Roadha Mihaaru
149 ކިލޯ ޑްރަގް މައްސަލައިން ބޮޑެތި އިހުމާލުތަކެއް!

149 ކިލޯގެ ޑްރަގް މައްސަލަ: ބޮޑެތި އިހުމާލުތައް، ޣައިރު ގާނޫނީ އިޖްރާއާތުތައް، ޒިންމާވަނީ ކާކު؟

12 ޖެނުއަރީ 2021

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެއްފަހަރާ އަތުލައިގަތް ރެކޯޑް އަދަދެއްގެ މަސްތުވާތަކެތި، 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ޝަރުއީ މަރުހަލާއިން ކާމިޔާބު ނުވެ، އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެ ދޫވެގެން އެ ދިޔައީ އެވެ. މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ގާނޫނީ ލޫޕް ހޯލްތަކުގެ ސަބަބުން ނާކާމިޔާބުވުމުގެ ސިލްސިލާގެ އިތުރު "އެޕިސޯޑެއް" މި ހަފުތާގައި "ޕްރިމިއާ" ވުމުން ހައިރާނެއް ވެސް ނުވެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެއްފަހަރާ އަތުލައިގަތް ރެކޯޑް އަދަދެއްގެ މަސްތުވާތަކެތި، 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ޝަރުއީ މަރުހަލާއިން ކާމިޔާބު ނުވެ، އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެ ދޫވެގެން އެ ދިޔައީ އެވެ. މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ގާނޫނީ ލޫޕް ހޯލްތަކުގެ ސަބަބުން ނާކާމިޔާބުވުމުގެ ސިލްސިލާގެ އިތުރު "އެޕިސޯޑެއް" މި ހަފުތާގައި "ޕްރިމިއާ" ވުމުން ހައިރާނެއް ވެސް ނުވެ އެވެ.

މީގެ ހަ އަހަރު ކުރިން މާޗް، 2014 ގައި މުޅި ރާއްޖޭ ސިއްސުވާލީ ޑިންގީއެއްގައި ފޮރުވައިގެން 24 ކިލޯގެ މަސްތުވާތަކެތި ކަނޑު މަގުން އެތެރެކުރަނިކޮށް އަތުލައިގަތް އޮޕަރޭޝަނަކުންނެވެ. އެތައް ބަޔަކު ހައްޔަރު ވެސް ކުރި އެވެ. ހެކި ނެތިގެންނާއި އެ ނޫން ވެސް ސަބަބުތަކަށްޓަކައި މީހުން ދޫވަމުން ދޫވަމުން ގޮސް، ކުށް ސާބިތުވީ އެންމެ ދެ މީހަކަށެވެ. އެކަކު ޖަލުގައި ބެހެއްޓުމަށް ފަހު އަދަބު ލުއިކޮށް، ދޫކޮށްލީ އިހަކަށް ދުވަހު އެވެ.

އޭގެ ފަސް އަހަރު ފަހުން އޭޕްރީލް، 2019 ގައި 149 ކިލޯގެ މަސްތުވާތަކެތި ފަޅުރަށަކުން އަތުލައިގަތުމުން މަސްތުވާތަކެތީގެ ވިޔަފާރި އޮތް މިންވަރު ހާމަވިޔަސް، އެކަން ހުއްޓުވަން ދައުލަތުގެ މުއަައްސަސާތަކުން ތެދުވެރި މަސައްކަތްތަކެއް އެބަ ކުރޭތޯ ސުވާލު އުފެދެ އެވެ.

ފަހަކަށް އައިސް ރެކޯޑް އަދަދަކަށް ފުލުހުން ގެންދަނީ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. އެކަމަކު އޭގެ އަނެއް ފަރާތް ފެންނަނީ ޝަރުއީ މަރުހަލާގެ ތެރެއިންނެވެ. ގާނޫނީ އިޖްރާއާތުތަކާ ކަނޑައެޅިގެން ޚިލާފަށް ތަހުގީގުގައި ހަދާފައި ހުންނަ ބޮޑެތި ގޯސްތަކާއި އަތްދަށުން ދޫވެގެން ގޮސްފައި ހުންނަ ކަންކަން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެވެ. ތަހުގީގު ގޯސް ނަމަ، ނަތީޖާއަކީ ކޮބައިކަން އާންމުންނަށް ވެސް އެނގޭ މިންވަރަށް ފިލާވަޅު ލިބުނަސް، 149 ކިލޯގެ މައްސަލައިން އެކަނި ވެސް އެނގެނީ މިފަދަ މައްސަލަތަކުގައި އިންސާފު ގާއިމްކުރަަން ފުލުހުންނާއި މުއައްސަސާތަކުން ގެންގުޅޭ "ވަރިހަމަ" އުސޫލެވެ.

