Roadha Mihaaru
އޮޒިލްއާ މެދު ބޭއިންސާފެއް ނުވަން: އާޓެޓާ

އޮޒިލްއާ މެދު ބޭއިންސާފެއް ނުވަން: އާޓެޓާ

31 އޮކްޓޯބަރ 2020

ލަންޑަން (އޮކްޓޫބަރު 31) - އާސެނަލްގެ މި ސީޒަނުގެ ޔޫރޮޕާ ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ ސްކޮޑުން މެސުޓް އޮޒިލް ބާކީކުރީ އޭނާ އަށް ވެސް އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ފުރުސަތުތަކެއް ދީފައި ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ލަންޑަން (އޮކްޓޫބަރު 31) - އާސެނަލްގެ މި ސީޒަނުގެ ޔޫރޮޕާ ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ ސްކޮޑުން މެސުޓް އޮޒިލް ބާކީކުރީ އޭނާ އަށް ވެސް އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ފުރުސަތުތަކެއް ދީފައި ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އޮޒިލް އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މިދިޔަ މާޗް މަހު ހަތް ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން ތިން މަސް ދުވަހަށް ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ހުއްޓާލުމަށް ފަހު އަލުން ފެށި ފަހުން އާސެނަލްގެ ޓީމުން އޮޒިލަށް ފުރުސަތެއް ނުލިބެ އެވެ. ކުރިން ޓީމުގެ ބެންޗުން ފުރުސަތު ކޮންމެވެސް ވަރަކަށް ލިބުނު ނަމަވެސް ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގު ސްކޮޑުން ބާކީކުރުމުން އޮޒިލް މިހާރު ކުޅެން ޖެހިފައިވަނީ 23 އަހަރުން ދަށުގެ (ރިޒާވް ޓީމު) އަށެވެ.

ދާދި ފަހުން ޓީމުން ބާކީކުރި މައްސަލައިގައި އޮޒިލް ބުނީ އެނގިގެން ދިޔައީ ކްލަބަށް ވަފާތެރިވުމުގެ ފައިދާއެއް ނުލިބުނުކަން ކަމަށެވެ. އޮޒިލްގެ އެ ވާހަކަތަކަށް އާޓެޓާ ވަނީ ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޖަވާބުދީފަ އެވެ. އާޓެޓާ ބުނީ އޭނާ އަށް ވީ ވަރަކުން އޮޒިލަށް ފުރުސަތު ދިން ކަމަށެވެ.

"އަހަންނަށް ބުނެވޭނީ އަހަރެން އޭނާ އަށް ދެވެން އޮތް ހުރިހާ ފުރުސަތެއް ދިނިން. އަހަރެންގެ އަމިއްލަ ނިންމުމެއްގެ ވާހަކަ ދައްކާނަމަ ބުނެވޭނީ ވަރަށް ކެތްތެރިކަމާ އެކު އޮޒިލް އަށް ފުރުސަތު ދެމުން އައިސް އެންމެ ފަހުން އޭނާ ބާކީކުރަން ޖެހުނީ. އަހަރެން އޭނާއާ މެދު ބޭއިންސާފުން ކަމެއް ނުކުރަން،" އޮޒިލްއާ އެކު ކުރިން އާސެނަލަށް ކުޅުނު އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ އޮޒިލަކީ އަދިވެސް އާސެނަލަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމަށާއި ފާއިތުވި އަހަރުތަކުގައި މި ޓީމަށް އޭނާގެ އެހީގައި ގިނަ ކާމިޔާބީތަކެއް ލިބިފައިވާކަން ގަބޫލުކޮށް އެކަމަށް އިހުތިރާމްކުރާ ކަމަށެވެ. އެކަމަކު ކޯޗެއްގެ ހައިސިއްޔަތުން މި ވަގުތު ޓީމަށް އެންމެ ރަނގަޅު ނިންމުން ނިންމަން ޖެހޭ ކަމަށާއި އޮޒިލް ބާކީކުރީ ދިން ފުރުސަތުތަކުގެ ބޭނުން އޮޒިލް ނުހިފުމުން ކަމަށް އޭނާ ބުންޏެވެ.

"މިއީ އަހަރެން ކުރަން ބޭނުންވާ ކަންތައް. އަހަރެން ބޭނުންވަނީ މީހުންނަށް ބޭނުންވާ ތެދު ޖަވާބު ފޯރުކޮށްދޭން. ގަބޫލުކުރިޔަސް ނުކުރިޔަސް އަހަންނަށް ކުރެވޭނެ ކަމެއް ނެތް. މިއީ އަހަރެންގެ ނިންމުމާ ގުޅޭގޮތުން ދޭން ހުރި ޖަވާބުތައް. އަހަރެން އޮޒިލް އަށް ފުރުސަތު ދިނިން،" ކުރިން މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރި އާޓެޓާ ބުންޏެވެ.

ތުރުކީ އާއި ޔޫރަޕްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އާސެނަލުން އޮޒިލް ބާކީކުރުމުގެ ފަހަތުގައި ފުޓްބޯޅައިގެ ބޭރުގެ ސަބަބުތަކެއް ވުމުގެ ތުހުމަތުކުރެވެ އެވެ. މިދިޔަ ޑިސެމްބަރު މަހު އޮޒިލް ވަނީ ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގައި މުސްލިމް މައިނޯރިޓީ އުއިގޫރް މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޗައިނާ އަށާއި މުސްލިމް ގައުމުތައް ހަނުތިބޭތީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ. އެކަމުގައި އާސެނަލުން ވަނީ އޮޒިލް ކުރި ކަންތައް ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.

މިދިޔަ އޮގަސްޓް މަހު އޮޒިލް ވަނީ މީޑިއާގައި ދެއްކި ވާހަކައިގައި އުއިގޫރް ކަންތައްތަކުގައި އާސެނަލުން އޭނާ ދިފާއުކުރަން މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ބުނީ އެމެރިކާގެ ކަޅު ނަސްލު މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލުމުން ބްލެކް ލައިވްސް މެޓާ ކެމްޕެއިން ހިންގުމުގައި އާސެނަލުން ސަޕޯޓް ދިން ގޮތަށް އުއިގޫރްގެ މުސްލިމުންގެ ދިފާއުގައި ވެސް ބަސް ބުނެވެންވާނެ ކަމަށެވެ.

އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހަފްތާ އަކު 458،000 ޑޮލަރުގެ މުސާރަ ލިބޭ ގޮތަށް ހުރި އޮޒިލް އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. މި ފަހަރުގެ ޓްރާންސްފާގައި އާސެނަލުން އޮޒިލް ދޫކޮށްލެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އޭނާ އެހެން ޓީމަކާ ނުގުޅުނީ އާސެނަލްގެ ކޮންޓްރެކްޓް ފުރިހަމަކުރަން ބޭނުންވާ ކަމަށް ބުނުމަށް ފަހު އެވެ.