުލަން ހާއްސަ ބޯޓްތަކެއް ގެންގުޅޭ ގޮތަށް ހެދުމެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ކުނި މެނޭޖްކުރާނެ އެކަހަލަ ފެސިލިޓީތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރަން ޕްލޭންކޮށްފައި އެބަ އޮތް ކަމަށެވެ.