ދައުވާ ކުރުން ލަސްވުން

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ހޯދި 260 މިލިއަން ރުފިޔާގެ އަގުހުރި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ ލިބުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ދައުވާ ގައްދޫ ކޯޓުން ބޭރުކޮށްލި މައިގަނޑު ސަބަބަކީ ދައުވާ ކުރުމުގައި ދައުލަތުން އަމަލުކުރި ގޮތެވެ. އެ މައްސަލާގައި އެމީހުންނާ ދެކޮޅަށް ފުރަތަމަ ދައުވާކުރީ ކްރިމިނަލް ކޯޓުގަ އެވެ. ދައުވާ ކުރުމުގެ މުއްދަތު ހަމަވުމުގެ އެއް ދުވަސް ފަހުން މައްސަލަ ކޯޓަށް ފޮނުވުމުން ބަލައިނުގަތެވެ. އެއީ މެޖިސްޓްރޭޓް ކޯޓުގެ އިހްތިސާސް ހިނގާ މައްސަލައަކަށް ވުމުގެ އިތުރުން ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތަހުގީގު ބަޔާންތަކުގެ އަސްލު ކޯޓަށް ހުށަހަޅާފައި ނެތުމުންނެވެ.

އެ ނިންމުން ރިވިއުކުރަން ދައުލަތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އެދުނީ ތަހުގީގު ބަޔާނުގެ އަސްލަކާ އެކު އެވެ. އެކަމަކު އެއީ ދައުވާ ކުރުމުގެ މުއްދަތު ހަމަވި ފަހުން އަދި ތަހުގީގުގައި މީހުންނާ ސުވާލުކުރި ތާރީޚަށް ވުރެ ވެސް މާ ފަހުން ލިޔުނު ބަޔާނެކެވެ. އެ ސަބަބުތަކާ އެކު އަދި މެޖިސްޓްރޭޓް ކޯޓުގެ އިހްތިސާސް ހިިނގާ މައްސަލައެއް ކަމަށް ވާތީ އަނެއްކާވެސް ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ. އަދި ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފެއް ނުކުރެ އެވެ.

އިތުރަށް ރިވިއުކުރުމަށް ފަހު ޕީޖީ އޮފީހުން އެ މައްސަލަ ގައްދޫ ކޯޓަށް ފޮނުވީ ޖިިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ދައުވާ ކުރުމުގެ މުއްދަތު ހަމަވިތާ ދެ މަސް ވާން ގާތްވެފައި ވަނިކޮށެވެ. ހައި ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތައް ހުރި ގޮތުން މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާ ހާލަތުގައި ވެސް ދައުވާ ކުރުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހުށަނާޅައިފި ނަމަ، އެ މައްސަލައެއް ދެން ނުބެލޭނެ އެވެ. ހައި ކޯޓުގެ އެ ނިންމުން އޮތްކަން އެނގި ތިބެ، ދައުވާ ކުރުން ލަސް ކުރުމަކީ ޕީޖީ އޮފީހުން ހެދި ދެވަނަ ގޯހެވެ.

އިޖްރާއާތު "ވީދާލާފައި"، ތަހުގީގުގައި ބޮޑެތި ގޯސްތަކެއް

މައްސަލަ ބޭރުކޮށްލީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާތީ ކަމަށް ބުނެ ކަމަށް ވިޔަސް، ހައި ކޯޓު ހުކުމުގެ ހަވާސާގައި ދެން ފާހަގަކުރީ އެއަށް ވުރެ މާ ސީރިއަސް މައްސަލަތަކެވެ. ތަހުގީގުގައި އިޖްރާއާތުތަކާ ޚިލާފަށް ފުލުހުން ކޮށްފައި ހުރި ކަންކަމެވެ. މައްސަލަ ބޭރުކޮށްލީ އެ ސަބަބާ ހެދި ކަމަށް ނުވިޔަސް، މައްސަލައިގެ ކުރި މަރާލާ ފަދަ ބޮޑެތި ގޯސްތަކެއް ތަހުގީގުގެ ތެރެއިން ހަދާފައި ހުރިކަން އެ ނިންމުމުން ހާމަވި އެވެ.

