Roadha Mihaaru
މިފްކޯ ރޭޓުގައި ހުޅުމާލޭން މަސްވެރިންނަށް ތެޔޮ ލިބޭނެ

އެފްއެސްއެމް އިން މިފްކޯ ރޭޓުގައި ހުޅުމާލޭން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި

27 ނޮވެމްބަރ 2022

މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ ރޭޓުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހުޅުމާލޭން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ ރޭޓުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހުޅުމާލޭން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި އެވެ.

ހުޅުމާލޭގައި މަސްވެރިންގެ ބަނދަރުގައި ކުރިން ތެޔޮ ވިއްކަމުން އައީ މަސް ގަނެ ޕްރޮސެސްކުރާ އަމިއްލަ ކުންފުނި އެންސިސް އިންނެވެ. އެކުންފުނިން ތެޔޮ ވިއްކަނީ މިފްކޯއަށް ވުރެ 2ރ. އަގު ބޮޑުކޮށެވެ.

އަގު ހެޔޮކޮށް ތެޔޮ ވިއްކަން ފެށީ އެންސިސް އިން ހަދާފައި ހުރި ތެޔޮ މަރުކަޒު ހިންގުމާ އެފްއެސްއެމް އިން ހަވާލުވުމަށް ފަހު އެވެ. އެހެންވެ، ކުރިން 19.3ރ. އަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު މަސްވެރިންނަށް 17ރ. އަށް ލިބޭނެ އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، ހުޅުމާލޭ ބަނދަރުގައި ތެޔޮ ވިއްކަން ނިންމީ، ހުރިހާ ހިސާބަކުން ވެސް މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަދަން ކަމަށެވެ.

"މިސަރަހައްދުން ހުރިހާ މަސްވެރިންނަށް އެ ރޭޓުގައި ތެޔޮ ލިބޭނެ. މަސްވެރިން ބޭނުންވާ ވަރަށް ލިމިޓެއް ނެތި ތެޔޮ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މަސްވެރިންނަށް އެންސިސް އާއި ހޮރައިޒަން މެދުވެރިކޮށް އަގު ހެޔޮކޮށް ނުވަތަ މިފްކޯއިން ވިއްކާ ރޭޓުގައި ތެޔޮ ނުލިބޭތީ މީގެ ކުރިން ވެސް މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.