Roadha Mihaaru
ޓްރަމްޕް މަގާމުން ދުރުކުރުމުގެ ފުރަތަމަ ވޯޓު މިއަދު

ޓްރަމްޕް މަގާމުން ދުރުކުރުމުގެ ފުރަތަމަ ވޯޓު މިއަދު

11 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 11) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރުމުގެ ކުރިން އޭނާ މަގާމުން ދުރުކުރުމުގެ ޕްލޭން ކޮންގްރެސްގެ ދަށުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީ، ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 11) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރުމުގެ ކުރިން އޭނާ މަގާމުން ދުރުކުރުމުގެ ޕްލޭން ކޮންގްރެސްގެ ދަށުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީ، ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރައްވައިފި އެވެ.

ހައުސްގެ މެންބަރުން ވޯޓުލާނީ ރައީސް ޓްރަމްޕުގެ ބާރުތައް ނައިބް ރައީސް މައިކް ޕެންސްއާ ހަވާލު ކުރުމަށް ބާރުދޭ ގަރާރަށެވެ. އޭގެ ފަހުން ހައުސްގެ ޑިމޮކްރެޓިކް މެންބަރުން ވައްދާނީ، ގާނޫނު ހަދާ މަޖިލީހުގެ ޗެމްބަރަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުމަށް ޓްރަމްޕް ހިތްވަރު ދެއްވި މައްސަލަ އެވެ. ހައުސް އޮފް ރެޕްޒެންޓެޓިވްސްގައި ފުރަތަމަ ވޯޓު މިއަދު ނަގާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ މާއްދާގެ ދަށުން ރައީސްގެ ބާރުތަކާ ނައިބް ރައީސް ޕެންސް ހަވާލުވުމުގެ ގަރާރު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ޕެލޯސީ އާދިއްތަ ދުވަހު ވަނީ ހިއްސާ ކުރައްވައިފަ އެވެ. ގަރާރު ފާސްކޮށްފި ނަމަ ވަގުތީ ގޮތުން ރައީސްކަމާ ޕެންސް ހަވާލުވެވަޑައިގަތުމަށްޓަކައި ޓްރަމްޕް ވައިޓް ހައުސް އިން ބޭރުކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

މެންބަރުންނަށް ޕެލޯސީ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިއީ ޓްރަމްޕް މަގާމުން ދުރުކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށާއި އެގޭ ފަހުން އެމަނިކުފާން އިމްޕީޗް ކުރުމުގެ މަރުހަލާތައް ހައުސްގެ ތަޅުމުގައި ކުރިއަށްދާނެ ކަމަށެވެ.

"ގާނޫނު އަސާސީ އާއި ޑިމޮކްރެސީ ހިމާޔަތް ކުރުމުގެ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ. ސަބަބަކީ މި ރައީސް އަކީ ގާނޫނު އަސާސީ އާއި ޑިމޮކްރެސީ އަށް ވެސް ހުރި ނުރައްކަލަކަށްވާތީ،" ޕެލޯސީ ވިދާޅުވި އެވެ.

ސައުތު ކެރޮލައިނާގެ ކޮންގްރެސްގެ މެންބަރު ޖޭމްސް ކްލައިބާން އަދި ޖޯ ބައިޑަން. --ފޮޓޯ:ގެޓީ އިމޭޖަސް

ސައުތު ކެރޮލައިނާގެ ކޮންގްރެސްގެ މެންބަރު ޖޭމްސް ކްލައިބާން އަދި ޖޯ ބައިޑަން. --ފޮޓޯ:ގެޓީ އިމޭޖަސް

