Roadha Mihaaru
149 ކިލޯގެ ޑްރަގްގެ މައްސަލައިގައި ޕީޖީ ހާޒިރުކުރަނީ

149 ކިލޯގެ ޑްރަގްގެ މައްސަލަ ނާކާމިޔާބުވުން: ޕީޖީ ޝަމީމް ކޮމިޓީ އަށް ހާޒިރު ކުރަނީ

17 ޖެނުއަރީ 2021

ރާއްޖެ އެތެރެކުރި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ލިބޭ ގިނަ ބައެއްގެ ބައި ކޯޓުން ބޭރުކޮށްލި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އެތެރެކުރި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ލިބޭ ގިނަ ބައެއްގެ ބައި ކޯޓުން ބޭރުކޮށްލި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެއްފަހަރާ އަތުލައިގަތް ރެކޯޑް އަދަދެއް ކަމަށްވާ، 149 ކިލޯގެ މި މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ އޭޕްރީލް، 2019 ގައި ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ގައްދޫ ކޯޓުގައި ފަސް މީހަކަށް ކުރި ދައުވާގައި، އޭގެ ތެރެއިން ހަތަރު މީހެއްގެ ބައި އެ ކޯޓުން މިދިޔަ ހަފުތާގައި ވަނީ ބޭރުކޮށްލައިފަ އެވެ. އެއީ ދައުވާ ކުރުމުގެ މުއްދަތު ހަމަވި ފަހުުން ދައުވާ ކުރުމުންނެވެ.

ތަހުގީގުގައި ފުލުހުން ހަދާފައިވާ އިޖުރާއީ ގިނަ ގޯސްތަކެއް އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. ކުރީގެ ޕީޖީ އައިޝަތު ބިޝާމްގެ ދައުރުގައި ދައުވާ އުފުލި އެ މައްސަލަ ބޭރުކޮށްލި ނިންމުން އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން މިހާރު ވަނީ ނިންމައިފަ އެވެ.

އެ މައްސަލަ ބަލަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ކޮމިޓީން މިއަދު ނިންމީ ކަން ހިންގި ގޮތް ބެލުމަށް ޕީޖީ އެ ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.

މީގެ އިތުރުން އެ މައްސަލައިގައި ފުލުހުން އިިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.