ދައުވާގައިވާ ގޮތުން 149 ކިލޯގެ މަސްތުވާތަކެތި ހޯދީ ދައުވާ ލިބުނު ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން އެ މީހުންގެ ފަރާތުން ހޯދި މައުލޫމާތުތަކަށް ބިނާކޮށެވެ. އެ ތަކެތި ހޯދީ މަސްތުވާތަކެތި އެތެރެކުރިކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބުމުން އޭގެ ތެރެއިން ބައެއް މީހުން ހޯދައި، އެ މީހުން ދިން މައުލޫމާތުތަކަށް ބިނާކޮށް ގދ. ބަކައްތާ ކިޔާ ފަޅުރަށް ފާސްކޮށް އެރަށުން އެ ތަކެތި ނުފެނުމުން އެ މީހުންނާ އިތުރަށް ސުވާލުކޮށް، ގދ. ހުޅުވާރުލު ފާސްކުރުމުން ކަމަށް ދައުވާގައިވެ އެވެ. އެކަމަކު އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއި ހެކި ހޯދުމުގައި، އިޖްރާއަތާ ހިލާފަށް ބޮޑެތި ގޯސްތަކެއް ފުލުހުން ހެދި އެވެ.

ހުޅުވާރުލުން އަތުލައިގަތް މަސްތުވާތަކެތި --- ފޮޓޯ/ޕޮލިސް

ހުޅުވާރުލުން އަތުލައިގަތް މަސްތުވާތަކެތި --- ފޮޓޯ/ޕޮލިސް

އެންމެ ފުރަތަމަ މައްސަލައަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހަކު ގޭގައި ތިއްބާ އެގެއަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަނުމެވެ. އެއީ މަސްތުވާތަކެތި ހުރި ތަން ފުލުހުންނަށް ކިޔައިދިން މީހުން ކަމަށް ދައުވާގައިވެ އެވެ. އެ މީހުން ތިބި ގެއަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަނީ އެ ގޭގެ ވެރިފަރާތުން ހުއްދަ ދީގެން ކަމަށް ބުންޏަސް، އެކަން އެނގޭނެ ހެއްކެއް ފުލުހުންގެ އަތަކު ނެތެވެ. އެގެއަށް ވަދެ ހައްޔަރުކުރުމަށް ނުވާ ގޮތަށް އެ ދެ މީހުން އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މީހުން ގޮވައިގެން މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހުގެ ރެއާ ހަމައަށް އެ މީހުން ހައްޔަރުކޮށް ނުވަތަ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރު ކޮށްފައެއް ނެތެވެ.

އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ހައްޔަރުކުރުމަށް ނުވާ ގޮތުން ކަމަށް ބުންޏަސް، އެކަން ގާނޫނީ ގޮތުން ދެކޮޅުޖެއްސޭކަށް ނެތެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ހައްޔަރުކުރުމަށް ނުވާ ގޮތުން މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ ގިނަވެގެން ހަތަރު ގަޑިއިރަށް ކަމަށް ވާއިރު، އެ ދެ މީހުން އެއަށް ވުރެ ގިނަ ވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ އެވެ. އެކަން ކުރީ ކޮން ގާނޫނަކުން ބާރު ލިބިގެން ކަމެއް ބުނެއެއް ނުދެވުނެވެ.

ހައްޔަރުކުރުމަށް ނުވާ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް ވެސް، ލިބިގެންވާ ހައްގުތަކާއި ތުހުމަތުކުރެވޭ ކުށް ބުނެދީ، ގާނޫނީ އިންޒާރު ދޭން ޖިިނާއީ އިޖްރާއާތުގެ ގާނޫނު ލާޒިމް ކުރެ އެވެ. ނަމަވެސް، މި ބޮޑު އޮޕަރޭޝަންގައި އެ އިޖްރާއާތު ފުރިހަމަ ކުރިކަން ކަށަވަރެއް ނުވެ އެވެ. އަނގަ ބަހުން ގާނޫނީ އިންޒާރު ދިން ކަމަށް ބުނާ ބުނުމެއް ފިޔަވައި އިތުރު އެއްޗެއް ނެތެވެ. ކޯޓު އަމުރެއް ނެތި، ގާނޫނާ ޚިލާފް ބަންދެއްގައި ބަޔަކު ބައިތިއްބައިގެން އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ އެ މީހުން ދިން މައުލޫމާތުތަކަށް ބިނާކޮށް ހޯދި ހެކި ވެސް ޣައިރު ގާނޫނީ ހެކިތަކަށް ވެގެން ދިއުމެވެ.

