17 ޖެނުއަރީ 2021
މި މަހުގެ މިހާތަނަށް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި 705 މީހުންގެ ތެރެއިން 234 މީހުން، ނުވަތަ ޕޮޒިޓިވް ކޭސްތަކުގެ 31 ޕަަސެންޓް، ނިސްބަތްވަނީ މިހާރު ހިންގަމުން އަންނަ ރިސޯޓްތަކަށެވެ. އޭގެ ތެރޭގައި ގިނައީ މުވައްޒަފުންނެވެ.
މި މަހުގެ މިހާތަނަށް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި 705 މީހުންގެ ތެރެއިން 234 މީހުން، ނުވަތަ ޕޮޒިޓިވް ކޭސްތަކުގެ 31 ޕަަސެންޓް، ނިސްބަތްވަނީ މިހާރު ހިންގަމުން އަންނަ ރިސޯޓްތަކަށެވެ. އޭގެ ތެރޭގައި ގިނައީ މުވައްޒަފުންނެވެ.
ދެ ރިސޯޓެއްގައި ބޮޑު ދެ ކްލަސްޓާއެއް ވަނީ އުފެދިފަ އެވެ. އެ ދެ ކްލަސްޓާ ވެސް ފެށިފައި އޮތީ އެއްގޮތަކަށެވެ. އެންމެ ބޮޑު އެއް ކްލަސްޓާ އޮތް ބްލޫ ސަންގަލި ރިސޯޓުން ބުރާސްފަތި ދުވަހާ ހަމައަށް 42 މީހަކު ޕޮޒިޓިވް ވި އެވެ. ހުކުުރު ދުވަހާއި ހޮނިހިރު ދުވަހުގެ ސާފު އަދަދެއް އަދި ނޭނގެ އެވެ. ބޮޑު އަނެއް ކްލަސްޓާ އަކީ އޮޅުވެލި ބީޗް އެެންޑް ސްޕާގެ ކްލަަސްޓާ އެވެ. ބުރާސްފަތިދުވަހާ ހަމައަށް އެ ކްލަސްޓާއިން 26 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ.
މި ކްލަސްޓާތައް ބޮޑުވަމުން ދާ އިރު ހުކުރުދުވަހު ހަވީރު 6:00 އިން އިއްޔެ ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 87 މީހުންގެ ތެރެއިން 41 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.
ހެލްތު އިމަޖެންސީ އޮޕަަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަޝީދު ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ ރިސޯޓްތަކުގައި ކޮވިޑް ފެތުރެން މެދުވެރިވާ ބައެއް ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
،މި މަހުގެ ފުރަތަމަ ދުވަހު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 47 މީހުންނެވެ. އޭގެ ތެރެއިން ތިން މީހުން ރިސޯޓްތަކުންނެވެ. ޖެހިގެން އައި ދުވަހު މުޅި ރާއްޖޭން 30 މީހުން ޕޮޒިޓިވްވި އިރު ރިސޯޓްތަކުން ޕޮޒިޓިވް ވި އަދަދަކީ އޭގެ ދެބައިކުޅަ އެއްބަ އެވެ. ހަތަރު ވަނަ ދުވަހު ޕޮޒިޓިވްވި 26 މީހުންގެ ތެރެއިން 11 މީހުން އުޅެނީ ރިސޯޓްތަކުގަ އެވެ. ޖެހިގެން އައި ދުވަހުގެ ޕޮޒިޓިވް 37 މީހުންގެ ތެރެއިން 15 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.
ރިސޯޓްތަކުން ބަލި ޖެހުނު މީހުންގެ އަދަދު ނިސްބަތުން އެންމެ މައްޗަށް ދިޔައީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދުވަހު މުޅި ރާއްޖެއިން ކޮވިޑް ޖެހުނު 59 މީހުންގެ ތެރެއިން 33 މީހުން ތިބީ ރިސޯޓްތަކުގަ އެވެ. އިއްޔެ އަކީ ވެސް ރާއްޖޭގެ އެހެން ހުރިހާ ތަނަކާ އަޅާބަލާއިރު ރިސޯޓްތަކުގެ ކޭސްތައް އިތުރުވި ދުވަހެކެވެ. އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި 87 މީހުންގެ ތެރެއިން ރިސޯޓްތަކުން ފެނުނު ކޭސްތަކުގެ އަދަދު 41 އަށް އަރަ އެވެ.
