Roadha Mihaaru
"ޑްރަގް މައްސަލާގައި ފަސް މީހުން ދޫކޮށްލީ ގޯސްކޮށް"

ކިލޯއެއްގެ ޑްރަގް މައްސަލާގައި ފަސް މީހުން ދޫކޮށްލީ ގާނޫނާ ޚިލާފަށް: ހައި ކޯޓް

20 ޑިސެމްބަރ 2020

އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ބަޔަކު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މީހުންގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ބަޔަކު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މީހުންގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހަކު ބަންދުުގައި ބޭތިއްބުމަށް ފަހު މިމަހު ކުރީކޮޅު ކްރިމިނަލް ކޯޓުން، ގާޒީ މުހައްމަދު މިސްބާހް އެ މީހުން ދޫކޮށްލީ އެ މީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވާނެ ސަބަބެއް ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ އެވެ.

އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށްތަކަކީ މުޖްތަމައުއަށް ނުރައްކާތެރި ކުށްތަކެއް ކަމަށް ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު ނިންމާފައިވާ ނިންމުމަށް އެ ކޯޓުން މިހާތަނަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އެކަމާ މެދު އެ ނޫން ގޮތަކަށް ދަށު ކޯޓުތަކަށް މާނަ ކުރުން ނުދެވޭނެ ކަމަށާއި އަދި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ކުށްތަކުން ރާއްޖެއަށް ލިބޭ ގެއްލުންތައް ބޮޑު ކަމަށް ވެސް ތަފާސް ހިސާބުތަކާ ހަވާލާދީ އެ ހުކުމުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ފަސް މީހުންނާ އެ ކުށާ ގުޅުވޭނެ ހެކި ހުރި ކަމަށް ނިންމުމަށް ފަހު އެ މީހުން ބަންދުން ދޫކޮށްލަން އަމުރު ކުރުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ޚިލާފް ނިންމުމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އަދި ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ "ކުށުގެ ތުހުމަތު ކުރެވޭ މީހާ" ގެ މި ލަފްޒު ދަށު ކޯޓުން މާނަ ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ ފަސް މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުތައް ބާތިލް ކުރުމާ އެކު، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެދޭތާ ހަތް ދުވަސް ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

އެ ފަސް މީހުންގެ ތެރެއިން އެކަކު ހައި ކޯޓަށް މިއަދު ހާޒިރުވެފައެއް ނުވެ އެވެ. ހުކުމުގައިވާ ގޮތުން އޭނާ ހުރީ ކޯޓުގެ ހުއްދަ ނެތި ފުރައިގެން ގޮސް ތ. އަތޮޅުގަ އެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމުގައި ފުލުހުންނަށް އަމުރުކުރީ އޭނާ ހައްޔަރު ކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.