Roadha Mihaaru
ޓްރަމްޕް މަގާމުން ދުރުކުރެވިދާނެތަ؟

ޓްރަމްޕް މަގާމުން ދުރުކުރެވިދާނެތަ؟

12 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 12) - އާ ރައީސް ޖޯ ބައިޑަން ޖެނުއަރީ 20 ގައި މަގާމާ ހަވާލުވެވަޑައިގަތުމާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެރިކަން ގެއްލޭނެ އެވެ. އެކަމަކު ޑިމޮކްރެޓިކުން، ޚާއްސަކޮށް ކޮންގްރެސްގެ ދަށުގެ، ހައުސް އޮފް ރެޕްޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީ ގެންދަވަނީ ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނުހަދާ މަޖިލީހުގެ ޗެމްބަރަށް ވަދެ ހިންގި ހަމަނުޖެހުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 12) - އާ ރައީސް ޖޯ ބައިޑަން ޖެނުއަރީ 20 ގައި މަގާމާ ހަވާލުވެވަޑައިގަތުމާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެރިކަން ގެއްލޭނެ އެވެ. އެކަމަކު ޑިމޮކްރެޓިކުން، ޚާއްސަކޮށް ކޮންގްރެސްގެ ދަށުގެ، ހައުސް އޮފް ރެޕްޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީ ގެންދަވަނީ ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނުހަދާ މަޖިލީހުގެ ޗެމްބަރަށް ވަދެ ހިންގި ހަމަނުޖެހުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޓްރަމްޕުގެ ޓާމް ނިމެން ހަފުތާއެއްހާ ދުވަހަށްވެފައިވީ ނަމަވެސް، ޑިމޮކްރެޓިކުން ބޭނުން ވަނީ ޓްރަމްޕާ ދެކޮޅަށް ފިޔަވަޅު އަޅާށެވެ. ކޮންގްރެސް ބައްދަލުވުމެއް ހިނގަމުން ދަނިކޮށް ޗެމްބަރަށް ވަދެ ހަމަނުޖެހުން ހިންގާ ފަސް މީހުން މަރުވި ހާދިސާގެ ޒިންމާ ޓްރަމްޕް އުފުއްލަވަން ޖެހޭނެ ކަމަށް ބުނާ ފަރާތްތަކުން ގެންދަނީ ވެރިކަމުން ވަކިވެވަޑައިގެންނެވި ނަމަވެސް ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުން ޓްރަމްޕް މަހްރޫމްކޮށް، ދެން ދުވަހަކު ވެސް ދައުލަތުގެ މަގާމަކަށް ނާދެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

ޓްރަމްޕާ ދެކޮޅަށް އެޅިދާނެ ފިޔަވަޅުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި:

ގާނޫނު އަސާސީގެ 25 ވަނަ އިސްލާހު

ކޮންގްރެސްގެ ހައުސްގެ ރައީސް ޕެލޯސީ އާއި ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝުމާ ވަނީ ރައީސްގެ މަގާމުން ޓްރަމްޕް ދުރުކުރުމަށް ނައިބް ރައީސް މައިކް ޕެންސާއި ކެބިނެޓުގެ މެންބަރުންގެ ކިބައިން އެދިފަ އެވެ. ސަބަބަކީ ދައުލަތާ އިކޮޅު އަމަލެއް ޓްރަމްޕް ހިންގާފައިވާތީ އެވެ. ޕެލޯސީ ފުރަތަމަ މަސައްކަތް ކުރެއްވީ 25 ވަނަ އިސްލާހުގެ ދަށުން ރައީސްގެ މަސްއޫލިއްޔަތުތައް ޕެންސާ ހަވާލު ކުރުމުގެ ގަރާރެއް ހައުސް އިން ފާސްކުރުމަށެވެ.

ގާނޫނު އަސާސީގެ 25 ވަނަ އިސްލާހުން ބާރު ލިބެނީ ރައީސަށް ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ވެރިކަމުގެ ޒިންމާތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ނައިބް ރައީސް ވަގުތީ ގޮތުން ރައީސްކަމާ ހަވާލުވުމަށެވެ. ފަންސަވީސް ވަނަ އިސްލާހުގެ ބޭނުން ޕެންސް ނުހިއްޕަވައިފި ނަމަ ޑިމޮކްރެޓިކް މެންބަރުން ދެން ވައްދާނީ ޓްރަމްޕް އިމްޕީޗް ކުރުމުގެ މައްސަލަ އެވެ.

