Roadha Mihaaru
ސަން ކުންފުންޏާ ދެކޮޅު ހެކިންނަށް އަދީބާއި ޒިޔަތު

ސަން ކުންފުންޏާ ދެކޮޅަށް ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތުގެ ނަން ހުށަހަޅައިފި

20 ޑިސެމްބަރ 2020

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ދައުލަތުން މިއަދު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ދައުލަތުން މިއަދު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ފައިސާ ލޯންޑާ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އެ ދައުވާއަށް އެ ކުންފުނިން އިންކާރު ކުރެ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅީ އަދީބާއި ޒިޔަތާއި އިތުރު ބައެއް މީހުންގެ އިތުރުން ގިނަ އަދަދެއްގެ ލިޔުންތަކެވެ. ސަން ކުންފުނިން އެދުނީ ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށެވެ. އެހެންވެ، އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ.

ސަން ކުންފުނީގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ފުއްގިރީގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ އެހެން މައްސަލައެއްގައި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.