Roadha Mihaaru

އިދިކޮޅު ވަރުގަދަ ކުރަނީ، ޕީޕީއެމްގެ ޕީޖީ ގުރޫޕާ އެކު މަސައްކަތް ކުރަން ދައުވަތު ދީފި!

ސަރުކާރާ އިދިކޮޅު ހަރަކާތް ވަރުގަދަ ކުރަން ބޭނުންވާތީ ކަމަށް ބުނެ، މެމްބަރުން އެންމެ ގިނަ އިދިކޮޅު ހަރަކާތް ޕީޕީއެމް/ޕީއެންސީއާ ގުޅެން ބޭނުންވާ ޕާޓީތަކާއި މެމްބަރުންނަށް އެ ކޯލިޝަންގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ ގުރޫޕް) އިން މިއަދު ދައުވަތު ދީފި އެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕާއެކު މަސައްކަތް ކުރުމުގެ ދައުވަތު
އަހުމަދު ހަމްދޫން
އަހުމަދު ހަމްދޫން

23 މެއި 2023

ސަރުކާރާ އިދިކޮޅު ހަރަކާތް ވަރުގަދަ ކުރަން ބޭނުންވާތީ ކަމަށް ބުނެ، މެމްބަރުން އެންމެ ގިނަ އިދިކޮޅު ހަރަކާތް ޕީޕީއެމް/ޕީއެންސީއާ ގުޅެން ބޭނުންވާ ޕާޓީތަކާއި މެމްބަރުންނަށް އެ ކޯލިޝަންގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ ގުރޫޕް) އިން މިއަދު ދައުވަތު ދީފި އެވެ.

"ރައްޔިތުންގެ މަޖިލިހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ކުރެވެން ހުރި މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، ޕީޕީއެމް/ޕީއެންސީގެ ޕީޖީ ގުރޫޕާ ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޭނުންވާ އެންމެހައި މެމްބަރުންނަށާއި ޕާޓީތަކަށް ދައުވަތު އަރުވަން،" އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން މިއަދު ކުރި ޓުވީޓެއްގައި ވެ އެވެ.

އެ ޕާޓީން އެހެން ބުނީ، ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމާ އެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްގެ ތަރުޖަމާން، އަފްޝަން ލަތީފް އިއްޔެ ވިދާޅުވުމުން، ކޯލިޝަންގެ ސުވާލު އުފެދިފައިވަނިކޮށެވެ. އެ ސުވާލު އުފެދުނީ ދަ ޑިމޮކްރެޓްސްގެ ވެސް ކެންޑިޑޭޓަކު ނެރޭނެކަން އެ ހަރަކާތުން އިއުލާން ކޮށްފައިވާއިރު، ޕީޕީއެމާއި ޖޭޕީގެ ވެސް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައި ވާތީ އެވެ.

ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ޕީޕީއެމް/ޕީއެންސީގެ 8 މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު އެހެން މެމްބަރުންނަށާއި އެހެން ޕާޓީތަކަށް މި ހުޅުވައިލީ އަފްޝަންގެ ވާހަކަތަކާ ގުޅިގެން މީޑިއާ އިން ސުވާލު ކުރިޔަސް އެ ކޯލިޝަންގެ ލީޑަޝިޕުން ޖަވާބެއް ނުދީ ތިބުމަށް ފަހު އެވެ. އަފްޝަންގެ ވާހަކަތަކަށް އެ ލީޑަޝިޕުން އަދިވެސް ސީދާކޮށް ވަކި ޖަވާބެއް ނުދެ އެވެ.

ސަރުކާރާ އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން ޕީޕީއެމް/ޕީއެންސީން މިހާރު މަސައްކަތް ކުރަނީ ޗާގޯސްގެ މައްސަލާގައި އުފައްދާފައިވާ ޕްލެޓްފޯމުގަ އެވެ. ޗާގޮސްގެ މައްސަލާގައި ސަރުކާރުން އެޅި ފިޔަވަޅާ ދެކޮޅަށް އެކުގައި މަސައްކަތް ކުރަނީ ޕީޕީއެމް/ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ނަޝީދުގެ ފެކްޝަނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރު އަދި އާއިޝަތު އާޒިމާ ޝަކޫރެވެ.

އިތުރު ސިޔާސީ މަސައްކަތެއް ކުރާ ކަމަކަށް އަދި އެ ބޭފުޅުން ވިދާޅެއް ނުވެ އެވެ.