Roadha Mihaaru
ޓްރަމްޕް އިމްޕީޗް ކުރަން ސެނެޓަށް ފޮނުވައިފި

ޓްރަމްޕް އިމްޕީޗް ކުރަން ސެނެޓަށް ފޮނުވައިފި

16 ޖެނުއަރީ 2020

ވޮޝިންޓަން (ޖެނުއަރީ 16) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ސެނެޓަށް ފޮނުވުމުގެ ގަރާރު ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ރޭ ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 16) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ސެނެޓަށް ފޮނުވުމުގެ ގަރާރު ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ރޭ ފާސްކޮށްފި އެވެ.

ގަރާރު ފާސްކޮށްފައި ވަނީ ޕާޓީ ލައިނަށް ބުރަވެ، 228-193 ވޯޓުންނެވެ. ހައުސްގެ ސްޕީކަ ނެންސީ ޕެލޯސޯ އާއި ޕްރޮސެކިއުޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ، ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެޓިކް މެންބަރުން ވަނީ އިމްޕީޗްމަންޓް އާޓިކަލްގައި ސޮއި ކުރައްވައިފަ އެވެ. ޓްރަމްޕް އިމްޕީޗްކުރަން ހައުސް އިން ފާސްކޮށްފައި ވަނީ ޑިސެމްބަރު 18 ގަ އެވެ.

ޓްރަމްޕް ކުށްވެރިކޮށް މަގާމުން ދުރުކުރާނީތޯ ނިންމާނީ އެމަނިކުފާނުގެ ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ.

ސެނެޓުގެ ލީޑަރު މިޗް މެކްކޯނެލް ވިދާޅުވީ ސެނެޓުގައި ޓްރަމްޕުގެ ޝަރީއަތް އަންގާރަ ދުވަހު ފަށާނެ ކަމަށެވެ. ސެނެޓުގެ ޝަރީއަތުގެ ރިޔާސަތު ބަލަހައްޓަވާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ.

އިމްޕީޗްމަންޓް އާޓިކަލް ސެނެޓަށް ހަވާލު ކުރުމަށް ހައުސްގެ ކްލާކް އަދި އިމްޕީޗްމަންޓް މެނޭޖަރުން ދަނީ. --ފޮޓޯ:އޭއެފްޕީ

އިމްޕީޗްމަންޓް އާޓިކަލް ސެނެޓަށް ހަވާލު ކުރުމަށް ހައުސްގެ ކްލާކް އަދި އިމްޕީޗްމަންޓް މެނޭޖަރުން ދަނީ. --ފޮޓޯ:އޭއެފްޕީ

ސެނެޓުގައި ޑިމޮކްރެޓިކް ޕާޓީން ޕްރޮސެކިއުޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ހަތް އިމްޕީޗްމަންޓް "މެނޭޖަރުން" މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެ ޓީމުގެ އިސް މެންބަރަކީ ހާވަޑް ޔުނިވާސިޓީން ގާނޫނީ ދާއިރާ އިން ކިޔަވާ ވިދާޅުވެގެން ހުންނެވި ވަކީލް، ހައުސްގެ އިންޓަލިޖެންސް ކޮމިޓީގެ ޗެއާމަން އެޑަމް ޝިފެވެ. އެ ޓީމުގައި ދެން ހިމެނެނީ ހައުސްގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާ ޖެރޯލްޑް ނަޑްލާ، ނިއު ޔޯކުގެ ހަކީމް ޖެފްރީސް، ކެލިފޯނިއާގެ ޒޯއެ ލޮފްގްރެން، ކޮލަރާޑޯގެ ޖޭސަން ކްރޯ، ފްލޮރިޑާގެ ވަލް ޑެމިންސް އަދި ޓެކްސަސްގެ ސިލްވިއާ ގާސިއާ އެވެ. ޓްރަމްޕުގެ ދިފާއީ ޓީމުގައި ހިމެނެނީ ވައިޓް ހައުސްގެ ވަކީލުން ކަމަށްވާ ޕެޓް ސިޕޮލޯން އަދި ޖޭ ސެކުލޯ އެވެ. ސެނެޓުގެ 100 މެންބަރުން ބަދަލުވާނީ ޖޫރީންނަށެވެ.

ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ޔޫކްރޭނުގެ ރައީސް އަށް މިދިޔަ ޖުލައި މަހު ފޯނުން ގުޅުއްވައި ސިޔާސީ ވާދަވެރިއެއް ކަމަށްވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންއާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި މައްސަލައިގަ އެވެ. ޓްރަމްޕް އިމްޕީޗް ކުރަން ހައުސް އިން ފާސްކުރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވުމާއި ކޮންގްރެސްގެ މަސައްކަތްތަކަށް ހުރަސް އެޅުއްވުމުގެ ކުށުގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ

ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވިކަމުގެ ކުށް، ޖުޑީޝަރީ ކޮމިޓީން ފާސްކޮށް، ހައުސްގެ ތަޅުމަށް ފޮނުވީ، އެމެރިކާގެ ކުރީގެ ނައިބް ރައީސް ބައިޑަންގެ ތަހުގީގެއް ހިންގަން، ޔުކްރެއިންގެ ރައީސަށް ޕްރެޝަރުކުރެއްވުމާއި، ޔުކްރެއިން އަށް ދޭން ކޮންގްރެސް އިން ފާސްކުރި 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ، އެ ތަހުގީގުކުރާނެކަން އާންމުކޮށް އިއުލާންކުރެއްވުމުގެ ކުރިން ހިފެހެއްޓެވުމެވެ.

ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުއްވިކަމުގެ ކުށް، އިމްޕީޗްމަންޓްގައި ހިމެނީ، އެ ތަހުގީގަށް ބޭނުންވާ ލިއެކިއުންތަކާއި ހާޒިރުކުރަން ބޭނުންވި ބައެއް ބޭފުޅުން، ކޮންގްރެސްގެ ކޮމިޓީތަކަށް ނުފޮނުއްވުމުންނެވެ.

ޓްރަމްޕް މަގާމުން ދުރުކުރެވޭނީ ސެނެޓުގެ 100 މެމްބަރުންގެ ވޯޓުގެ ތިން ބައިކުޅަ ދެ ބައި ޓްރަމްޕާ ދެކޮޅަށް ލައިފި ނަމަ އެވެ. އެކަމަކު ސެނެޓުގައި އޮތީ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތެވެ. ހާއްސަކޮށް ދެ ޕާޓީގެ ހިޔާލު އެހާ ބޮޑަށް ތަފާތުފައިވާ ދަނޑިވަޅެއްގައި ޓްރަމްޕާ ދެކޮޅަށް 67 ވޯޓު ހަމަވުން ވަރަށް ނާދިރެވެ. ސެނެޓްގެ މެޖޯރިޓީ، ރިޕަބްލިކަން ޕާޓީއަށް ލިބެނީ 53 މެމްބަރުންނާ އެކުގަ އެވެ. ޑިމޮކްރެޓިކް ޕާޓީގައި ތިއްބެވީ 45 މެމްބަރުންނެވެ. މިނިވަން ދެ މެމްބަރަކު ތިއްބަވަ އެވެ. އެ ދެ މެމްބަރުން އާންމުކޮށް ވޯޓު ދެއްވަނީ ޑިމޮކްރެޓިކް ޕާޓީން ބޭނުންވާ ގޮތަށެވެ.

އެމެރިކާގެ ތާރީޚުގައި މީގެ ކުރިން އިމްޕީޗްކުރީ ދެ ރައީސެކެވެ. އެއީ 1868 ގައި އެންޑްރޫ ޖޯންސަން އާއި 1998 ގައި ބިލް ކްލިންޓަނެވެ. އެ ދެ ބޭފުޅުން ވެސް ސެނެޓްގެ ޝަރީއަތުން ސަލާމަތްވެވަޑައިގަތެވެ. އެހެންކަމުން ރައީސްގެ މަގާމެއް ނުގެއްލެ އެވެ.

ރިޗަޑް ނިކްސަންއާ ދެކޮޅަށް އިމްޕީޗްމަންޓް ހުށައެޅުމުން، އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެވެ. އެއީ އެމެރިކާގެ ތާރީޚުގައި އިސްތިއުފާ ދެއްވި ހަމައެކަނި ރައީސެވެ.