Roadha Mihaaru
ކުރިއެރުން ދައްކަން ބޭނުމީ ތަށި ހޯދައިގެން: ސޯލްޝެއާ

ޔުނައިޓެޑްގެ ކުރިއެރުން ދައްކަން ބޭނުމީ ތަށި ހޯދައިގެން: ސޯލްޝެއާ

06 ޖެނުއަރީ 2021

މެންޗެސްޓާ (ޖެނުއަރީ 6) - އޭނާ ހަވާލުވި ފަހުން މިހާތަނަށް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވާ ކުރިއެރުން ދައްކަން ބޭނުންވަނީ ތަށި ހޯދައިގެން ކަމަށާއި އެއީ މި ސީޒަނުގެ އެންމެ ބޮޑު އަމާޒުކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

މެންޗެސްޓާ (ޖެނުއަރީ 6) - އޭނާ ހަވާލުވި ފަހުން މިހާތަނަށް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވާ ކުރިއެރުން ދައްކަން ބޭނުންވަނީ ތަށި ހޯދައިގެން ކަމަށާއި އެއީ މި ސީޒަނުގެ އެންމެ ބޮޑު އަމާޒުކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިިސެމްބަރު މަހުގަ އެވެ. މިހާތަނަށް ޔުނައިޓެޑާ އެކު ސޯލްޝެއާ ކުރި މަސައްކަތުން އެ ޓީމު ގޮވައިގެން ރަނގަޅު ނަތީޖާތަކެއް ބައެއް މެޗުތަކުގައި ނެރެފައިވީ ނަމަވެސް އެއް ފެންވަރެއްގައި ނުހިފެހެއްޓުމުގެ މައްސަލައާ ހެދި އޭނާގެ ވަޒީފާގެ ބިރު ވެސް އޮތީ ބޮޑުވެފަ އެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑް ގޮވައިގެން ސޯލްޝެއާ ވަނީ ތިން މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އެފްއޭ ކަޕް ސެމީން ޗެލްސީ އަތުން ކެޓިއިރު، ލީގު ކަޕްގެ ސެމީން ބަލިވީ މެންޗެސްޓާ ސިޓީ އަތުންނެވެ. އަދި ޔޫރޮޕާ ލީގުގެ ސެމީގައި ސެވިއްޔާގެ އަތްދަށުވީ އެވެ. އިނގިރޭސި ލީގު ކަޕްގެ ސެމީގައި މިރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކުޅޭނީ ވާދަވެރި މެންޗެސްޓާ ސިޓީއާ އެވެ.

"ސެމީ ފައިނަލަކީ ފައިނަލަށް ދާން ލިބޭ ފުރުސަތެއް. ފައިނަލެއްގައި ކުޅުމަކީ އަހަރެމެންގެ ދެން އޮތް އަމާޒު. ފައިނަލަކަށް ދިއުމަކީ ތަށްޓެއް އަތްލުމަށް މި ކުރާ މަސައްކަތުގެ އެންމެ ބޮޑު ބައި. ތަށްޓެއް ހޯދުމަކީ އަހަރެން މި ޓީމުގައި މިހާރު އެންމެ ބޮޑަށް ހާސިލްކުރަން ބޭނުންވާ ކަންތައް. ކުރިއެރުމުގެ ވާހަކަ ދައްކަން ބޭނުމީ ތަށި ހޯދައިގެން،" ސޯލްޝެއާ ބުންޏެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޔުނައިޓެޑާ އެކު 10 ތަށި ހޯދި ސޯލްޝެއާ ބުނީ ޔުނައިޓެޑް ކަހަލަ ކްލަބަކަށް ތިން އަހަރު ތަށްޓެއް ނުލިބި އޮތުމަކީ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް އޮތް މާޔޫސްކަމެއް ކަމަށާއި މިހާރު އޮތް ޔުނައިޓެޑް ޓީމު ވެސް ތަށި ހޯދޭނެ ފެންވަރަށް ދާން ޖެހޭ ކަމަށެވެ.

"ފުޓްބޯޅަ ކުޅެނީ ތަށި ހޯދަން. ތަށީގައި އަތްލަން. ފުރަތަމަ ތަށި ލިބުމަކީ ފެށުމެއް. ދެން އޮންނާނީ ތަށި ހޯދުން ތަކުރާރުކުރުން. އެއީ ޔުނައިޓެޑް ކަހަލަ ކްލަބަކުން މީގެ ކުރިން ވެސް ކަންތައް ކޮށްފައިވާ ގޮތަކީ،" ސޯލްޝެއާ ބުންޏެވެ.

ލީގު ކަޕްގެ ސެމީގައި މިރޭ އިދިކޮޅަށް ނުކުންނަ ސިޓީ އަކީ މި ކަހަލަ ޕްރެޝަރު މެޗުތަކުގެ ތަޖުރިބާ ބޮޑު ޓީމެއް ކަމަށް އޭނާ ބުންޏެވެ.

"މިހާރު އަހަރެމެންނަށް އޮތީ މޮޅުވުން. އެ ނޫން އެއްވެސް ކަމެއް ނެތް. ބަލިވިޔަސް ބަހަނާއެއް ދެއްކުން ނޫނީ ޝަކުވާއެއް ކުރުން އެއީ އަހަރެމެންނަށް މިހާރު އޮތްގޮތެއް ނޫން،" ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑްގެ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.