Roadha Mihaaru
އޮޒިލްގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

ވާހަކަތައް ގިނަވެ އޮޒިލްގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

14 އޯގަސްޓް 2020

އިސްތަންބޫލް (އޮގަސްޓް 14) - މީޑިއާއިންނާއި ފުޓްބޯޅައިގެ އެކި މީހުން އޭނާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ގިނަ ވާހަކަތައް ފަތުރާތީ އާސެނަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި މެސެތު އޮޒިލް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އިސްތަންބޫލް (އޮގަސްޓް 14) - މީޑިއާއިންނާއި ފުޓްބޯޅައިގެ އެކި މީހުން އޭނާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ގިނަ ވާހަކަތައް ފަތުރާތީ އާސެނަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި މެސެތު އޮޒިލް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ފުޓްބޯޅަ އަލުން ފެށި ފަހުން އާސެނަލް ޓީމުން އޮޒިލް އަށް ފުރުސަތެއް ނުދެ އެވެ. އޮޒިލަށް ޖާގަ ނުދެނީ އަނިޔާގެ ސަބަބުން ކަމަށް މީޑިއާގައި އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނި ނަމަވެސް އޮޒިލް ދިޔައީ އޭނާ ފިޓް ކަމަށް ބުނަމުންނެވެ. ފަހުން އޮޒިލް މެޗުތަކަށް ނަގާ ސްކޮޑުގައި ވެސް ނުހިމެނި އިރު އޭނާ އާއި އާޓެޓާގެ ގުޅުން މީޑިއާގައި ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވާހަކަ ފެތުރުނެވެ. އަދި ދާދި ފަހުން އިނގިރޭސި މީޑިއާ ރިޕޯޓްތަކަށް ބަލާއިރު އާސެނަލުން އޮތީ އޮޒިލްގެ ކޮންޓްރެކްޓްގައި ބާކީ އޮތް އަހަރަށް ވާ މުސާރަ ދިނުމަށް ފަހު އޭނާ ދޫކޮށްލަން ނިންމައިފަ އެވެ.

ދި އެތުލެޓިކް ނޫހަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޮޒިލް ވަނީ މިހާރު އޭނާ އަށް ދިމާވެފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަތައް ދައްކައިފަ އެވެ. ފުރަތަމަ ކަމަކަށް އޮޒިލް ބުނީ އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ އޭނާ ކަމަށާއި އަދިވެސް ހުރީ އާސެނަލާ އެކު ކުރިއަށް ދާން ކަމަށެވެ.

"އަހަރެން މި ކްލަބްގައި މި ހުންނަނީ މި ޓީމަށް ކުޅޭ ހިތުން. މީގެ ކުރިން ވެސް އަހަންނަށް މި ކްލަބްގައި ކަންތައްތަކެއް ދިމާވި. އެކަމަކު އަހަރެން އެނބުރި އައިސް ޓީމުން ފުރުސަތު ހޯދައި އަހަރެންގެ ބޭނުން ހިފޭނެކަން ސާބިތުކޮށްދިނިން. އަދިވެސް މި ހުރީ އެކަން ދެ ވަނަ ފަހަރަށް ކުރަން ތައްޔާރަށް،" އާސެނަލްގެ ކުރީގެ ކޯޗު އުނާއި އެމެރީ އޭނާ ބާކީކޮށްފައި ހުރި ހުރުމަށް އިޝާރާތްކޮށް އޮޒިލް ބުންޏެވެ.

އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކީ އުމުރުން 31 އަހަރުގެ އޮޒިލް އެވެ. ހަފްތާއަކު 458،000 ޑޮލަރު ލިބޭ މުސާރައެއްގައި އޮޒިލް ހުރިއިރު، ކޮވިޑް-19ގެ ސަބަބުން މިދިޔަ އޭޕްރީލް މަހު އާސެނަލް ކުޅުންތެރިންގެ މުސާރައިން 12.5 ޕަސެންޓް ކުޑަކުރަން ހުށަހެޅުމުން އޮޒިލް އެކަމަށް އިންކާރުކުރި އެވެ. އޮޒިލްގެ ނަޒަރުގައި އާސެނަލް އާއި އޭނާއާ ދެމެދު މައްސަލަ ޖެހުނު ހިސާބަކީ އެއީ ކަމަށް ވެދާނެ އެވެ.

