Roadha Mihaaru
ޓޫރިޒަމް ދާއިރާއަށް މީހުން ނެރެން ވިލާ ކޮލެޖާއި އަތަމާ

ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީނުކުރަން ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަނުން ސޮއިކޮށްފި

14 ޖެނުއަރީ 2021

ޓޫރިޒަމް ދާއިރާ އަށް މީހުން ތަމްރީނު ކުރުމަށް ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަނުން މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓޫރިޒަމް ދާއިރާ އަށް މީހުން ތަމްރީނު ކުރުމަށް ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަނުން މިއަދު ސޮއިކޮށްފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އަތަމާ ފައުންޑޭޝަންގެ ފައުންޑަރު އަދި ވައިސް ޗެއާޕާސަން އަލީ އަހްރުޝް އިބްރާހިމާއި ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.

އެއްބަސްވުމުގެ ދަށުން ހިންގާނީ "ސެޓްފިކެޓް 3 އިން ހޮސްޕިޓާލިޓީ" ޕްރޮގްރާމެވެ.

ހަތަރު މަސް ދުވަހަށް ހިންގާ ކޯހުގެ ކިޔަވައިދިނުމާއި އަމަލީ ތަޖުރިބާ ހޯދުމުގެ ބައި ކުރިއަށް ގެންދާނީ ރިސޯޓުގަ އެވެ. ހުރިހާ ހަރަދެއް އަތަމާ ފައުންޑޭޝަނުން ކޮށްދޭ މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 20 ޖާގަ ކަނޑައަޅާފައިވެ އެވެ.

އަތަމާ ފައުންޑޭޝަނުން ބުނިގޮތުގައި ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާ އިން މީހުން ތަމްރީނު ކުރުމަކީ ރާއްޖޭގެ ތަރައްގީ، އެ ސިނާއަތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ޓޫރިޒަމް ކުރިއެރުވުމަށް ވަރަށް މުހިއްމު ކަމެކެވެ. ދާއިރާއާ ގުޅޭ ތަމްރީނު ނެތި، އެފަދަ ކުދިން އަމަލީ މަސައްކަތަށް ނުކުންނަން ޖެހުމަކީ އަވަހަށް ވަޒީފާ ދޫކޮށްލާފައި ދިއުމުގެ މައިގަނޑު އެއް ސަބަބު ކަމަށް ވެސް ފާހަގަވެފައިވާ ކަމަށް ބުންޏެވެ.

"މި ތަމްރީން ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ދާއިރާ އަށް ދިމާވެފައިވާ މި ފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުން. އެ މަގުސަދުގައި އަތަމާ ފައުންޑޭޝަނުން ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން، އަތަމާ ފައުންޑޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގޭ ތަމްރީން ޕްރޮގްރާމްތަކެއް،" ވިލާ ކޮލެޖުން ބުންޏެވެ.

އެ ފައުންޑޭޝަނުން ޓޫރިޒަމްގެ ޕްރޮގްރާމް ހިންގަން ވިލާ ކޮލެޖު އިހުތިޔާރުކުރީ، އެއީ ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި މި ފަދަ ކަންކަން ހިންގުމުގައި އެންމެ ގާބިލު ކޮލެޖު ކަމަށް ގަބޫލުކުރެވޭތީ ކަމަށް އަތަމާ ފައުންޑޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.