ފަންސަވީސް ވަނަ އިސްލާހުގެ ސެކްޝަން ހަތަރެއްގައި ބުނާ ގޮތުން ވެރިކަމުގައި ބެހެއްޓުމަށް ޓްރަމްޕް ނުކުޅެދޭކަން ނައިބް ރައީސް އާއި ކެބިނެޓުގެ އަޣުލަބިއްޔަތުން ނިންމަން ޖެހެ އެވެ. ވެރިކަމުގައި ޓްރަމްޕް ބަހައްޓަން ކަމުނުދާ ކަމަށް ކެބިނެޓުގެ މަދުވެގެން އަށް މެންބަރުން ފާސްކުރަން ޖެހެ އެވެ. އެ ގޮތަށް ނިންމައި ނައިބް ރައީސް އާއި ކެބިނެޓުގެ އަޣުލަބިއްޔަތުން ސޮއިކޮށް، ހައުސްގެ ރައީސް އަށާއި ސެނެޓުގެ ރިޔާސަތަށް ސިޓީ ފޮނުވުމުން އޮޓޮމެޓިކުން ނައިބް ރައީސް އަށް ވެރިކަމުގެ ބާރުތައް ލިބޭނެ އެވެ. އެކަމާ ރައީސް ދެކޮޅު ހައްދަވާ ނަމަ ކޮންގްރެސް އަށް ލިޔުމުން ހުށަހަޅަން ޖެހެ އެވެ. އަދި ދެން ގޮތެއް ނިންމާނީ ކޮންގްރެސް އިންނެވެ. ރައީސް މަގާމުން ދުރުކުރުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގައި ނަގާ ކޮންމެ ވޯޓެއް ފާސްވާނީ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ.

އެ މައްސަލައިގައި ގޮތެއް ނިމެންދެން ރައީސްގެ ޒިންމާތަކާ ހަވާލުވާނީ ނައިބް ރައީސް އެވެ. ނަމަވެސް ޓްރަމްޕް މަގާމުން ދުރުކޮށް ވެރިކަމުގެ ބާރުތައް ހޯއްދެވުމުގެ އިޝާރާތެއް ޕެންސްގެ ފަރާތުން ލިބިފައެއް ނުވެ އެވެ.

އިމްޕީޗްމަންޓް

ވެރިކަމުގެ ބާރުތައް ނައިބް ރައީސް ޕެންސް ނުހޯއްދަވައިފި ނަމަ ޕެލޯސީ ގަސްދުކުރައްވާފައި ވަނީ ޓްރަމްޕް އިމްޕީޗް ކުރުމަށެވެ. ދެ ވަނަ ދައުރު ކާމިޔާބު ކުރެއްވުމަށް ޔޫކްރޭނުގެ އެހީ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 2019 ވަނަ އަހަރު ވެސް ޓްރަމްޕް ވަނީ އިމްޕީޗްކޮށްފަ އެވެ. ނަމަވެސް ޓްރަމްޕް ކުށްވެރިވާ ކަމަށް ސެނެޓުން ފާސްވެފައެއް ނުވެ އެވެ. އިމްޕީޗްމަންޓް މައްސަލަ ހުށަހަޅައިފި ނަމަ ޓްރަމްޕް ވެގެންދާނީ އެމެރިކާގެ ތާރީޚުގައި ވެސް ދެ ފަހަރަށް އިމްޕީޗްކުރާ ފުރަތަމަ ރައީސް އަށެވެ.

ޓްރަމްޕް އިމްޕީޗް ކުރުމަށްޓަކައި މައްސަލަ ހައުސް އަށް ހުށަހަޅައި ފާސްކުރަން ޖެހެ އެވެ. އޭގެ ފަހުން ސެނެޓަށް ހުށަހަޅައި ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރަން ޖެހެ އެވެ. ސެނެޓުގެ ވޯޓުން ޓްރަމްޕް ކުށްވެރިވާ ކަމަށް ފާސްކޮށްފި ނަމަ ދައުލަތުގެ މަގާމެއް ޓްރަމްޕަށް ދެން އަދާނުކުރެވޭ ގޮތަށް ސެނެޓުން ފާސްކުރެވިދާނެ އެވެ. އަދި 1958 ގެ ކުރީގެ ރައީސުންގެ އިނާޔާތުގެ ގާނޫނުގެ ދަށުން، ވެރިކަންކޮށްފައިވާ ފަރާތްތަކަށް ލިބޭ ހެލްތު އިންޝުއަރެންސާއި ސެކިއުރިޓީ ދިނުން ހުއްޓާލާނެ އެވެ.

