Roadha Mihaaru
އުއްމީދަކީ ދުވާލަކު އެވްރެޖްކޮށް 4،000 ޓޫރިސްޓުން

އުއްމީދަކީ ދުވާލަކު އެވްރެޖްކޮށް 4،000 ޓޫރިސްޓުން: ޑރ. މައުސޫމް

10 ޖެނުއަރީ 2021

މި އަހަރުގެ އަމާޒަކީ ދުވާލަކު އެވްރެޖްކޮށް 4،000 ޓޫރިސްޓުން ގެނައުން ކަމަށާއި އެ އަމާޒު ހާސިލްވާނެކަމުގެ އުއްމީދު އެބަ އޮތް ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ އަމާޒަކީ ދުވާލަކު އެވްރެޖްކޮށް 4،000 ޓޫރިސްޓުން ގެނައުން ކަމަށާއި އެ އަމާޒު ހާސިލްވާނެކަމުގެ އުއްމީދު އެބަ އޮތް ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިދިއަ ހަފުތާގައި "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މައުސޫމް ވިދާޅުވީ މި އަހަރަށް ކަނޑައަޅާފައިވާ 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ ލަނޑުދަނޑި ހާސިލްވާނީ ވެސް، ދުވާލަކު ގާތްގަނޑަކަށް 4،000 ޓޫރިސްޓުން އައިސްގެން ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ 10 މިލިއަން ބެޑް ނައިޓްސް ހޯދަން. އެވަރު ވާނީ 1.5 މިލިއަން ޓޫރިސްޓުން ގެނެވިގެން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ވެއްޓުމުގައި ރާއްޖޭގެ ޓޫރިޒަމަށް އައި ހުއްޓުން މިދިއަ މަހު ވަނީ އުއްމީދީ ހިސާބަކަށް ހަރަކާތްކުރުވައިފަ އެވެ. ކްރިސްމަސް އާއި އާ އަހަރު ފާހަގަކުރަން އައި ޓޫރިސްޓުންތަކުން ގިނަ ރިސޯޓްތަކެއް ފުރުނެވެ. އެކަމަކު ދުވާލަކު އަންނަ ޓުރިސްޓުންގެ އަދަދު ޖެނުއަރީގެ ފުރަތަމަ ހަފުތާގައ ހުރީ 2،800 ގަ އެވެ.

މިިދިއަ އަހަރުގެ ޖެނުއަރީ ފުރަތަމަ ހަފުތާގައި އައި 42،000 ޓޫރިސްޓުންނަށް ބަލާ އިރު މި އަހަރުގެ ނިސްބަތަކީ 23،000 އެވެ. މިއީ ގާތްގަނޑަކަށް 45 ޕަސެންޓްގެ ވެއްޓުމެކެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ދުނިޔޭގައި މިހާރު ވެސް އޮތް ފެންވަރަށް ބަލާ ނަމަ ރާއްޖޭގެ ޓޫރިޒަމަށް އެ މިންވަރު ވެސް ގޯސް ކަމަށް ބެލެވޭކަށް ނެތެވެ.

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި ކްރިސްމަސް އާއި އާ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ލަފާކުރި މިންވަރަށް ވުރެ މައްޗެވެ. އަދި އެއީ ޗައިނާ ކަހަލަ އިރުމަތީ އޭޝިއާގެ މާކެޓް އެއްގޮތަކަށް ވެސް ނުލަ އެވެ. އެހެންކަމުން ޗައިނާގެ ޓޫރިސްޓުން މި އަހަރު އަލުން ދަތުރުކުރަން ފެށުމާއި، ކޮވިޑް ވެކްސިން ގިނަ ބަޔަކަށް ލިބުމާ އެކު، ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް، މިނިސްޓަރުު ވިދާޅުވި އެވެ.

"ދޮށީ ފުރައިގެ އުމުރުގެ މީހުންނަކީ ވެސް ރާއްޖޭގެ ޓޫރިޒަމަށް ޝައުގުވެރިވާ ބައެއް. އެ މީހުން ވެސް މިދުވަސްކޮޅު ދަތުރެއް ނުކުރޭ. އެއީ ވެސް މި އަހަރު ރަނގަޅުވާނެ މާކެޓެއް،" ކޮވިޑާ ގުޅިގެން ހުއްޓިފައި ހުރި ބައެއް ދާއިރާތަކަށް އިޝާރަތްކުރައްވަމުން، ޑރ. މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މައި މާކެޓެއް ކަމަށްވާ ޔޫރަޕްގައި އަދިވެސް ކޮވިޑްގެ ނުރައްކާ ބޮޑެވެ. އިނގިރޭސި ވިލާތް ފަދަ ރާއްޖޭގެ ޒަމާންވީ މުހިންމު މާކެޓްތައް ނިސްބަތްވާ ގައުމުތައް، އަނެއްކާ ވަނީ ލޮކްޑައުންއަކަށް ގޮސްފަ އެވެ. މިއީ، ޑރ. މައުސޫމް ވިދާޅުވާ ގޮތުގައި، މި އަހަރު އަނެއްކާ ގިނަ ބަޔަކު ރާއްޖެއަށް އަންނާނެ ގައުމުތަކެވެ.

ކުރިއަށް އޮތް ތަނުގައި "ފުދޭވަރަކަށް ގިނައިން މީހުން އަންނަން ފަށާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ކޮވިޑްގެ އަނދިރިކަމުގެ ތެރެއަށް ދުނިޔެ ވަނީ، ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އަހަރު، 2019، ނިމުމާ އެކުގަ އެވެ. އެ އަހަރު ވަނީ ފުރަތަމަ ފަހަރަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފަ އެވެ. އެ ކާމިޔާބީއާ އެކު އުއްމީދުކުރީ 2020 ގައި 2 މިލިއަން ޓޫރިސްޓުން ގެންނާށެވެ. ނަމަވެސް ކޮވިޑްގެ ބައްޔާ އެކު ދުނިޔެ ހުއްޓުމުން، ރާާއްޖެ ޒިޔާރަތްކުރީ އެންމެ 555،000 ޓޫރިސްޓުންނެވެ.