Roadha Mihaaru
އޮޒިލްގެ ޝައުގުވެރިކަން ތުރުކީ އާއި އެމެރިކާ އަށް

އޮޒިލްގެ ޝައުގުވެރިކަން ތުރުކީ އާއި އެމެރިކާ އަށް

12 ޖެނުއަރީ 2021

ލަންޑަން (ޖެނުއަރީ 12) - ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން ކުޅެން ބޭނުންވަނީ ތުރުކީ ނުވަތަ އެމެރިކާގެ ކްލަބްތަކަށް ކަމަށް އާސެނަލްގެ ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފި އެވެ.

ލަންޑަން (ޖެނުއަރީ 12) - ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން ކުޅެން ބޭނުންވަނީ ތުރުކީ ނުވަތަ އެމެރިކާގެ ކްލަބްތަކަށް ކަމަށް އާސެނަލްގެ ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފި އެވެ.

މި ވަގުތު އާސެނަލް ކޮންޓްރެކްޓެއްގައި ހުރި ނަމަވެސް އޮޒިލް އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މިދިޔަ މާޗް މަހު ހަތް ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން ތިން މަސް ދުވަހަށް ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ހުއްޓާލުމަށް ފަހު އަލުން ފެށި ފަހުން އާސެނަލްގެ ޓީމުން އޮޒިލަށް ފުރުސަތެއް ނުލިބެ އެވެ. ކުރިން ޓީމުގެ ބެންޗުން ކޮންމެވެސް ވަރަކަށް ފުރުސަތު ލިބުނު ނަމަވެސް ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގު ސްކޮޑުން ބާކީކުރުމުން އޮޒިލް މިހާރު ކުޅެން ޖެހިފައިވަނީ 23 އަހަރުން ދަށުގެ (ރިޒާވް ޓީމު) އަށެވެ.

މި މަހުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި އޮޒިލް އަށް އާސެނަލް ދޫކޮށްލެވެން އޮތީ ޓްރާންސްފާ ފީއަކާ އެކީ އެވެ. އެއީ އާސެނަލާ އެކު އޮޒިލް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ ޖޫން މަހުގެ ނިޔަަލަށް ކަމަށްވާތީ އެވެ. މި ސީޒަން ނިމެންދެން އާސެނަލްގައި މަޑުކޮށްފިނަމަ އެއްވެސް ޓްރާންސްފާ ފީއަކާ ނުލައި އޮޒިލް ބޭނުން ޓީމަކަށް އޭނާ އަށް ގުޅެވޭނެ އެވެ.

ތުރުކީގެ ފެނަބާޗޭ އަށް ބަދަލުވާން އޮޒިލް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާގައި ވާހަކަ ދެކެވެމުންދާއިރު، އޮޒިލް ވަނީ ސީދާ އެކަމާ ބެހޭގޮތުން ރަަސްމީ މީޑިއާގައި ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. އެކަމަކު ދާދި ފަހުން އޮޒިލް ވަނީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ސޯޝަލް މިޑިއާގައި ވާހަކަ ދައްކައިފަ އެވެ.

"ޖަރުމަނުގައި އަހަރެން އުޅެ ބޮޑުވި ނަމަވެސް އަހަންނަކީ ތުރުކީ ދަރިފަސްކޮޅަށް ނިސްބަތްވާ މީހެއް. އަހަންނަކީ އޭރު ވެސް ފެނަބާޗޭ ސަޕޯޓަރެއް. ފެނަބާޗޭ އަކީ ތުރުކީގެ ރެއާލް މެޑްރިޑް. ތުރުކީގެ އެންމެ ބޮޑު ކްލަބް،" ސޯޝަލް މީޑިއާގައި އޮޒިލް ބުންޏެވެ.

"އަހަރެން ރިޓަޔާކުރުމުގެ ކުރިން ފުޓްބޯޅަ ކުޅެން ބޭނުންވާ ދެ ގައުމެއް އެބަވޭ. އެއީ ތުރުކީ އާއި އެމެރިކާ. ތުރުކީ އަށް ގޮސްފިއްޔާ އަހަރެން ބޭނުމީ ފެނަބާޗޭ އަށް ކުޅެން،"

ޖަރުމަނުގެ ޝާލްކާ އިން 2006 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި އޮޒިލް ދެން ބަދަލުވީ ވާޑާ ބްރެމެން އަށެވެ. އެ ޓީމަށް 2008 އިން 2010 ވަނަ އަހަރާ ހަމައަށް ކުޅުނެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ޖަރުމަނު ޓީމުގައި ހިމެނި އޮޒިލް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރެއާލް މެޑްރިޑުން އޮޒިލްގެ ސޮއި ހޯދި އެވެ. އެ ޓީމަށް ކުޅެދިން ތިން އަހަރު ތެރޭގައި އޮޒިލް ވެފައިވަނީ ޔޫރަޕްގެ އެންމެ ނުފޫޒުގަދަ މިޑްފީލްޑަރުންގެ ތެރޭގަ އެވެ. އޭނާ މިހާރު ކުޅެމުން އަންނަ އާސެނަލަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ.