Roadha Mihaaru
އުރީދޫ ކަލަންޑަރުން ދިވެހި ތާރީހު އެ އަންނަނީ ދިރިގެން

އުރީދޫ ކަލަންޑަރުން ދިވެހި ތާރީހު އެ އަންނަނީ ދިރިގެން

11 ޖެނުއަރީ 2021

މި އަހަރު ފެށުމާ އެކު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އުރީދޫން ނެރުނު ކަލަންޑަރެވެ. އެންމެ ތަފާތު، އެންމެ ރީތި ކަލަންޑަރު ނެރުމުގެ ވާދަވެރިކަމުގެ ތެރެއިން އުރީދޫން މިވަނީ ޒަމާނީވަންތަ ގޮތަކަށް ރާއްޖޭގެ ތާރީހު ކިޔައިދީފަ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި އަހަރު ފެށުމާ އެކު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އުރީދޫން ނެރުނު ކަލަންޑަރެވެ. އެންމެ ތަފާތު، އެންމެ ރީތި ކަލަންޑަރު ނެރުމުގެ ވާދަވެރިކަމުގެ ތެރެއިން އުރީދޫން މިވަނީ ޒަމާނީވަންތަ ގޮތަކަށް ރާއްޖޭގެ ތާރީހު ކިޔައިދީފަ އެވެ.

"ތާރީހުގެ ތެރެއިން ދިވެހިރާއްޖެ"ގެ ނަން ދީފައިވާ ކަލަންޑަރަށް އާާދައިގެ ނަޒަރެއް ހިންގާލުމަކުން ތަފާތެއް ނުފެންނާނެ އެވެ. ބޭރުގަނޑުގައި ދިވެހި ދިދަ އެވެ. އެކަމަކު އޭގެ ފަހުން ކޮންމެ މަހަކަށް ހާއްސަކޮށްފައިވާ ކުރެހުމަކީ، ތާރީހީ ވާހަކައެކެވެ. އެއިން ކޮންމެ ކުރެހުމެއްގެ ރީތި މަންޒަރު ފެންނާނީ ސުނެޕް ޗެޓުންނެވެ. ކުރެހުމުގެ ތިރިން ވާތް ފަރާތުގައި ހިމެނޭ ސުނެޕް ކޯޑް ސްކޭންކޮށްލުމުން، އެ ވަދެވެނީ، އެ ކުރެހުގައި ކިޔައިދޭ ވާހަކައިގެ ތެރެއަށެވެ.

ރާއްޖޭގެ ފުރަތަމަ ރަސްގެފާނު "ކޮއިމަލާ ކަލޯ" ތަހުތުގައި އޮށޯވެގެން އޮންނެވި އިރު، ދެ އަރިމަތީގައި ތިބި ދެ އެހީތެރިން، ދޫނީގެ ފަތުން ހަދާފައިވާ ފަންކާ މަޑުމަޑުން ވިހެލާތަން ފެނެ އެވެ.

ކަލަންޑަރުގައި ކިޔައިދޭ ވާހަކަތަކުގެ ތެރޭގައި "ޗޯޅާ ހަނގުރާމަ"، "ކެންދޫ މަގާމުފުޅު"، "ގާދިރީ ކަލޭގެފާނު"، "ވާރުގެއަށް ވެދުމާ ދިއުން"، "ފުރަތަމަ ޔުނިވަސިޓީ"، "އިނގިރޭސި ހިމާޔަތް"، "އުތުރު ގަަޑުބަޑު"، "ރޯނު ބޭރުކުރުން"، "ފެންފުށީ ގަލު ވަޑާން"، "ހިއްޗަށް ވަޑައިގަތުން"، އަދި "ގުޅަކުޅޭ ފަސްގަނޑު" ހިމެނެ އެވެ.

