07 ނޮވެމްބަރ 2016
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގައި ހުށަހަޅަން އެޖެންޑާކޮށްފި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގައި ހުށަހަޅަން އެޖެންޑާކޮށްފި އެވެ.
ދެ ހަފްތާގެ މެދުކެނޑުމަކަށް ފަހު މަޖިލިހުގެ ޖަލްސާތައް އަލުން ފަށާއިރު، މާދަމާ އަށް އެޖެންޑާކޮށްފައި އޮތީ 2017 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުން އެކަންޏެވެ. މަޖިލީހުގެ ތަޅުމަށް ބަޖެޓު ހުށަހެޅުމާ އެކު، ހަމަ އެ ދުވަހު ބަޖެޓުގެ ބަހުސް ފަށާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ކުރިން ވަނީ އިސްލާހު ގެނެސްފަ އެވެ.
ބަޖެޓަށް ބަހުސް ކުރުމަށް މަޖިލީހުގެ ކޮންމެ މެމްބަރަކަށް 22 މިނެޓް ދިނުމަށް އާންމު ކޮމެޓީން އިއްޔެ ވަނީ ނިންމައިފަ އެވެ. އެއީ ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނެޓާއި ކޮމެޓީ ރިޕޯޓު ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެއަށް ބަހުސް ކުރަން ކޮންމެ މެމްބަރަކަށް ހަތް މިނެޓެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާކުރާ ހަރަދާއި ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅައި ވޭތުވެދިޔަ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.
އަދި އަންނަ މަހުގެ 31 ގެ ކުރިން ބަޖެޓާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެ އެވެ.
މިދިޔަ ހުކުރުދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ކުރީ އަހަރެކޭ އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ އަދަދަކީ 27 ބިލިއަން ރުފިޔާ ކަމަށެވެ. ބައެއް މަޝްރޫއުތައް މި ވަގުތު ހުއްޓާލައިފައި ވީ ނަމަވެސް މިހާރު ވެސް 560 މަޝްރޫއެއް އެބަ ހިނގާ ކަމަށާއި އެ އަދަދު އަންނަ އަހަރު އިތުރުވާނެ ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މަޖިލީހުން ފާސްކޮށް ދިނީ 27.5 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 16.8 ބިލިއަން ރުފިޔާއި އެ ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވާ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހަތަރު ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓު ޑެފިސީޓަކީ 3.4 ބިލިއަން ރުފިޔާ (ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަ ޕަސެންޓް) ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. އެކަމަކު، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ، ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުމްލަ 11.39 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ބަޖެޓު ޑެފިސިޓް އަންދާޒާ ކުރި ވަރަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.
1.4 ބިލިއަން ރުފިޔާ ހޯދަން ބޮންޑާއި ސުކުކް ވިއްކަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ސިނގިރޭޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކުރަނީ
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ
ހިންގުން ރަނގަޅު ނުކުރާ ވެރިން ބަދަލުކުރާނަން: އަމީރު
ދަތުރުފަތުރަށް ހާއްސަ ކުންފުންޏެއް އުފައްދަނީ
ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަނީ
ބަޖެޓު ހުށަހެޅުމުގެ ޖަލްސާ މާދާމާ ބާއްވަނީ
ސޮވްރިން ފަންޑް ރައްކާތެރިކުރަން ގާނޫނެއް ހަދަން ޖެހޭ