"އަހަރެން އެކަމަށް އެއްބަސް ނުވީ ބޭނުންވި ގިނަ ސުވާލުތަކެއްގެ ޖަވާބު ނުލިބޭތީ. އަހަންނާ ދެކޮޅަށް އެޖެންޑާއެއް މިދިޔަ ދެ އަހަރު ގިނަ ބަޔަކު ހިންގި. އެއީ އަހަންނަށް ހިތްހަމަޖެހުމެއް ލިބުނަނުދީ އަހަރެން ހަލާކުރުމުގެ ވިސްނުމުގައި އަންނަ ރޭވުމެއް. މީހުން އަހަރެންގެ އަގުވައްޓާލަން ދައްކާ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް. މި ކްލަބް [އާސެނަލް] ދޫކޮށްލަން ނިންމާނީ އަހަރެން. އެއީ މީހަކު މަޖުބޫރުކުރުވައިގެން ކުރާނެ ކަމެއް ނޫން،" ހިތްހަމަނުޖެހިފައި ހުރެ އޮޒިލް ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު އޮޒިލް ވަނީ ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގައި މުސްލިމް މައިނޯރިޓީ އުއިގޫރް މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޗައިނާ އަށާއި މުސްލިމް ގައުމުތައް ހަނުތިބޭތީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ. އެކަމުގައި އާސެނަލުން ވަނީ އޮޒިލް ކުރި ކަންތައް ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.

އޮޒިލް ބުނީ އުއިގޫރް ކަންތައްތަކުގައި އާސެނަލުން އޭނާ ދިފާއުކުރަން މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ބުނީ އެމެރިކާގެ ކަޅު ނަސްލު މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލުމުން ބްލެކް ލައިވްސް މެޓާ ކެމްޕެއިން ހިންގުމުގައި އާސެނަލުން ސަޕޯޓް ދިން ގޮތަށް އުއިގޫރްގެ މުސްލިމުންގެ ދިފާއުގައި ވެސް ބަސް ބުނެވެންވާނެ ކަމަށެވެ.

"އަހަރެން އެ ފަހަރު [އުއިގޫރު މައްސަލ] ވާހަކަ ދެއްކީ މުސްލިމުންގެ ހައްގުގައި. އެއީ ޗައިނާއާ ދެކޮޅަށް ސިޔާސީ ކަމެއްގައި ބައިވެރިވީއެއް ނޫން. ބްލެކް ލައިވްސް މެޓާ ކެމްޕެއިނެއް ގޮތަށް ކަޅު ނަސްލުގެ މީހުންގެ ދިފާއުގައި ވާހަކަ ދައްކާއިރު މުސްލިމުންގެ ދިފާއުގައި ވެސް އާސެނަލަށް ވާހަކަ ދެއްކެންވާނެ ކަމަށް އަހަރެން ގަބޫލުކުރަނީ. އެއީ އާސެނަލްގައި އެބަ ތިބި ވަރަށް ގިނަ މުސްލިމް ކުޅުންތެރިން. އާސެނަލަށް ސަޕޯޓްކުރާ ގިނަ މުސްލިމުންތަކެއް ވެސް އެބަ ތިބި. އެހެންވީމަ އެބަ ޖެހޭ މުސްލިމް ލިވްސް މެޓާއޭ ވެސް ބުނަން. އެކަމަށް ވެސް ބާރުއަޅަން،" ތުރުކީގެ މުސްލިމް ދަރިކޮޅަށް ނިސްބަތްވާ އޮޒިލް ބުންޏެވެ.

"އިންސާފުގެ ވާހަކަ ދައްކާއިރު ވަކި ކުލައެއްގެ ބަޔަކަށް، ވަކި ދީނެއްގެ ބަޔަކަށް ވަކި ގޮތެއް ހަދައިގެން ނުވާނެ."

އޮޒިލް އަކީ، މުސްލިމުންގެ ހައްގުގައި ވާހަކަދައްކާ ލީޑަރެއް ކަމަށްވާ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ގާތް އެކުވެރިޔެކެވެ. ރަޝިއާގައި 2018 ގައި އޮތް ވޯލްޑް ކަޕްގެ ދުވަސްކޮޅެއް ކުރިން އުރުދުޣާންއާ އެކު ފޮޓޯއެއް ނެގުމުން އޮޒިލްއަށް ޖަރުމަނުގެ ފާޑުކިޔުން އަމާޒުވި އެވެ. ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވި ޕްރެޝަރުތަކަށް ފަހު އެންމެ ފަހުން އޭނާ ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ވެސް ހުއްޓާލައިފަ އެވެ.

އޮޒިލް އާސެނަލާ ގުޅުނީ ރެއާލް މެޑްރިޑް ދޫކޮށް 2013 ގަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލުން އޮޒިލް ދޫކޮށްލަން ނިންމާފައިވާއިރު، ދާދި ފަހުން އޭނާގެ އޭޖެންޓް ވަނީ ތުރުކީގެ ގަދަބާރު ފެނަބާޗޭއާ އެކު މަޝްވަރާތަކެއް ވެސް ބާއްވައިފަ އެވެ.