ކޮވިޑްގެ ޑެފިނިޝަނަށް ރާއްޖޭން އެންމެ ފަހުން ގެނައި ބަދަލާ އެކު ބަލީގެ އަލާމާތްތަކުގެ ތެރެއިން އެންމެ އަލާމާތެއް ހުންނަ މީހުން ވެސް ޓެސްޓްކުރަން ޖެހެ އެވެ. ކޮވިޑް އޮތް ތަނަކަށް ދަތުރުކޮށްފައި ވުމާއި މީހުންނާ ކޮންޓެކްޓް ވެފައިވުން ފަދަ އެއްވެސް ކަމަކަށް މިހާރު ބަލާކަށް ނުޖެހެ އެވެ. އަލާމާތް ހުރިއްޔާ ވަގުތުން ޓެސްޓްކުރަން އެޗްޕީއޭގެ އިރުޝާދުގައި އެބަ އޮތެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިހާރު އަމަލުކުރާ އުސޫލަކީ ކިތަންމެ ކުޑަކޮށް އަލާމާތް ހުރި ނަމަވެސް މީހުން އައިސޮލޭޓްކޮށް ޓެސްޓްކުރުން ކަމަށެވެ.
"ކިތަންމެ ކުޑަކޮށް އަލާމާތްތައް ހުރިކަމުގައި ވިޔަސް އެމީހަކު އައިސޮލޭޓްކޮށް ސާމްޕަލް ނަގައި ޓެސްޓްކުރަން ޖެހޭނެ އިނގޭތޯ. އެގޮތަށް ނުކުރެވި ހުރި ބައެއް ތަންތަނުގައި ގިނަ ދުވަސް ވެގެން ބަލި ވަރަށް ބޮޑަށް ފެތުރިފައި ހުރިކަން އަަޅުގަނޑުމެނަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި އިރު އެންމެ އަލާމާތެއް ހުންނަ މީހުން ވަގުތުން ޓެސްޓްކުރާ ގޮތަށް ރާއްޖޭގައި އުސޫލު ބަދަލުކޮށް އިއުލާނުކުރީ މިދިޔަ އާދީއްތަ ދުވަހު އެވެެ.
ހުޅުވާފައިވާ ރިސޯޓްތަކަށް ދާ މުވައްޒަފުން 10 ދުވަހަށް ކަރަންޓީނުކޮށް، އެއަށް ފަހު ކޮވިޑަށް ޓެސްޓްކުރަން ޖެހެ އެވެ. އެ އުސޫލަށް ބައެއް ތަންތަނުން ވަރަށް ރަނގަޅަށް އަމަލުކުރަމުން އަންނަ އިރު އަނެއް ބައި ރިސޯޓްތަކުން އެގޮތަށް އަމަލެއްނުކުރެ އެވެ. ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީނުގެ ކަންތައް ރަނގަޅަށް ނުކުރާ ބައެއް ރިސޯޓްތައް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ އިން ރިސޯޓަކަށް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން އޭނާ ވިދާޅެއް ނުވެ އެވެ.
ކަރަންޓީނުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދާ ނަމަ ބަލި ނުފެތުރޭކަން ރާއްޖޭގެ މީހުން އުޅޭ ރަށްތަކުން ވަނީ ފެނިފަ އެވެ. މާލޭގައި އެންމެ ބާރަށް ބަލި ފެތުރުނު ދުވަސްވަރު ވެސްް ރަށްރަށަށް ހޯމް ކަރަންޓީނަށް އެތައް ބަޔަކު ދިޔަ އެވެ. އެކަމަކު އެމީހުން ދިއުމުގެ ސަބަބުން އެއްވެސް ރަށަކަށް ކޮވިޑް ފެތުރިފައެއް ނުވެ އެވެ.
