Roadha Mihaaru

ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ ފައިސާ ނުލިބޭތީ ކޮންޓްރެކްޓަރުން ކަންބޮޑުވުން ފާޅުކުރަނީ

ސަރުކާރުގެ މުއައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ކުންުފުނިތަކުން ހިންގާ ޕްރޮޖެކްޓުތަކުގެ ފައިސާ ލިބުން ލަސްވާތީ ކޮންޓްރެކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ފައިސާ ނުލިބޭތީ ކަންބޮޑުވަނީ
އިދުހާމް ނައީމް
އިދުހާމް ނައީމް

11 ޖެނުއަރީ 2021

ސަރުކާރުގެ މުއައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ކުންުފުނިތަކުން ހިންގާ ޕްރޮޖެކްޓުތަކުގެ ފައިސާ ލިބުން ލަސްވާތީ ކޮންޓްރެކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ކޮންޓްރެކްޓާސް އެސޯސިއޭޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ އިންވޮއިސްތަކަށް ފައިސާ ލިބުން ވަރަށް ބޮޑަށް ލަސްވާކަމުގެ ޝަކުވާ އެ ޖަމިއްޔާ އަށް ލިބޭ ކަމަށެވެ. އެހެންވެ ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ވީހާ ވެސް އަވަހަށް ފައިސާ ދެއްކުމަށް އެ ޖަމިއްޔާ އިން އެދެ އެވެ.

ކޮންޓްރެޓާސް އެސޯސިއޭޝަނުން ބުނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ހުރިހާ ވިޔަފާރިއަކަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކޮންޓްރެކްޓަރުންނަކީ އެކި ވިޔަފާރިތަކާ ސީދާ ގުޅިފައިވާ ބަޔަކަށް ވާތީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދައްކައި ގިނަ ދުވަސްވުމުން އެ މީހުންގެ އިތުރުން އެ މީހުންނާ ގުޅުން ހުރި އެހެން ވިޔަފާރިތަކަށް ވެސް ގެއްލުންވާނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ބަދަލާއެކު ސަރުކާރުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލުކުރާ ގޮތް ވަނީ ބަދަލުކޮށްފަ އެވެ. މިދިޔަ އަހަރު ހަވާލު ކުރި ގިނަ ޕްރޮޖެކްޓުތައް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުންނެވެ.

ކޮންޓްރެކްޓަރުންނަށް ޕްރޮޖެކްޓުތަކުގެ ފައިސާ ލަހުންދޭ ވާހަކަތަކަކީ ވަރަށް ގިނައިން އަޑުއިވޭ ވާހަކަތެކެވެ. ސަރުކާރުގެ ކުންފުނިތަކުން ވެސް ވަނީ ސަރުކާރުން ދޭން ހުރި ބައެއް ފައިސާ ނުލިބޭތީ އެކަމުގެ ޝަކުވާ ވެސް ކޮށްފަ އެވެ.