ހައުސްގެ ވިޕް އަދި ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ޖޭމްސް ކްލައިބާން ވިދާޅުވީ ޓްރަމްޕް އިމްޕީޗްކުރުމުގެ ލިޔުން މި ހަފުތާގައި ހުށަހަޅާނެ ކަމަށެވެ. ނަމަވެސް ޓްރަމްޕުގެ އިމްޕީޗްމަންޓް މައްސަލަ ސެނެޓަށް ފޮނުވާނީ ޖެނުއަރީ 20 ގައި ރައީސްކަމުގެ ހުވާ ކުރައްވާ ޖޯ ބައިޑަންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ ބައިޑަންގެ އެޖެންޑާ ކުރިއަށް ގެންދަން އެމަނިކުފާނަށް ވެސް ފުރުސަތު ދެއްވުން ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ބައިޑަންގެ ކެބިނެޓް ސެނެޓުން ފާސްކުރުމާއި ކޮރޯނާވައިރަހާ ދެކޮޅަށް ފިޔަވަޅު އެޅުން ފަދަ ކަންކަމާ ގުޅޭ ސިޔާސަތު ސެނެޓުން ފާސްކުރުމަށް ވަގުތު ދިނުން ހިމެނެ އެވެ. ޓްރަމްޕް އިމްޕީޗް ކުރުމުގެ މައްސަލަ ސެނެޓަށް ވައްދައިފި ނަމަ ބައިޑަންގެ އެޖެންޑާ އަށް މަޑުޖެހުމެއް އަންނާނެ އެވެ.

އެމެރިކާގެ ކޮންގްރެސްގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް (ދަށުގެ) އަދި ސެނެޓް (މަތިގެ) ގެ އަޣުލަބިއްޔަތު ލިބިފައި ވަނީ ޑިމޮކްރެޓިކް ޕާޓީއަށެވެ. އެކަމަކު ސެނެޓުން ރައީސަކު އިމްޕީޗް ކުރެވެނީ ތިންބައިކުޅަ ދެބައި ވޯޓުންނެވެ.

އެމެރިކާގެ މި ޒަމާނުގެ ތާރީހުގައި ވެސް ނުހިނގާ ވަރުގެ ބޮޑު ހަމަނުޖެހުމަކާއި ރައީސެއްގެ ފަރާތުން ފެނިފައިނުވާ ހަރުކަށި އަމަލުގެ ސަބަބުން، ރައީސްކަމުން ޓްރަމްޕް ދުރުކުރަން، ރިޕަބްލިކަން ޕާޓީގެ ހައުސްގެ މެންބަރުންނާއި ސެނެޓަރުން ވެސް ހަރުކަށި އިބާރާތުން ގޮވާލައްވަމުން އެބަ ގެންދަވަ އެވެ. ނަމަވެސް ސެނެޓުގައި ޓްރަމްޕް ކުށްވެރި ކުރަން ވޯޓު ދެއްވާނެ ކަމަށް ރިޕަބްލިކަން ޕާޓީގެ އެއްވެސް ސެނެޓަރަކު އަދި މިހާތަނަށް ވިދާޅުވެފައެއް ނުވެ އެވެ.

ހަމަނުޖެހުންތަކަށް މަގުފަހިވާ މެސެޖްތައް ދެއްވާތީ، ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުން ޓްރަމްޕް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެހެންވެ މަގާމުން ދުރުކުރަން އުޅޭ މައްސަލައިގައި ޓްރަމްޕުގެ ފަރާތުން ކޮމެންޓެއް ލިބިފައެއް ނުވެ އެވެ. ވައިޓް ހައުސް އިން ބުނެފައި ވަނީ ޓްރަމްޕް މަގާމުން ދުރުކުރުމުގެ ފަހަތުގައި ވަނީ ސިޔާސީ ރޭވުމެއް ކަމަށެވެ.

ޓްރަމްޕް އިމްޕީޗް ކުރުމުގެ މަރުހަލާތައް ކުރިއަށް ގެންގޮސްފި ނަމަ އެއީ އެމެރިކާގެ ތާރީޚުގައި ދެ ފަހަރަށް އިމްޕީޗްކުރާ ފުރަތަމަ ރައީސް އެވެ.