Roadha Mihaaru
އައިފާނު ބިލްޑިންގަކީ މިހާރު އެފްއެސްއެމް ބިލްޑިންގް

އެސްޓީއޯ އައިފާނު ބިލްޑިންގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލުކޮށްފި

18 ޑިސެމްބަރ 2020

އެސްޓީއޯ އައިފާނު ބިލްޑިންގުގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯ އައިފާނު ބިލްޑިންގުގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލުކޮށްފި އެވެ.

އެ އިމާރާތުގެ ނަން ބަދަލުކޮށްފައިވަނީ މިއަދު އެފްއެސްއެމްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. އެ ހަފްލާގައި އެސްޓީއޯ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއިި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވަނީ އެސްޓީއޯ އައިފާނު ބިލްޑިންގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލުކޮށް ނަން ބޯޑު އިފްތިތާހް ކޮށްދެއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އަމްރު ވިދާޅުވީ، 20 އަހަރު ދުވަހުގެ ހިދުމަތަކީ ކުރު މުއްދަތެއް ނޫން ކަމަށާއި، މިހާ ގިނަ ދުވަހު މެދުނުކެނޑި މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ތެޔޮ ޑެލިވަރީކޮށް، ރާއްޖޭގެ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނަ ނުދީ ހިފަހައްޓާކަމީ ފަހުރުވެރިވާން ޖެހޭކަމެއް ކަމަށެވެ.

އެ ހަފްލާގައި އެސްޓީއޯއިން ވަނީ އެ ކުންފުނީގެ 8.5 މިލިއަން ލީޓަރު ސްޓޯރޭޖްގެ ތެޔޮ ޓޭންކަރު (އަލިހުރަސް) އެފްއެސްއެމަށް ޓްރާންފާ ކޮށްފަ އެވެ. މިއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ތެޔޮ އުފުލާ ޓޭންކަރެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްގެ 20 އަހަރީ ދުވަހާ ގުޅިގެން ކޭކް ފަޅަނީ--ފޮޓޯ: އެފްއެސްއެމް

ފިއުލް ސަޕްލައި މޯލްޑިވްސްގެ 20 އަހަރީ ދުވަހާ ގުޅިގެން ކޭކް ފަޅަނީ--ފޮޓޯ: އެފްއެސްއެމް

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ގަސަމް ވިދާޅުވީ މިދިޔަ އަހަރު ވެގެން ދިޔައީ މިހާތަނަށް އެފްއެސްއެމްއިން އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަށް ކަމަށެވެ. ކޮވިޑާ ގުޅިގެން މި އަހަރަށް ކަނޑައެޅި ލަނޑުދަނޑިތައް ހާސިލް ނުވި ނަމަވެސް އަންނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެސްޓީއޯއާއި އޭރުގެ ވަރަ މޯލްޑިވްސް ހިއްސާވެގެން 2000 ވަނަ އަހަރު އެފްއެސްއެމް ވުޖޫދަށް އައިސްފައިވަނީ އެސްޓީއޯގެ ތެޔޮ ރާއްޖޭގެ ކަންކޮޅުތަކަށް ޑިސްޓްރިބިއުޓް ކުރާ ލޮޖިސްޓިކްސް ކުންފުންޏެއްގެ ގޮތުގަ އެވެ. ނަމަވެސް މިއަދު އެފްއެސްއެމް އަކީ ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރިއަށް ގެންދާ ކުންފުންޏެވެ.