މި އޮޕަރޭޝަންގައިި ފުލުހުން ޚިލާފް ވެފައި އެ ވަނީ ޖިނާއީ އިޖްރާއާތުގެ ވަރަށް އަސާސީ ނުވަތަ ދެކެފަރިތަ އިޖްރާއާތުތަކާ އެވެ. ހައްޔަރުކުރުމަށް ނުވާ ގޮތުން ބަންދުގައި ބެހެއްޓޭނެ ވަގުތާއި ގާނޫނީ އިންޒާރު ދޭން ޖެހޭ ގޮތާއި މިފަދަ ކަންކަމަކީ މާ ބޮޑު ގާނޫނީ ލަފައެއް ނުވަތަ ސުޕްރީމް ކޯޓުގެ ތަރުޖަމާއެއް ނެތަސް، ޖިނާއީ އިޖްރާއާތުގެ ގާނޫނާއި ފުލުހުން އަމަލު ކުރާ އިޖްރާއާތުތަކުގެ ތެރެއިން ވެސް އެނގޭނެ ފަދަ އާދައިގެ ކަންކަމެވެ. މިވަރުގެ އަސާސީ އިޖްރާއާތުތަކެއް ބޮލާލައިފައި ޖެހުމަށް ފަހު އޮޕަރޭޝަން ހިންގުމުގެ ޒިންމާ ކޮންމެވެސް ބަޔަކު އުފުލަން ޖެހޭނެ އެވެ.

ވަަކި މައްސަލައަކަށް ވީތީ ކަމަށް ބުނެ ހިތުހުރި ގޮތަކަށް ތަހުގީގު ހިންގި ޒަމާން ފާއިތުވެއްޖެ އެވެ. ކޮންމެ އިޖްރާއާތެއް ހިންގަންވީ ގޮތް އަކުރުން އަކުރަށް ލިޔެ، އެންމެންނަށް ފެންނާނެހެން ޝާއިއު ކޮށްފައި ހުރުމުން ހިންދީ ފިލްމުތަކާއި ސީރީޒްތަކުން ދައްކާ ގޮތަށް ތަހުގީގުތައް ހިންގޭކަށް މިހާރަކު ނެތެވެ. އަދިި އިޖްރާއާތުތަކާ ޚިލާފަށް ތަހުގީގުތައް ކުރިއަށް ގެންދިޔައީ "ހެޔޮ ނިޔަތޭ، މުޖްތަމައުގެ މަސްލަހަތުގައޭ" ބުނެ ފަނޑިޔާރުންގެ ކުރިމަތީގައި ވަކާލާތު ކުރިޔަސް ގާނޫނީ ގޮތުން އެކަން ހަމަޖެއްސޭކަށް ވެސް ނޯވެ އެވެ.

އިޖްރާއާތުތަކާ ޚިލާފްވާ ކޮންމެ ފަހަރަކު މުޅި މައްސަލައަށް އަސަރު ނުކުރިޔަސް، ބައެއް އިޖްރާއީ ގޯސްތައް ރަނގަޅު ކުރުމުގެ ފުރުސަތެއް ނޯވެ އެވެ. އަދި އެފަދަ ގޯސްތަކުން މުޅި މައްސަލަ ކިލަނބުކޮށްލަ އެވެ. މިސާލަކަށް ކޯޓު އަމުރެއް ނެތި މީހެއްގެ އަމިއްލަ ތަނެއް ފާސްކޮށް، ކިލޯކިލޯއިން މަސްތުވާތަކެތި ނެރުނަސް، އަދި ތުހުމަތުވާ މީހާއާ އެ ތަކެއްޗާ ގުޅުވޭނެ ވަރުގަދަ ހެކި ހުއްޓަސް، ގާނޫނު އަސާސީގެ 52 ވަނަ މާއްދާގެ ދަށުން އެ ހެކިތައް ބަލައެއް ނުގަނެވޭނެ އެވެ. ނުވަތަ ގާނޫނާ ޚިލާފަށް މީހަކު ހައްޔަރުކޮށްފި ނަމަ، ބަންދާ މެދު ގޮތެއް ނިންމާއިރު އެ މީހަކު ދޫކޮށްލުން ނޫން ގޮތެއް ކޯޓަކަށް ނޯންނާނެ އެވެ. އަލުން ހައްޔަރުކުރުމާއި ނުކުރުމަކީ އެހެން ކަމެކެވެ. މިކަން ސުޕްރީމް ކޯޓުން ދާދި ފަހުން ކުރި ހުކުމެއްގައި ބުނެފައިވެ އެވެ.

