Roadha Mihaaru
ޔުނިވާސަލް ފައުންޑޭޝަންގެ ސްކޮލަޝިޕް ހިންގަން ވިލާއަށް

ޔުނިވާސަލް ފައުންޑޭޝަންގެ ސްކޮލަޝިޕް ޕްރޮގްރާމް ހިންގަން ވިލާ ކޮލެޖަށް

16 މެއި 2017

ޓޫރިޒަމްގެ ދާއިރާއަށް ޒުވާނުން ނެރެދިނުމުގެ މަގުސަދުގައި ޔުނިވާސަލް ފައުންޑޭޝަން އިން އަލަށް ފެށި ސްކޮލަޝިޕް ޕްރޮގްރާމް ހިންގަން ވިލާ ކޮލެޖާއެކު މިއަދު އެއްބަސްވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓޫރިޒަމްގެ ދާއިރާއަށް ޒުވާނުން ނެރެދިނުމުގެ މަގުސަދުގައި ޔުނިވާސަލް ފައުންޑޭޝަން އިން އަލަށް ފެށި ސްކޮލަޝިޕް ޕްރޮގްރާމް ހިންގަން ވިލާ ކޮލެޖާއެކު މިއަދު އެއްބަސްވެއްޖެ އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ސްކޮލަޝިޕް ކޯސްތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު އަދި ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު ވަނީ ސޮއިކުރައްވައިފަ އެވެ.

މިއީ ޔުނިވާސަލް ފައުންޑޭޝަނުން ހަރަދުކުރާ ސްކޮލަޝިޕް ޕްރޮގްރާމެކެވެ. ބޮންޑެއް ނެތްގޮތަށް "ޑިސްކަވާ ހޮސްޕިޓާލިޓީ އިނީޝިއޭޓިވް"ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމުގައި ފުރުސަތު ދޭނީ 20 ޒުވާނުންނަށެވެ. ހޮސްޕިޓަލިޓީ އިން ސެޓްފިކެޓް ތިނެއްގެ މި ޕްރޮގްރާމަކީ 15 ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދާ ކޯހެއް ކަމަށް ވިލާ ކޮލެޖުން ބުންޏެެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް މި ސްކޮލަޝިޕަށް ފޯމް ހުށަހަޅޭނެ އެވެ.

މި ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ އަދި އިންޓާންޝިޕް ފުރިހަމަކުރަން ދަރިވަރުން މަސައްކަތް ކުރާނެ ރިސޯޓުތައް ހަމަޖެއްސުމާއި ކޯހުގެ މުއްދަތުގެ ތެރޭގައި އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ދޭނެ ކަމަށް ޔުނިވާސަލް އިން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވިދާޅުވީ ވިލާ ކޮލެޖާއި އެ ފައުންޑޭޝަންގެ އޮފީހުން ވެސް ސްކޮލަޝިޕަށް ފޯމް ހުށަހެޅޭނެ ކަމަށެވެ. އަދި ކޯހަށް ދަރިވަރުން ހޮވާނީ، ކޮލެޖާއި ޔުނިވާސަލްގެ ޕެނަލް އަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދަން ދަރިވަރުންގެ އެއްބާރުލުން ވެސް ބޭނުންވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖު ރެކްޓަރު ޑރ. އަންވަރު ވިދާޅުވީ މިއީ ޓޫރިޒަމްގެ ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ފަހިވި ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ވީ އެންމެ ރަނގަޅަކަށް ހިފުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.