އެމެރިކާގެ ތާރީޚުގައި މިގޮތަށް އެއްވެސް ރައީސަކަށް ދިމާވެފައެއް ނުވެ އެވެ. އެކަމަކު ޑިމޮކްރެޓިކުން ބޭނުންވާ އަދަދަށް ސެނެޓުގައި މިފަހަރު ވެސް ވޯޓު ހަމަކުރެވިދާނެ ކަމާ މެދު ޝައްކެވެ. ޑިމޮކްރެޓިކުން ބޭނުން ވަނީ ބައިޑަން ހުވާ ކުރެއްވުމަށް ފަހު 100 ދުވަސް ފަހުން ޓްރަމްޕް އިމްޕީޗްކުރުމުގެ މަސައްކަތް ސެނެޓުގައި ކުރިއަށް ގެންދިއުމަށެވެ. އެއީ ބައިޑަންގެ ކެބިނެޓް ފާސްކުރުމަށާއި އާ ސަރުކާރުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންކަން ފާސްކުރުމަށް ސެނެޓަށް ވަގުތު ދިނުމަށެވެ.

ރައީސަކު މަގާމުން ވަކިވުމަށް ފަހު ސެނެޓުގައި އިމްޕީޗް ކުރެވިދާނެކަމާ މެދު ގާނޫނީ ތަޖްރިބާކާރުންގެ މެދުގައި މިހާރު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

މީގެ ތެރޭން ވުން ގާތީ ކޮން ގޮތެއް؟

ޓްރަމްޕް އިމްޕީޗްކުރުމުގެ މައްސަލަ ހައުސްގެ އަޣުލަބިއްޔަތުން ފާސްވުމަކީ ވެދާނެކަމެކެވެ. ސަބަބަކީ ހައުސްގެ އަޣުލަބިއްޔަތު އޮތީ ޑިމޮކްރެޓިކުންނަށް ކަމަށްވާތީ އެވެ. ޓްރަމްޕް އިމްޕީޗް ކުރުމުގެ މައްސަލަ ޑިސެމްބަރު 2019 ގައި ވެސް ވަނީ ހައުސް އިން ފާސްކޮށްފަ އެވެ. ނަމަވެސް ޓްރަމްޕް މަގާމުން ވަކިކުރަން ބޭނުންވާ ތިންބައި ކުޅަ ދެބައި އަދަދަށް ސެނެޓުގައި ވޯޓު ހަމަކުރުމަކީ ދުރުކަމެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ސެނެޓުގައި 50-50 އިން ޑިމޮކްރެޓިކުންނާއި ރިޕަބްލިކަނުންގެ އަދަދު ހަމަހަމަ އެވެ. ގޮތް ނިންމާ ވޯޓު ދޭނީ ސެނެޓުގެ ރައީސްގެ ހައިސިއްޔަތުން ނައިބް ރައީސް ކަމަށް ވަޑައިގަންނަވާ ކަމަލާ ހަރިސް އެވެ.

ޓްރަމްޕް މަގާމުން ވަކިވުމަށް ރިޕަބްލިކަން ޕާޓީގެ މަދު ސެނެޓަރުންތަކެއް ގޮވާލި ނަމަވެސް ސެނެޓުގައި ޓްރަމްޕާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް އެ ޕާޓީގެ އެއްވެސް މެންބަރަކު ވިދާޅުވެފައެއް ނުވެ އެވެ.

ގާނޫނު އަސާސީގެ 25 ވަނަ އިސްލާހުގެ ދަށުން ޓްރަމްޕް މަގާމުން ދުރުކޮށް ނައިބް ރައީސް، ވެރިކަމުގެ މަސްއޫލިއްޔަތާ ހަވާލުވުމަކީ ވެސް ދުރުކަމެކެވެ. ސަބަބަކީ ޓްރަމްޕުގެ އަމަލުތަކާ ދެކޮޅު ހެއްދެވި ކެބިނެޓުގެ ދެ ބޭފުޅަކު މިހާރު ވެސް އިސްތިއުފާ ދެއްވާފައިވާތީ އެވެ. އަދި ކެބިނެޓުގައި މިހާރު ތިއްބެވި ބޭފުޅުން ވެސް ޓްރަމްޕް މަގާމުން ދުރުކުރަން ތާއީދުކުރާނެ ކަމަކަށް ނުބެލެވެ އެވެ.