ފުލުހުންގެ އިސް ވެރިޔަކު ދާދި ފަހުން މީޑިއާގައި ވިދާޅުވެފައި އޮތީ ތަހުގީގުތަކުގައި ހަދާ ގޯސްތަކުން ބޮޑެތި ކުށްވެރިން ދޫވެފައި ހުރީ 10 ވަރަކަށް އަހަރު ކުރީގެ މައްސަލަތަކުގައި ކަމަށެވެ. ފަހުން ހިންގާ ބޮޑެތި ތަހުގީގުތަކުގައި އެކަންކަން އިސްލާހުކޮށް، ކުށް ސާބިތުކުރެވޭނެ މިންވަރުުގެ ހެކި ހުންނާނެ ކަމަށް ވަރަށް ޔަގީންކަމާ އެކު އޭނާ ވިދާޅުވެފައިވެ އެވެ. ނަމަވެސް ޖިނާއީ އިޖްރާއާތުގެ ގާނޫނާއި އޭގެ ދަށުން ހަދާފައި ހުރި އިޖްރާއީ ގަވާއިދުތައް އައި ފަހުން ފެންމަތިވި 149 ކިލޯގެ ޑްރަގް މައްސަލައަށް އެކަނި ބެލިޔަސް، މަންޒަރު ވަރަށް ސާފެވެ. އެއް ގޮތަކީ ގާނޫނު ތަންފީޒުކުރަން ތިބި ފުލުހުންނަށް ގާނޫނު ނޭނގެނީ އެވެ. ނުވަތަ އެނގި ތިބެ، ގަސްދުގައި އެ ގޯސްތައް ހަދަނީ އެވެ. ޚާއްސަކޮށް ގިނަ އަދަދަކަށް މަސްތުވާތަކެތި ފެންނަ މައްސަލަތަކުގައި އިޖްރާއީ ގޯހެއް ނެތި ކޮށްފައި ހުންނަނީ ވަރަށް މަދު މައްސަލައެއްގަ އެވެ.

ދެން ވާނީ ކިހިނެއް؟

މި މައްސަލާގައި ދައުވާ ލިބުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބައި ކޯޓުން ބޭރުކޮށްލިޔަސް، ފަސް ވަނަ މީހާގެ ބައި އަދިވެސް ކުރިއަށް ދާނެ އެވެ. އެކަމަކު ފުލުހުން އަމަލުކުރި އިޖްރާއާތުތަކުގެ ގޯސްކަމުން އެ މައްސަލައަށް ވެސް ދެން ވާނެ ގޮތެއް ނޭނގެ އެވެ. ހަތަރު މީހުންގެ ބައި ބޭރުކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް އެކަމާ މެދު ޕީޖީ އޮފީހުން ވަކި ގޮތެއް ނުނިންމަ އެވެ.

އިސްތިއުނާފް މަރުހަލާއިން ކާމިޔާބުވެ، އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން އެންގިޔަސް، ހެކި ހޯދުމުގައި ހިންގާފައިވާ ޣައިރު ގާނޫނީ އިޖްރާއާތުތައް ފޮރުވޭނެ ގޮތެއް ނޯންނާނެ އެވެ. ދުވާލުގެ އިރު ފަދައިން އެކަން އެ އޮތީ ހާމައަށް ފެންނާށެވެ. އެހެންވެ، މައުޟޫއީ ގޮތުން ދަށު ކޯޓުން އަލުން އެ މައްސަލަ ބެލިޔަސް، ހެކި ހޯދުމުގެ އިޖްރާއާތު ގޯސްވުމުން ހެކި ބަލައިނުގަނެވޭ ހާލަތު ކުރިމަތިވާނެ އެވެ.

ކިތަންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދިއެއް ކަމަކު، އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ނުގެނެވޭ ނަމަ އެއީ މާނައެއް ނެތް އޮޕަރޭޝަންތަކެވެ. މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި މުއައްސަސާތަކުން ތަހުގީގުގައި ހަދާ ގޯސްތަކުން ނާކާމިޔާބު ވުމާއި ނުފޫޒުތަކެއްގެ ސަބަބުން އެތައް ބަޔަކު ދޫކޮށްލަން ޖެހޭ ޖެހުން އަދިިވެސް ހުއްޓޭތަނެއް ނުފެނެ އެވެ. ރެކޯޑް އަދަދެއް ކަމަށްވާ 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިން ފެންނަން މި އޮތީ މުއައްސަސާތަކުގެ ސީރިއަސް ކަން މިކަމުގައި ހުރި މިންވަރެވެ.