Roadha Mihaaru
މި މަސް ތެރޭ ކޮވިޑް ވެކްސިން ގެންނަން މަސައްކަތްކުރަނީ

މި މަހުގެ ތެރޭގައި ކޮވިޑް ވެކްސިން ގެންނަން އެބަ މަސައްކަތްކުރަން: މިނިސްޓަރު

12 ޖެނުއަރީ 2021

މި މަހުގެ ތެރޭގައި ކޮވިޑް ވެކްސިން ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި މަހުގެ ތެރޭގައި ކޮވިޑް ވެކްސިން ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިން މި މަސް ނިމުމުގެ ކުރިން ގެނައުމަށް މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އެހެންވެ އެންމެ ފުރަތަމަ ގެންނަން މަސައްކަތް ކުރަނީ ކޮން ވެކްސިނެއް ކަމެއް ސާފެއް ނުވެ އެވެ.

އެކަމަކު ރާއްޖެއަށް ބޭނުންވާ ވެކްސިން ގެންނަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ނިންމާފައިވާކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މިދިޔަ ޑިސެމްބަރު 31 ގައި ނެރުއްވި ގަރާރުގައި ވިދާޅުވީ، ބަލިން ރައްކާތެރިވާ ވެކްސިން ހޯދަން ސޮއިކުރަން ނިންމީ، އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާ ކަމަށެވެ.

އެސްޓްރާޒެނެކާ އަކީ އޮކްސްފޯޑު ޔުނިވާސިޓީއާ ގުޅިގެން ވެކްސިން އުފެއްދި ކުންފުންޏެވެ. އެ ވެކްސިން ބޭނުންކުރަން އިނގިރޭސިވިލާތުގެ ރަސްމީ އިދާރާތަކުން މިދިޔަ މަހުގެ ފަހުކޮޅު ހުއްދަ ދީފައި ވެ އެވެ. އެއާއެކު، ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމުގައި މިދިޔަ ހޯމަ ދުވަހު ވެކްސިން ޖަހަން ފަށާފައި ވެ އެވެ.

ގަރާރުގައި އަމީރު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް ވެސް ބޭނުން ޖެހިފައިވާ ވެކްސިނަކަށް ވުމުން ވަކި ބައެއްގެ ފަރާތުން ނޫނީ މި ވަގުތު އެ ލިބެން ނެތް ކަމަށެވެ. ކޮވިޑުން ދިވެހިން ރައްކާތެރިކުރަން ބޭނުންވާ ވެކްސިން ހޯދަން އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ކޮވިޑްގެ ކަންކަމުގައި ޓެކްނިކަލް ލަފާ ދެމުން އަންނަ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ހައި ރިސްކު މީހުންނަށާއި އާންމު ޚިދުމަތުގައި މަސައްކަތް ކުރާ ފްރަންޓްލައިން މުވައްޒަފުންނަށެވެ.

އޮކްސްފޯޑް ވެކްސިންގައި ބޭނުންކޮށްފައި ވަނީ ރާމާމަކުނަށް އަރިދަފުސް ރޯގާ ޖައްސާ ވައިރަސްއެކެވެ. އެ ވައިރަސްގެ ތެރެއަށް ކޮރޯނާވައިރަސްގެ ބޭރުގައި ކަށިތަކެއްގެ ގޮޮތަށް އުފެދިފައި ހުންނަ ޕްރޮޓީންގެ ބައި ލަ އެވެ.