Roadha Mihaaru
މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރު ކޮށްފި

އަތޮޅު ތެރޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަ މީހަކު ހައްޔަރު ކޮށްފި

23 ޖޫން 2021

އަތޮޅުތެރޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

އަތޮޅުތެރޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެ ރަށު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އުމުރުން 29 އަހަރުގެ އަންހެނަކު ހައްޔަރު ކުރި ކަމަށެވެ. އެ އަންހެންމީހާ، ބަލައި ފާސްކުރިއިރުމ އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާއި ގުޅުން ހުރި ކަމަށް ބެލެވޭ އުމުރުން 32 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދުވާފަރުގެ އިތުރުން ގދ. ގައްދޫގައި ވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެ އެވެ. އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އުމުރުން 34 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، އެ މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ސެލޯފީން ކޮޅު ފެނުނެވެ.

ދުވާފަރާއި ގައްދޫގައި އިތުރުން ހދ. ކުޅުއްފުށީގައި ވެސް ފުލުހުން ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހޯމަ ދުވަހު ހިންގައިފަ އެވެ. އެ މައްސަލައިގައި އުމުރުން 25 އަހަރުގެ މީހަކު ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފީން ކޮޅެއް އޭނާގެ އަތުން ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނިގޮތުގައި، މާލެ އިން ދަނގެއްޗަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ދިގުރަށު ބަނދަރު ސަރަހައްދުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައި ވެ އެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެެއް ނުކުރެ އެވެ.

ފުލުހުން ވަނީ ލ. މާވަށުން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރުން 45 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން، އާދިއްތަ ދުވަހު އެ ރަށު އަތިރިމަތިން އެ މީހާ ހުއްޓުވައި، ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް އެ މީހާގެ އަތުން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގަމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.