މާލެ އާއި އެހެން ރަށްރަށުން ރިސޯޓްތަކަށް ދާ މުވައްޒަފުންގެ ކަރަންޓީނުގެ ކަންތައް ނުކުރެވުމަކީ ބަލި ފެތުރޭ ހަމައެކަނި ސަބަބެއް ނޫނެވެ. ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން މިހާރު އަންނަ އިރު، އޭގެ ތެރޭގައި މިހާރު ވެސް ވަރަށް ބޮޑަށް ބަލި ފެތުރެމުން ދާ ގައުމުތަކުގެ މީހުން ހިމެނެ އެވެ. އެކަމަކު ޑރ. ނަޒްލާ ވިދާޅުވީ ޓޫރިސްޓުންގެ ފަރާތުން މުވައްޒަފުންގެ ތެރެއަށް ބަލި ފެތުރުނުކަން މިހާތަނަށް އެނގިފައިނުވާ ކަމަށެވެ. ނަމަވެސް ބައެއް ޓޫރިސްޓުން ވެސް ބައްޔަށް ޕޮޒިޓިވްވެ އެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވި އިރު ޓޫރިޒަމް އިންޑަސްޓްރީއަށް ހާއްސަ ގައިޑްލައިންްތަކެއް އެލުވައިލައި އެއަށް އަހުލުވެރި ވެސް ކުރުވި އެވެ. އެ ގައިޑްލައިންތަކާ އެއްގޮތަށް ހިންގަން އެންމެ ފަހުން ހުޅުވާ ގެސްޓްހައުސްތަކެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ގެސްޓްހައުސްތައް ހިންގަމުން އަންނަ ގޮތް އެޗްޕީއޭއިން ވަނީ ދާދި ފަހުން އިންސްޕެކްޓްކޮށްފަ އެވެ. އެޗްއީއޯސީން ބުނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް 86 ގެސްޓްހައުސްއެއް އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ.
"ގިނަ ތަންތަނުގައި ހަމަ ގައިޑްލައިންގައި ހުރި ގޮތަށް ކަންތައްތައް ހުރިކަން ފާހަގަކުރެވޭ. އެހެން ނަމަވެސް މަދުމަދުން ހުރި ރަނގަޅުކުރަން ޖެހޭ ކަންތައްތައް އިސްލާހުކުރަން އެބޭފުޅުންނަށް ވާނީ ދެންނެވިފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރިސޯޓްތަކުގެ މުވައްޒަފުންނަކީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވި އިރު ވެސް ވަރަށް ބޮޑެތި ގުރުބާނީތަކެއް ވަމުން އައި ބައެކެވެ. ރިސޯޓްތައް ބަންދުކޮށް ދިޔަ ދިގު މުއްދަތުގައި އޭގެ ތެރެއިން އެތައް ހާސް މުވައްޒަފުން ރަށުން ނުފައިބައި ތިއްބެވެ. އަދިވެސް ގިނަ މުވައްޒަފުންތަކެއް އުޅެނީ މާޗު މަހުން ފެށިގެން އާއިލާއާ ބައްދަލުނުވެވި، "ރިސޯޓް ބަންދު"ގައި ކަހަލަ ގޮތަކަށެވެ.
ގިނައިން ބަލި ފެތުރެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުޑަވެ، އަދި ދޭންވާ ސަމާލުކަން ނުދެވިގެން ކަމަށް، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. ރިސޯޓްތަކަކީ ރާއްޖޭގެ އިިގުތިސާދުގެ މައި މަސައްކަތް ކަމަށް ވާއިރު، މުވައްޒަފުންގެ ރައްކާތެރިކަމަށް ބޮޑު ސަމާލުކަމެއް ދޭން މި އޮތީ ޖެހިފަ އެވެ.
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ
ވޭމަންޑޫ މޮނިޓރިން އަށް ލައިފި
އުނގޫފާރުގެ ކޭސްތައް، މުޅި އަތޮޅަށް ބިރުވެރިކަން
ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ވެކްސިން ދީފި
ރިސޯޓްތަކުގެ ކްލަސްޓާތައް ބޮޑުވުމުގައި އިހުމާލުތަކެއް
ދެއްވަދޫ ކްލަސްޓާގައި ހައިރިސްކުމީހުން ވަރަށް ގިނަ
އާ ވޭރިއަންޓުތޯ ބަލަން ބައެއް ސާމްޕަލްތައް ބޭރަށް
ޕާޓީއަށް ނުދާ، ޔޫކޭން އައި މީހަކު ކްލަސްޓާގައި ހިމެނޭ
ކޮވިޑް-19: އަނެއްކާވެސް ނުބައި އަލާމާތެއް
ކޮވިޑްގައި އަނެއްކާވެސް މަރެއް، ޖުމްލަ 36 އަށް