އުރީދުގެ ކަލަންޑަރުގެ ބޭރުގަނޑު: މި ކަލަންޑަރުގައި ބޭނުންކޮށްފައި ވަނީ އޭއާރު ޓެކްނޮލޮޖީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އުރީދުގެ ކަލަންޑަރުގެ ބޭރުގަނޑު: މި ކަލަންޑަރުގައި ބޭނުންކޮށްފައި ވަނީ އޭއާރު ޓެކްނޮލޮޖީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މި ހިތްގައިމު ކަލަންޑަރުގެ ހުރިހާ ކުރެހުމެއް ކުރެހީ، އާގްމެންޓެޑް ރިއަލިޓީ، (އޭއާރު) ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ޑިޖިޓަލް މާކެޓިން އެންޑް ޑިޒައިން ސްޓޫޑިއޯއެއް ކަމަށްވާ ޕަބްލިސިޓީ ބިއުރޯގެ ފަންނުވެރިންނެވެ.

އޭއާރުއަކީ ޑިޖިޓަލް އެއްޗެއް، ކެމެރާއެއްގެ އެހީގައި އޭގެ އަސްލު ގޮތް ދައްކައިދޭ ޓެކްނޮލޮޖީއެކެވެ. ދުނިޔޭގެ ބޮޑެތި އެވޯޑު ޝޯތަކުގަ އާއި ހަފްލާތަކުގައި މިހާރު މި ޓެކްނޮލޮޖީ ވަރަށް ގިނައިން ބޭނުން ކުރެ އެވެ.

ސްނެޕްޗެޓު ބޭނުންކޮށްގެން ކަލަންޑަރުގެ ކުރެހުމެއް ބަލަނީ: ކޮންމެ ކުރެހުމަކުން ވެސް ދައްކުވައިދެނީ ތާރީހީ ހާދިސާއެއް ނުވަތަ ތަނެއް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސްނެޕްޗެޓު ބޭނުންކޮށްގެން ކަލަންޑަރުގެ ކުރެހުމެއް ބަލަނީ: ކޮންމެ ކުރެހުމަކުން ވެސް ދައްކުވައިދެނީ ތާރީހީ ހާދިސާއެއް ނުވަތަ ތަނެއް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އުރީދޫގެ ކަލަންޑަރުން އެ ކިޔައިދެނީ ރާއްޖޭގެ ތާރީހާއި މަސައްކަތްތެރިކަމާ ގުޅިފައިވާ ވަރަށް މުހިންމު ވާހަކަތަކެކެވެ. އަދި ސުނެޕް ޗެޓް ކަހަލަ، މިހާރުގެ ޒުވާނުންގެ މެދުގައި މަގުބޫލު އެޕެއް މެދުވެރިކޮށް އެ ވާހަކައިގެ ރީތި މަންޒަރު ފެނުމަކީ، ދިވެހި ތާރީހުގެ ސަފުހާތަކެއް ޒުވާނުންނާ ހަމައަށް، ޒަމާނީ ގޮތަކަށް ހުށައަޅައިދިިނުމެވެ.

ސްނެޕް ޗެޓުން އުރިދޫގެ ކަލަންޑަރުގެ ކުރެހުންތައް ބަލައިލުމުން ފެންނާނެ ގޮތުގެ ވީޑިއޯއެއް މީހަކު ޓްވީޓު ކޮށްފައި

ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައި ވެސް އުރީދޫގެ މި ކަލަންޑަރުގެ ވާހަކަ ވަނީ އާންމުވެފަ އެވެ. އެއް ބަޔަކު އުޅެނީ ކަލަންޑަރެއް ލިބޭނެ ގޮތެއް ނުވެގެންނެވެ. އަނެއް ބަޔަކު ދައްކަނީ މޮޅު ކުރެހުންތަކުގެ ވާހަކަ އެވެ. ކަލަންޑަރުގެ ސްނެޕްތައް ވެސް އަންނަނީ އާންމުކުރަމުންނެވެ.