Roadha Mihaaru
ހެކިބަސް ދިން އޮފިޝަލަށް ވައިޓްހައުސްގެ ފާޑުކިޔުން

ޓްރަމްޕް އިމްޕީޗްމަންޓް: ހެކިބަސް ދިން އޮފިޝަލަށް ވައިޓްހައުސްގެ ފާޑުކިޔުން

20 ނޮވެމްބަރ 2019

ވޮޝިންޓަން (ނޮވެމްބަރު 20) - ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައިގެން ސިޔާސީ ވާދަވެރިއަކަށް ރައީސް ޑޮނަލް ޑްޓްރަމްޕް ޕްރެޝަރު ކުރެއްވި މައްސަލައާ ގުޅިގެން ކޮންގްރެސް އިން ފަށާފައިވާ ތަހުގީގުގައި ރޭ ހެކިބަސް ދެއްވި ލެފްޓިނެންޓް ކާނަލް އެލެގްޒެންޑާ ވިންޑްމަން އަށް ވައިޓްހައުސް އިން ބަހުގެ ހަމަލާތައް ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔޫއެސް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީީ) ގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ވިންޑްމަން ވިދާޅުވީ ޓްރަމްޕް ކުރެއްވީ "އެކަށީގެންނުވާ" އަމަލެއް ކަމަށާއި އެކަމުން އޭނާ އަށް ޝޮކެއް ލިބިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑަށް އަޑުއިވުނު ވާހަކަތައް ގަބޫލް ކުރަން ދަތިވި،" ލެފްޓިނެންޓް ކާނަލް ވިދާޅުވި އެވެ.

ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޔުކްރޭން އެކްސްޕާޓް ލެފްޓިނެންޓް ކާނަލް އެލެގްޒެންޑާ ވިލްޑްމަން އަދި ނައިބް ރައީސް މައިކް ޕެންސްގެ ފޮރިން ސާވިސް އެޑްވައިޒަރު ޖެނިފާ ވިލިއަމްސް ހެކިބަސް ދެއްވަނީ. --ފޮޓޯ:އޭއެފްޕީ

އިރާގު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ވިލްޑްމަން ހެކިބަސް ދެއްވުމަށް ވަޑައިގެން އިންނެވީ ސިފައިންގެ ޔުނިފޯމުގަ އެވެ. ކޮންގްރެސްގެ މެންބަރުންގެ ސުވާލުތަކަށް އޭނާ ޖަވާބު ދެއްވަމުން ގެންދެވި އިރު ވައިޓް ހައުސްގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ހަމަ އެ ވަގުތު ވިލްޑްމަން އަށް ބަހުގެ ހަމަލާތައް ދީފަ އެވެ.

ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ޖުލައި 25 ވަނަ ދުވަހު ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ އަށް ފޯނުން ގުޅުއްވައި ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ތަހުގީގުކޮށްދޭން އެދިވަޑައިގަތް މައްސަލައިގަ އެވެ. ބައިޑަން ވަނީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނެވުމަށް ނިންމަވައިފަ އެވެ.

ހައުސްގެ އިންޓަލިޖެންސް ކޮމިޓީގައި ވިލްޑަމްން ވިދާޅުވީ ބައިޑަންގެ މައްސަލަ ތަހުގީގު ކުރެއްވުމަށް ޓްރަމްޕް ޑިމާންޑް ކުރެއްވުމުން އޭނާ ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ.

"ސިޔާސީ ވާދަވެރިއަކާ ދެކޮޅަށް އެފަދަ ޑިމާންޑެއް ކުރުމަކީ ރައީސަކު ކުރުން އެކަށީގެންވާ ކަމެއް ނޫން،" ކޮމިޓީގައި ވިލްޑްމަން ވިދާޅުވި އެވެ.

ރިޕަބްލިކަން މެންބަރު އޮހާޔޯގެ ޖިމް ޖޯޑަން ސުވާލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ރިޕަބްލިކަން މެންބަރު އޮހާޔޯގެ ޖިމް ޖޯޑަން ސުވާލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ލެފްޓިނެންޓް ކާނަލް ވިންޑްމަން އަކީ ޖުލައި 25 ވަނަ ދުވަހު ޓްރަމްޕް ކުރެއްވި ފޯން ކޯލް އަޑުއެއްސެވި ބޭފުޅެކެވެ. އޭނާ އަކީ ޔުރޭކޭނަށް އުފަން ބޭފުޅެކެވެ. ވިލްޑްމަން އާއި އޭނާގެ އާއިލާ ސޯވިއެޓް ޔޫނިއަން އިން އެމެރިކާ އަށް ބަދަލުވީ މީގެ 40 އަހަރު ކުރިންނެވެ.

ނައިބް ރައީސް މައިކް ޕެންސްގެ ފޮރިން ސާވިސް އެޑްވައިޒަރު ފެނިފާ ވިލިއަމްސް ވެސް ރޭ ވަނީ ހެކި ބަސް ދެއްވައިފަ އެވެ.

އިމްޕީޗްމަންޓް މަރުހަލާތައް ކުރިއަށްދާނީ ކިހިނެއް؟

ޓްރަމްޕުގެ މައްސަލަ ބަލާ ހައުސްގެ ހަ ކޮމިޓީގެ ހުށަހެޅުންތައް ޖުޑިޝަރީ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ. ޓްރަމްޕް ގޯހުން ކަމެއް ކުރައްވާފައިވާ ކަމުގެ ހެކި ސާބިތު ކުރެވިއްޖެ ނަމަ އިމްޕީޗްމަންޓް ވޯޓު ހައުސްގައި ނަގާނެ އެވެ. އިމްޕީޗްމަންޓް ފާސްކުރަން ބޭނުން ވަނީ ސިމްޕަލް މެޖޯރިޓީ ކަމަށްވާ 51 ޕަސެންޓެވެ. އެ އަދަދަށް ވޯޓު ލިބިއްޖެ ނަމަ ޓްރަމްޕް އިމްޕީޗް ކުރުމަށް ފަހު ސެނެޓުން މައްސަލަ ތަހުގީގު ކުރާނެ އެވެ. އެއަށް ފަހު ޓްރަމްޕް ކުށްވެރިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ސެނެޓުގައި ވޯޓު ނަގާނެ އެވެ. ސެނެޓުން ފާސްވާނީ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ނުވަތަ 67 ޕަސެންޓުންނެވެ. އެ އަދަދަށް ވޯޓު ލިބިއްޖެ ނަމަ ޓްރަމްޕް މަގާމުން ދުރުކޮށް ނައިބް ރައީސް ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.