Roadha Mihaaru
149 ކިލޯ ޑްރަގް: ގައްދޫ ކޯޓުން ދައުވާ ބާތިލްކޮށްފި

ހުޅުވާރުލު 149 ކިލޯގެ ޑްރަގްސް: ގައްދޫ ކޯޓުން މައްސަލަ ބޭރުކޮށް އެންމެން ދޫކޮށްލައިފި

10 ޖެނުއަރީ 2021

ގދ. ހުޅުވާރުލުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކަށް ކުރި ދައުވާ ގދ. ގައްދޫ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގދ. ހުޅުވާރުލުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކަށް ކުރި ދައުވާ ގދ. ގައްދޫ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ފަހުގެ ތާރީޚެއްގައިި ރާއްޖެ އިން އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުޅުވާރުލުން އަތުލައިގަތީ އޭޕްރީލް، 2019 ގައި ގައްދޫގައި ވަޅުލާފައި ހުއްޓަ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ގއ. ކޮނޑޭ ގަހާކޯޅި، އަހުމަދު އަނިލް އާއި އެ ރަށު ރޮމޭންސް، ޝަފީޒް މުހައްމަދާއި ގއ. ނިލަންދޫ ފިރްޝާންވިލާ، އަލީ ޝާކިރުގެ އިތުރުން ގައްދޫ އެދުރުގޭ، ޔާމިހް ހާލިދާއި އެގޭ އަހުމަދު ޚަލީލަށެވެ.

އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ފަސް ވަނަ މީހާގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ގައްދޫ ކޯޓުން މިއަދު ބޭރުކޮށްލީ ގައްދޫ ކޯޓުން ބެލެން ނެތް ކަމަށް ކަނޑައަޅައިފަ އެވެ. މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރުމާ އެކު، މި އެންމެން ދޫކޮށްލުމަށް ވަނީ އަމުރުކޮށްފަ އެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަނީޒް އަބްދުﷲ ކުރެއްވި ހުކުމުގައި ވަނީ އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އިޖުރާއަތާ އެއްގޮތަށް ނޫން ކަމަށެވެ. މިއީ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައިނުގަނެ އަނބުރާ ފޮނުވާލި މައްސަލައެއް ކަމަށާއި އެ ނިންމުމަށް މަތީ މަރުހަލާގެ ކޯޓަކުން ގޮތެއް ނިންމާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

"... މި މައްސަލައަކީ ދަށުކޯޓު މަރުޙަލާގެ އެހެން ކޯޓަކުން މި މައްސަލަ ބަލައިނުގަތުމަށް ކުރިން ނިންމާފައިވާ މައްސަލައެއްކަމުގައިވާތީ އާއި، އެ ނިންމުން މަތީ މަރުހަލާގެ ކޯޓަކުން ބާތިލްކޮށްފައިވާ ނުވާ ހިނދު، އިޖުރާއަތާ އެއްގޮތަށް ދައުވާކުރުމަށް ދެވިފައިވާ މުއްދަތުގައި މި ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ކަމުގައި ނުވާތީ، މި ހިނދަށް މިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައި، މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް، ދައުވާ ލިބޭ ފަރާތްތަކުގެ ތެރެއިން، މި މައްސަލައިގައި މިކޯޓުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ދަޢުވާލިބޭ، ގދ.ގައްދޫ /އެދުރުގެ ޔާމީން ހަމީދު އާއި، ގއ.ކޮނޑޭ /ރޮމޭންސް ޝަފީޒް މުހައްމަދު އާއި، ގދ.ގައްދޫ /އެދުރުގެ އަހްމަދު ހާމީމް އާއި، ގއ.ކޮނޑޭ/ގަހާކޯޅި އަހްމަދު އަނީލް، ބަންދުން ދޫކޮށްލުމަށް އަންގައި އަމުރުކޮށްފީމެވެ" ހުކުމުގައިވެ އެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން އިސްތިއުނާފުކޮށްފައި ނެތުމުން އެ ނިންމުމާ މެދު މަތީ މަރުހަލާގެ ކޯޓަކުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާއިރު ގައްދޫ ކޯޓަށް މައްސަލަ ހުށަހެޅީ ދައުވާކުރުމަށް އޮންނަ މުއްދަތު ހަމަވުމަށް ފަހުގައި ކަމަށް ވެސް ހުކުމުގައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހުޅުވާރުލުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ އެވެ.