Roadha Mihaaru
ލޯނު ދައްކަން ޖެހޭ މުއްދަތު އިތުރުކުރޭ: އިދިކޮޅު

ލޯނު ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން އިދިކޮޅުން ގޮވާލައިފި

22 ޑިސެމްބަރ 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ދަށްވެ، އެތައް ބައިވަރު ޒުވާނުންގެ ވަޒީފާ ގެއްލިފައިވާ ދުވަސްވަރެއްގައި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރަން އިދިކޮޅުން މިއަދު ގޮވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ދަށްވެ، އެތައް ބައިވަރު ޒުވާނުންގެ ވަޒީފާ ގެއްލިފައިވާ ދުވަސްވަރެއްގައި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރަން އިދިކޮޅުން މިއަދު ގޮވާލައިފި އެވެ.

ޕީޕީއެމް/ޕީޢެންސީގެ ޒުވާނުންގެ ގޮފިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ފައިސަލް ވިދާޅުވީ އިނގިރޭސިވިލާތުން ފެނިފައިވާ ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއާ ގުޅިގެން ކޮވިޑުގެ ހާލަތު މިހާރަށް ވުރެ ގޯސްވުން އެކަށީގެންވާ ކަމަށް ސިއްހީ ތަރުޖިބާކާރުން ލަފާ ކުރާ ކަމަށެވެ. ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރަނީ ޓޫރިޒަމް ދާއިރާގައި ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި ކަމަށެވެ. އަދި ގިނަ އަދަދެއްގެ ކުދި ވިޔަފާރި ބަނގުރޫޓުވި ކަމަށާއި އެ މީހުންނަށް ލުއިތަކެއް ދިނުމަށް ސަރުކާރަށް ގޮވާލެއްވި އެވެ.

"އެހެންވެ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެބަ ޖެހޭ އާ ކޮވިޑް ރިލީފް ޕެކޭޖެއް ތައާރަފްކޮށް، އަދި އިންކަމް އެލަވަންސް ސަޕޯޓު އިތުރު ތިން މަހަށް ނުވަތަ ހަތަރު މަހަށް އެކްސްޓެންޑް ކުރަން،" އޭނާ ވިދާޅުވި އެވެ.

ބޭންކުތަކުން ދިވެހިން ނަގާފައިވާ ލޯނުތަކުގެ މުއްދަތު އިތުރުކުރަން ވެސް އޭނާ އެދިވަޑައިގަތެވެ.

ކޮވިޑާ ގުޅިގެން ދިމާވި ދަތި ހާލަތާ އެކު ސަރުކާރުން ދިން ލުއިތަކުގެ ތެރޭގައި ލޯނު ދެއްކުމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރުކުރުން ހިމެނެ އެވެ. އަދި ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓު ދޭން ވެސް ފެށި އެވެ.

އިދިކޮޅު ކޯލިޝަނުގެ ޒުވާނުންގެ ގޮފިން ކަންބޮޑުވުން ފާޅުކުރި އިތުރު ކަންތައްތަކުގެ ތެރޭގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، އެ ދާއިރާގައި މަސައްކަތް ކުރި، އަދި ވަޒީފާ އިން ކަނޑާލި މީހުންނަށް އަދިވެސް ވަޒީފާ ނުލިިބޭ ކަން ފާހަގަކުރި އެވެ. އަދި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ނެގޭ ފައިސާގެ އަދަދު ލިިމިޓްކުރުމުން ދިރިއުޅެން ދަތިވާތީ އެކަމާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.